Roadha Mihaaru
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"

މުއިއްޒު ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން ބާރު ސްޕީޑުގައި ސަރުކާރު ހިނގާނެ ކަމަށް

02 އޮކްޓޯބަރ 2023

އެ މަނިކުފާނު ވެރިކަމުގެ ހުވާކުރައްވާ ދުވަހުން ފެށިގެން ވެސް ސަރުކާރުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެ މަނިކުފާނު ވެރިކަމުގެ ހުވާކުރައްވާ ދުވަހުން ފެށިގެން ވެސް ސަރުކާރުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީގެ އުފާވެރިކަން ފާހަގަކުރަން އެތައް ސަތޭކަ ބަޔަކާ އެކު، ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް ބާރު ސްޕީޑުގައި ދިވެހިންނަށް ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ދެއްވައިފަ އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރު ބަދަލުވުމަށް މި ހިނގާ ޓްރާންސިޝަނަލް ޕީރިއަޑްގެ ދޮޅުމަސް ދުވަހުގެ ތެރޭގައި އެ މަނިކުފާނުގެ ޓީމުން ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް ގޮސް، މައުލޫމާތު އެ ޓީމުން އެއްކުރާނެ ކަމަށާއި އެއްވެސް އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ވެސް ނުފޮރުވައި، ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުން ސޯޝަލް ސެންޓަރު ފުރާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުން ސޯޝަލް ސެންޓަރު ފުރާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެ މަނިކުފާނާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެއްވި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ ފުރަތަމަ ދުވަހުން ފެށިގެން ބާރު ސްޕީޑުގައި ހިނގާނެ ސަރުކާރު، ބާރު ސްޕީޑުގައި: މުއިއްޒު

"މި ދޮޅުމަހެއްހާ ދުވަހުގެ މަސައްކަތް ނިމޭއިރުގައި، [ނޮވެމްބަރު] 17 ވަނަ ދުވަހު އަޅުގަނޑުމެން މަސައްކަތް ފަށާއިރުގައި، ތިބޭނީ ރެޑީވެގެން،" މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ފުރަތަމަ ދުވަހުން ފެށިގެން ބާރު ސްޕީޑުގައި ހިނގާނެ ސަރުކާރު، ބާރު ސްޕީޑުގައި."

ކެމްޕެއިންގެ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން

މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ މަނިކުފާނުގެ އެންމެ ބޮޑު ވައުދަކަށް ވީ ގެދޮރު ކަށަވަރުކޮށްދިނުން ކަމަށެވެ. އެ ވައުދު ފުއްދައި ދެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީން ކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ފެނިގެން ދާނީ މާލެ ސަރަހައްދު ކަމަށް ބަލަންޏާ ފުށިދިއްގަރު ފަޅާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިމެނޭ ގޮތަށް ގާތްގަނޑަކަށް 65،000 ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންވެގެން ދާ ތަން. ފަސް އަހަރުގެ ތެރޭގައި މި ބިޔަ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މި ފެށޭ އަހަރު ނިމުމުގެ ކުރީގައި އެއްކޮށް ނިންމަން ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ 6-12 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކުމަކީ މުއިއްޒުގެ ވައުދެކެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދެން މިހާރު ދީފައި ހުރި ގޯތިތައް ހަމަ އެގޮތަށް، ބައެއް ގޯތި އަދި ޖެހޭނީ ދުނިޔެއަށް ގެންނަން ކަނޑުއަޑީގައި ހުރީމާ. އެ ހުރިހާ ގޯއްޗެއް އިރާދަކުރެއްވިއްޔާ ދުނިޔެ އަށް، ބިން ހިއްކާ ނިމޭއިރު އަންނާނެ. ގެނެސްދެން ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ހަމަ އެގޮތަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި، ކޮންމެ ރައްޔިތަކަށް ވެސް ގެދޮރު ކަންކަމުގައި ހަމަހަމަކަން އޮންނާނެ ކަމަށާއި އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އުމްރާނީ ތަރައްގީގެ ވަރަށް ބޮޑެތި މަޝްރޫއުތަކަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ. އެ ހުރިހާ މަޝްރޫއުއެއް ވެސް ހިންގާނެ އެވެ.

"އެ ހުރިހާ ވައުދެއް ފުއްދަން ހީވާގި ޓީމެއް އެކުލަވާލާނެ. ކެބިނެޓުގައި ތިބޭނީ މި މަސައްކަތް ކުރެވޭ ވަރުގެ ހީވާގި، ތައުލީމީ ބޭފުޅުން. ރެއާ ދުވާލު މަސައްކަތް ކުރައްވާނެ. އަޅުގަނޑަށް ކޮންމެ ވަގުތަކު ވެސް ޖަވާބުދާރީވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުގެ އަދަދު މިހާރު 50 އިން މައްޗަށް ގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ކުންފުނިތައް ބަނގުރޫޓުވެފައި ވާތީ މުއިއްޒު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން ބައެއް ކުންފުނިތައް އެ މަނިކުފާނުގެ ވެރިކަމުގައި ބޮޑެތި ކުންފުނިތަކާ ގުޅުވާލައި، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރައްވާނެ ކަމަށެވެ. އެ ކުންފުނިތަކުގެ ވެރިންނަށް ވެސް ނަގާނީ ގާބިލު ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑަށް ފުރިހަމަ އިތުބާރު އޮތް ބޭފުޅުން އެ މަގާމުތަކަށް ލާނީ. އަޅުގަނޑު ބުނާ ގޮތަށް ކަން ކުރާނެ ބޭފުޅުން، އަޅުގަނޑު ފަހު ބަސް އެއިން ކޮންމެ ބޭފުޅަކަށް ބުނާނީ، އެވަރުގެ ބޭފުޅުން ކޮންމެ މަގާމަކަށް ވެސް ލާނީ،" ބައިގަޑިއިރަށް ވުރެ ގިނައިރު ވަންދެން ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މިހާރުގެ ސަރުކާރުގެ ގޮތަށް ވެރިކަން ހިންގުމުގެ ބާރު އެހެން ބައެއްގެ އަތްމަތީގައި ނޯންނާނެ އެވެ. އެމަނިކުފާނުގެ މައްޗަށް ބާރު ހިންގާނެ "ބާރުގަދަ ބަޔަކު" ނުތިބޭނެ އެވެ. އެމަނިކުފާނުގެ މައްޗަށް ހަމައެކަނި ހިނގާނީ ރައްޔިތުންގެ ބާރެވެ. އެމަނިކުފާނު ވެރިއަކަށް އިންތިހާބު ކުރީ ރައްޔިތުން ކަމަށް ވާތީ، ވެވަޑައިގަންނަވާނީ ރައްޔިތުންގެ ހާދިމަކަށެވެ.