07 ނޮވެމްބަރ 2023
ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ގެ "ސިޔާސީ ބައްޕަ" އަކީ އޭނާ ވިދާޅުވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އަބްދުއްރަހީމްގެ ސިޔާސީ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޔާމީނާ އެކު އެވެ. ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ވެސް ފުރުއްވީ ޔާމީން އެ ކަމަށް ބާރު އެޅުއްވިލެއް ބޮޑުކަމުންނެވެ. ޔާމީން އިސްވެ އުފެއްދި ސިޔާސީ ޕާޓީ، ޕީއޭ ޒަމާނުއްސުރެ ދެ ބޭފުޅުން އެހާ ގާތެވެ. ޔާމީން މި ފަސް އަހަރު ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި މުޅި އިދިކޮޅު ކޯލިޝަން ހިފެހެއްޓެވީ އަބްދުއްރަހީމެވެ.
ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ގެ "ސިޔާސީ ބައްޕަ" އަކީ އޭނާ ވިދާޅުވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އަބްދުއްރަހީމްގެ ސިޔާސީ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޔާމީނާ އެކު އެވެ. ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ވެސް ފުރުއްވީ ޔާމީން އެ ކަމަށް ބާރު އެޅުއްވިލެއް ބޮޑުކަމުންނެވެ. ޔާމީން އިސްވެ އުފެއްދި ސިޔާސީ ޕާޓީ، ޕީއޭ ޒަމާނުއްސުރެ ދެ ބޭފުޅުން އެހާ ގާތެވެ. ޔާމީން މި ފަސް އަހަރު ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި މުޅި އިދިކޮޅު ކޯލިޝަން ހިފެހެއްޓެވީ އަބްދުއްރަހީމެވެ.
ދެ ބޭފުޅުން ސިޔާސީ ގޮތުން އެހާ ގާތަސް އަބްދުއްރަހީމްގެ ހަޔާތުގައި އެންމެ ފަހުރުވެރި ނިންމުން ނިންމަވަން ޖެހިވަޑައިގަތީ އޭނާގެ އެ ސިޔާސީ އުސްތާޒާ ދެކޮޅަށެވެ. ޔާމީން ބޭނުންފުޅު ނުވާ ކަމެއް މިއަދު ވެފައި ވަނީ އަބްދުއްރަހީމްގެ 30 އަހަރުގެ ސިޔާސީ ދިގު ތާރީހުގައި ނިންމެވި އެންމެ ބޮޑު ގައުމީ ނިންމެވުމަށެވެ.
އެއީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އޭރު ޖަލުގަައި ހުންނަވައިގެން ޔާމީން އެންގެވި އެންގެވުމާ ހިލާފަށް އަމަލު ކުރަން ބާރު އެޅުއްވުމެވެ. ޔާމީން ބޭނުންފުޅުވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރުމުގެ ބަދަލުގައި ޕީޕީއެމް/ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، އިންތިހާބާއިގެން ކުރިއަށް ދާން ނިންމެވީ ސީދާ އަބްދުއްރަހީމް ބޭނުން ވެގެންނެވެ. އެ ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ވެސް އޭނާ އެވެ.
އަބްދުއްރަހީމް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެއީ އޭނާގެ ސިޔާސީ ހަޔާތުގައި ޔާމީނާ ދެކޮޅަށް ނިންމެވި ފުރަތަމަ ނިންމެވުން ވެސް މެ އެވެ.
"އަޅުގަނޑު މިއަދު ވެސް އުފާވޭ އަޅުގަނޑަށް އެ ގޮތަށް ނިންމުނީމާ. އެއީ ރައީސް ޔާމީންގެ އެންގެވުމަކާ ދެކޮޅަށް އަޅުގަނޑަށް ނިންމުނު ފުރަތަމަ ކަންތައް ހަގީގަތުގައި ވެސް. އެހެން ނޫނީ ވޭތުވެދިޔަ ފަސް އަހަރު ވެސް ރައީސް ޔާމީންގެ އެންގެވުމަކާ ދެކޮޅަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް 3 ގައި ބޭއްވި ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އޭރުގެ ރައީސް އަބްދުއްރަހީމް ވޯޓުލައްވަނީ: މުއިއްޒަށް ޓިކެޓް ހޯއްދަވައި ދެއްވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ އަބްދުއްރަހީމް.--- ފޮޓޯ: ނިޝާން އަލީ
އެކަމަކު، އަބްދުއްރަހީމް ވިދާޅުވީ، އިންތިހާބު ބޮއިކޮޓް ކުރަން ޔާމީންގެ ސީދާ "އޯޑަރު" އައި ނަމަވެސް އެއާ ދެކޮޅަށް ތެދުވެވަޑައިގަތީ ގައުމާއި ދިވެހިންގެ ހައްގުގަ އެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އައި އެންމެ އުނދަގޫ ދުވަސް އެއީ. އެކަމަކު އެ އުނދަގޫ ވަގުތު އަޅުގަނޑަށް ނިންމުނު ނިންމުމާ މެދު ފަހުރުވެރިވޭ. އެ ނިންމުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވެރިކަން މި ލިބުނީ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ ސަބަބުން ރައީސް ޔާމީނަށް ވެސް ލުއިތަކެއް ލިބިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ކިބައިން ޔާމީން އެދިވަޑައިގަތީ މަނީލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެގެން އެ މަނިކުފާނަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށް ގަބޫލު ކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރާށެވެ. އެހެންވެ، އެ ކަމާ މެދު ގޮތެއް ނިންމަން މި އަހަރުގެ އޮގަސްޓް ހަ ވަނަ ދުވަހުގެ ހަވީރު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައިގެން އަބްދުއްރަހީމް ވޯޓަށް އެއްސެވީ ޔާމީނަށް ކޮށްފައި ވަނީ ނުހައްގު ހުކުމެއް ކަމަށް ގަބޫލު ކުރާ ނަމަ ވޯޓު ދިނުމަށެވެ. އެެ ބައްދަލުވުމުގެ ހުރިހާ މެމްބަރުން ވެސް އެ ކަމަށް އިއްތިފާގުވި އެވެ. އެކަމަކު، ވަކިން ދެ ކަމަށް ވޯޓަށް އަހަން އަބްދުއްރަހީމް ނިންމެވުމުން މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވި އެވެ.
"އަޅުގަނޑު ދެންނެވިން މިކަމުގެ ބާވަތަށް ބަލާއިރު ބަހުސަށް ޖާގަ ނުދީ، ވޯޓު ނަގާ ވަރު ކަމަކަށް ނުވީމައޭ ވަކިން ވޯޓު ނަގަން ބޭނުންވީ. ހިޔާލު ތަފާތުވުން ބޮޑުވެގެން ލީޑަޝިޕްގެ މަޝްވަރާ ހޯދަން ދެ ފަހަރު ޖެހުނު ސެނެޓް މެދުކަނޑާލަން. އަޅުގަނޑަށް އެނގޭ އެ ވަގުތު ރޫހު ހުރި ގޮތުން ބަހުސަށް ފުރުސަތު ދީފިއްޔާ އިންތިހާބު ބޮއިކޮޓް ކުރަން ނުނިންމާނެކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ޔާމީން ބޭނުންފުޅުވި ގޮތަށް ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން މިދިޔަ އޮގަސްޓް 6 ގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސަމިޓުގައި ވޯޓު ދެއްވަނީ.
އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓުން ނިންމިކަން ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި ޔާމީނަށް އެންގެވި އެވެ. އެކަމަކު، އެ ވަގުތު ވެސް ޔާމީން ހުންނެވީ އެ މަނިކުފާނުގެ ގޮތުގަ އެވެ. ހުންނެވީ ގޮތް ދޫނުކުރެއްވުމުގެ އަޒުމުގަ އެވެ. ލީޑަޝިޕްގައި އިތުރަށް ބަހުސް ކުރުމަށް އެންގެވި އެވެ. ނަމަވެސް އަބްދުއްރަހީމް އެންގެވީ ސެނެޓުން ވަކި ގޮތެއް ނިންމުމުން ލީޑަޝިޕަށް ކަމެއް ކުރެވޭނެ މަގު ބަންދުވެއްޖެ ކަމަށެވެ.
އަޅުގަނޑު މިއަދު ވެސް އުފާވޭ އަޅުގަނޑަށް އެ ގޮތަށް ނިންމުނީމާ. އެއީ ރައީސް ޔާމީންގެ އެންގެވުމަކާ ދެކޮޅަށް އަޅުގަނޑަށް ނިންމުނު ފުރަތަމަ ކަންތައް ހަގީގަތުގައި ވެސް. އެހެން ނޫނީ ވޭތުވެދިޔަ ފަސް އަހަރު ވެސް ރައީސް ޔާމީންގެ އެންގެވުމަކާ ދެކޮޅަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،"--- އަބްދުއްރަހީމް
އެހެންވެ، ލީޑަޝިޕުން އެ ރޭ އަނެއްކާ ބައްދަލުކޮށް، ނިންމީ ޔާމީންގެ ޖަވާބަކަށް އެންމެ ފަހު ވަގުތާ ހަމައަށް އަށް ވެސް މަޑުކުރުމަށް ފަހު، އެންމެ ލަސްވެގެން ޖެހިގެން އަންނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރު މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ލާށެވެ. އެކަމަކު، ފޯމު ލުން އެހާ ލަސްކޮށްފި ނަމަ އިދާރީ ކަމަކާ ހެދި ފޯމު އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކޮށް، އަނެއް ފަސް އަހަރު މަގުމަތީގައި ތިބެން ޖެހިދާނެ ކަމަށް ބައްލަވައި ސީދާ އަބްދުއްރަހީމް ނިންމެވީ ވީހާ ވެސް ހެނދުނު އެ ކޮމިޝަނަށް ފޯމު ލާށެވެ.
"ފޯމުލާން ގޮސް ދަރުބާރުގޭގައި އިށީންތަނާ ރައީސް ޔާމީންގެ އަނބިކަނބަލުން އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވީ، ޔާމީން ވިދާޅުވެއްޖެއޭ އަބްދުއްރަހީމް ކައިރީ ބުނާށޭ ތިމަންނަ ގޮތް ދޫކޮށްފީމޭ. ޑރ. މުއިއްޒާ އެކު ކުރިއަށް ދާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އެކަން [މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީ އަށް ލުން] އަޅުގަނޑަށް ކުރެވުނީ ރައީސް ޔާމީންގެ ރުހުމާ އެކީގައި ކަމަށް."
ޕީއެންސީ އުފައްދަން ޖެނުއަރީ 2019 ގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީނާއި އަބްދުއްރަހީމް އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު.---ފައިލް ފޮޓޯ: މިހާރު
ނަމަވެސް އޭގެ ފަހުން ހަގީގަތަކީ ދެ ބޭފުޅުންގެ ގުޅުން އެއްވެސް ގޮތަކަށް ނެތް ކަމެވެ. މުއިއްޒަށް މި ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، މިދިޔަ މަހުގެ 1 ވަނަ ދުވަހު ޖަލުން ގެ އަށް ޔާމީން ބަދަލުކުރި ފަހުން ޔާމީނާއި އަބްދުއްރަހީމާ ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ގުޅުއްވައި އެއްވެސް ގޮތަކަށް ވާހަކައެއް ނުދައްކަވަ އެވެ. މިދިޔަ އެއް މަސް ތެރޭގައި އެންމެ ދުވަހަކު ވެސް ޔާމީން އިސްވެ އަބްދުއްރަހީމަށް ނުގުޅުއްވަ އެވެ. ދެ ބޭފުޅުން އޭގެ ފަހުން ބައްދަލެއް ވެސް ނުވެ އެވެ.
"ތެދެއް ދަންނަވަންޏާ ރައީސް ޔާމީން މި ފަހަރު ގެ އަށް ބަދަލުކުރި ފަހުންނެއް ރައީސް ޔާމީން އަޅުގަނޑާ ވާހަކަފުޅެއް ނުދައްކަވާ. ފޯނު ވެސް ނުކުރައްވާ. އަޅުގަނޑަކީ އެއްވެސް އިރެއްގައި ރައީސް ޔާމީނަށް އިސްވެ ގުޅާ މީހެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ ބޭފުޅެއް ރައީސް ޔާމީނަކީ. ރައީސް ޔާމީން ގުޅުއްވީމާ އަޅުގަނޑު ވާހަކަ ދައްކަނީ. ވަރަށް އާޖެންޓް ކަމެއް ދިމާވެއްޖިއްޔާ މެސެޖް ކޮށްލަން ސާ އޭ ގުޅާލަން ބޭނުމޭ. ދެން ރައީސް ޔާމީން ގުޅުއްވާނެ ނޫނިއްޔާ ވިދާޅުވާނެ ގުޅާލާށޭ."
ޔާމީން މިދިޔަ މަހުގެ 1 ގައި ޖަލުން ގެ އަށް ބަދަލުކުރުމުން އެ ކަމުގެ އުފަލުގައި ގެކޮޅު ކައިރިި އަށް ވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީގެ އިސްބައެއް ވެރިންނާ އެ މަނިކުފާނު ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޔާމީން ޖަލުން ގެ އަށް ބަދަލުކުރި ދުވަހު މަގުމަތިން ސަޕޯޓަރުންނާ ސަލާން ކުރައްވަމުން ގެންދެވިރު ވެސް އެކަން ފާހަގަކުރި އެތައް ބަޔަކު ތިއްބެވެ. އަބްދުއްރަހީމްގެ ސިޔާސީ އުސްތާޒަކަށް ޔާމީން ވިޔަސް އަދި ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު މުޅި ކޯލިޝަން ހިފެހެއްޓެވީ އަބްދުއްރަހީމް ކަމަށް ވިޔަސް ދެ ބޭފުޅުން ހަތަރުކަޅި ވެސް އެ ދުވަހު ހަމަ ނުކުރައްވަ އެވެ.
އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ސިޔާސީ ގޮތުން އަޅުގަނޑު މި ހުރީ ރައީސް މުއިއްޒާ އެކު. އަޅުގަނޑު މަޝްވަރާ ކުރާނެ އެންމެ މުހިންމު ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒު،"---އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ ކަންތައްގަނޑުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގެ އިލްޒާމް ބައެއް މެމްބަރުން އޭނާގެ ކޮނޑުގައި އެޅުވި ކަމަށެވެ. އޭގެ ތެރޭގައި ސެނެޓްގެ މެމްބަރުން ހިމެނެ އެވެ.
"ބައެއް ބޭފުޅުން ބޭނުންވި ވަގުތުން ބައެއް ކަންކަމަށް ރައްދު ދޭން ވެސް. އެކަމަކު އަޅުގަނޑު ބުނީ ކެތްތެރިވާށޭ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ރުޅިއައިސްގެން އަޅުގަނޑާ ދިމާލަށް ވެސް ބުނި އަބްދުއްރަހީމް ބައިވެރިވެގެންނޭ މި ހުރިހާ ކަމެއް މި ހިންގަނީ. އެހެން ނޫން ނަމަ އެ ވަރަކަށް އެ ކަމެއް ނުދާނެއޭ،" ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޕީޕީއެމް އޮފީސްތެރޭގައި ހިންގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު އެ ދުވަހު ވެސް ބުނީ ކެތްތެރިވާށޭ. މާދަމާ ވެސް އެންމެން އެކީގައޭ މަސައްކަތް ކުރަން ޖެހޭނީ. ޖަޒުބާތުގައި ކަންކަން ކުރީމާ ރަނގަޅެއް ނުވާނެއޭ."
އަބްދުއްރަހީމް އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަބްދުއްރަހީމް މިއަދު ވެސް ގަބޫލު ކުރައްވަނީ އޭނާއާ މެދު ޔާމީން ދުވަހަކު ވެސް ގޯސް ނުވާނެ ކަމަށެވެ. ހިތްބަރުކަމެއް ނުގެންގުޅުއްވާނެ ކަމަށެވެ. ސިޔާސީ ގޮތުން ޔާމީނާ އެންމެ ގާތް ބޭފުޅަކީ އަބްދުއްރަހީމް ގަބޫލު ކުރައްވާ ގޮތުގައި އޭނާ އެވެ. ޔާމީން ވެސް ހަމަ އެ ބީދައިން މި ފަސް އަހަރުގެ ތެރޭގައި ވާހަކަ ދައްކަވާފައިވާ ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
އެއީ މި ފަސް އަހަރުގެ ތެރޭގައި އެންމެ ފުރަތަމަ ޔާމީން ޖަލަށް ލި ނަމަވެސް ސަލާމަތް ވުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ބޭއްވި ޖަލްސާގައި އަބްދުއްރަހީމަށް ތައުރީފު ކުރައްވައި ޔާމީން ދެއްކެވި ވާހަކަފުޅެވެ.
"އެ ޖަލްސާގައި އެކި ބޭފުޅުންނަށް އެޑްރެސް ކުރައްވަމުން އައިސް އަޅުގަނޑަށް އެޑްރެސް ކުރައްވަމުން [ޔާމީން] ވިދާޅުވި ތިމަންނަގެ ސިޔާސީ އެންމެ ގާތް އަހު، ތިމަންނަ އެންމެ އިތުބާރު ކުރާ އަދި ތިމަންނައާ އެކީގައި ސިޔާސީ މަސައްކަތް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި، އެ ބަސްތައް ޔާމީން ބޭނުންކުރެއްވި. އެ ވީޑިއޯ މިހާރު ވެސް އަޅުގަނޑުގެ އަތުގައި އެބައޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައީސް ޔާމީން ވިދާޅުވި، އަބްދުއްރަހީމްގެ މަސައްކަތް ތިމަންނަ ބަލައިގަނޭތޯ ނުގަތޭ އަހާކަށް ނުޖެހޭނެއޭ. އެ އަށް ވުރެ ބޮޑަށް އެ މަސައްކަތް ތިމަންނަ ބަލައިގަންނަކަން އަބްދުއްރަހީމަށް އެނގޭނެއޭ. އެހާ ވަރަށް އަޅުގަނޑަށް ތައުރީފު ކުރައްވައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި."
ތެދެއް ދަންނަވަންޏާ ރައީސް ޔާމީން މި ފަހަރު ގެ އަށް ބަދަލުކުރި ފަހުންނެއް ރައީސް ޔާމީން އަޅުގަނޑާ ވާހަކަފުޅެއް ނުދައްކަވާ. ފޯނު ވެސް ނުކުރައްވާ،"--- އަބްދުއްރަހީމް
އެކަމަކު، އޭގެ އެތައް މަހެއް ފަހުން މިހާރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މި އެއްމަސް ތެރޭގައި ޕީޕީއެމް/ޕީއެންސީގެ އެތެރޭގެ ކަންކަން ބަދަލުވެފައިވީ ނަމަވެސް އަބްދުއްރަހީމް ގަބޫލު ކުރައްވަނީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރަކީ އަދިވެސް ޔާމީން ކަމަށެވެ. އެހެންވެ، މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާކުރައްވާ މުއިއްޒަށް ޔާމީން މަގުދައްކަވާނެ ކަމުގެ ޔަގީންކަން އަބްދުއްރަހީމަށް އެބައޮތެވެ.
އަބްދުއްރަހީމް ވަރަށް ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވާއިރު އިންތިހާބީ ރައީސް މުއިއްޒު އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު ބަދަލުވެފައިވާ އަނެއް ހަގީގަތަކީ އަބްދުއްރަހީމްގެ ސިޔާސީ އެންމެ ގާތްބޭފުޅަކީ މިހާރު އިންތިހާބީ ރައީސް މުއިއްޒެވެ. ހުރިހާ ކަމެއްގައި ވެސް މަޝްވަރާ ކުރައްވަން އަބްދުއްރަހީމް ބޭނުންވަނީ މުއިއްޒާ އެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ސިޔާސީ ގޮތުން އަޅުގަނޑު މި ހުރީ ރައީސް މުއިއްޒާ އެކު. އަޅުގަނޑު މަޝްވަރާ ކުރާނެ އެންމެ މުހިންމު ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމަކު، އަބްދުއްރަހީމްގެ "ސިޔާސީ އުސްތާޒު" ގެ ލަގަބު އޮތީ އަދިވެސް ޔާމީނަށް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފަހަރެއްގައި އަބްދުއްރަހީމް މިހާރު ދަތުރު ކުރައްވަނީ ޔާމީން ދެއްކެވި މަގުން، ހަމަ އެ ގޮތަށް އެހެން މިސްރާބަކަށް ކަމަށް ވެސް ވެދާނެ އެވެ.
ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އެކުގައި: އަދުރޭ
ކާމިޔާބީގެ އަސްލަކީ ލީޑަޝިޕްގެ މަޝްވަރާ: އަބްދުއްރަހީމް
ޕީޕީއެމް މީހުން ޕީއެންސީއަށް ގެންނަން މުއިއްޒު ދެކޮޅު
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް
ޔާމީނާއެކު ތިބީ ރަނގަޅު ކަމަށް ހެދިގެން އުޅޭ ބައެއް!
އަބްދުއްރަހީމްގެ ނުސީދާ ރައްދު ޔާމީނަށް
އަބްދުއްރަހީމްގެ ނުސީދާ ރައްދެއް ޔާމީނަށް!
އަބްދުއްރަހީމްގެ ރައްދު: ފަސްއެނބުރި ބެލުމެއް ނެތް!
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
"އެންމެ ވަރުގަދަ ކެބިނެޓަށް ވާނެ، ޕްރެޝަރެއް ނެތް"