Roadha Mihaaru
ވިސްނުމަކީ މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަދުރޭ

ވިސްނުން ހުރީ މުއިއްޒަށް ދެ ވަނަ ދައުރެއް ވެސް ދިނުމަށް: އަދުރޭ

12 އޮކްޓޯބަރ 2023

މަސައްކަތް ކުރައްވާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުރު ދައުރެއް ވެސް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސައްކަތް ކުރައްވާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުރު ދައުރެއް ވެސް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އަދުރޭ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ދެއްވި ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން މި ހިނގާ ޓްރާންސިޝަން މުއްދަތުގައި ދައުލަތުގެ އިދާރާތަކުގެ ހާލަތު ހުރި ނެތް ގޮތް ވަޒަންކުރަމުން އަންނަ ކަމަށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ޕްރެސްގައި ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ޕްރެސްގައި ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުއިއްޒުގެ ސަރުކާރުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތް އެނގޭނީ ދައުލަތުގެ އިދާރާތަކުގެ ހާލަތު އެނގިގެން ކަމަށާއި އެ މަނިކުފާނުގެ ވައުދުތައް ފުއްދައިދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، މުއިއްޒުގެ ފަސް އަހަރުގެ ދައުރެއް ނިންމާލާނީ އަންނަ ފަސް އަހަރަށް ވީ ވައުދުތައް ދެން އަންނަ ދައުރެއްގައި ފުއްދައިދޭނަމޭ ނުބުނެވޭ ވަރަށް މަސައްކަތް ކޮށްފަ އެވެ.

ފަސް އަހަރު ފަހުން އަނެއްކާވެސް ޑރ. މުއިއްޒު ގޮވައިގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން: އަބްދުއްރަހީމް

"ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ނުތިބޭނަން ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ކުރިމަތިލާއިގެން ތިބެ، ތިމަންނަ ފުރަތަމަ ފަސް އަހަރަށް ވީ ވައުދުތައް ފުއްދަން އަދި އިތުރު ފަސް އަހަރު ދޭށޭ ބުނާކަށް ނުތިބޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފަސް އަހަރު ފަހުން އަނެއްކާވެސް ޑރ. މުއިއްޒު ގޮވައިގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން. ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ޑރ. މުއިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕެއިނަށް ދާނީ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދާފައި."

ދެ ވަނަ ދައުރަކަށް އިންތިހާބު ކޮށްދޭން މުއިއްޒު ދިވެހިންގެ ގާތަށް ވަޑައިގަތުމުން ކުރިން ވީ ވައުދު ކޮބައިތޯ އެއްވެސް މީހަކު ނާހާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރަމުން އަންނަ އިންތިގާލީ ކޮމިޓީގައި 500 މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ކޮމިޓީގެ ޓީމުތައް 15 ބަޔަކަށް ބަހާލައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް ގޮސް މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިގާލީ މަރުހަލާގެ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.