Roadha Mihaaru
އަބްދުއްރަހީމްގެ ނުސީދާ ރައްދު ޔާމީނަށް

އަބްދުއްރަހީމްގެ ނުސީދާ ރައްދު ޔާމީނަށް: ވަފާތެރިވާނީ ފިކުރަށް، ވަކި ބޭފުޅަކަށް ނޫން

27 ފެބުރުއަރީ 2024

ވަފާތެރިވާން ޖެހޭނީ ވަކި ބޭފުޅަކަށް ނޫން ކަމަށާއި އަބަދުވެސް ދެމިހުންނަވަނީ ސިޔާސީ މަސައްކަތް އޭނާ ފެއްޓެވި ފިކުރުގެ މަތީގައި ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ނުސީދާ ރައްދެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަމާޒުކުރައްވައިފި އެވެ.

އިފްރާޒް އަލީ ށ. މިލަންދޫން އިފްރާޒް އަލީ

ވަފާތެރިވާން ޖެހޭނީ ވަކި ބޭފުޅަކަށް ނޫން ކަމަށާއި އަބަދުވެސް ދެމިހުންނަވަނީ ސިޔާސީ މަސައްކަތް އޭނާ ފެއްޓެވި ފިކުރުގެ މަތީގައި ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ނުސީދާ ރައްދެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަމާޒުކުރައްވައިފި އެވެ.

ރައީސް މުއިއްޒު އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ އިދިކޮޅު އެމްޑީޕީ އާއި އޭނާ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރެއްވި ޔާމީނަށް ވެސް ފާޑުވިދާޅުވެފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ދިގު ސިޔާސީ ހަޔާތުގައި ވަރަށް ގިނަ ވެރިންގެ ކަންކަން ހުންނަ ގޮތް ކައިރިން ފެނިވަޑައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެރިކަމުގެ ލައްޒަތާއި އިއްޒަތަށްޓަކައި ވެރިކަން ކުރެއްވި ބޭފުޅުންނާއި ވެރިކަމުގެ ލާބަ އާއި މަންފާއަށްޓަކާ ވެރިކަން ކުރެއްވި ބޭފުޅުންނާއި ވެރިކަމަށްޓަކާ ފަހުރުވެރިވެ، ބޮޑާކަން މަތީގައި ވެރިކަން ކުރެއްވި ބޭފުޅުންނާ އަދި ރައްޔިތުންނަށްޓަކައި ވެރިކަން ކުރެއްވި ބޭފުޅުން ވެސް ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ވެރިއަކު، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި އެ ޝަކުވާތަކާއި ރައްޔިތުންގެ ބޭނުންތައް އެނގިވަޑައިގެން، ރައްޔިތުންގެ ކުރިމަގު ބިނާކުރަން ފެއްޓެވީމާ ހަސަދަވެރިކަމާއި ބޮޑާވެރިކަމާއި ކިބުރުވެރިކަމުގެ ސަބަބުން އެ ކަންކަން ކިލަނބުކުރަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް، އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑުއެއްސެވުމުގެ ހިތްވަރު ހުރި، ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވާނެ އިހުލާސްތެރި ވެރިއެއް ކަމަށެވެ. ފަހުގެ ތާރީހެއްގައި މި ވަރުގެ ކެރިވަޑައިގަންނަވާ ވެރިއަކު ރާއްޖެ ދެކެފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި ވަރުގެ ވެރިއެއްގެ ވެރިކަން ވައްޓާލަން އެންމެން ގްރޫޕް ހަދައިގެން "ބޮނޑިބަތް ކެއްކިޔަސް" ރައްޔިތުން އެ ފުރުސަތެއް ނުދޭނެ އެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން ޔާމީން އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ އާ ޕާޓީގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ނުސީދާކޮށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ ފުރަތަމަ ސިޔާސީ ހަޔާތުގެ ފުރަތަމަ ދުވަހު ވެސް ހިޔާރުކުރި ފިކުރުގެ މަތީގައި ކަމަށެވެ.

"އަޅުގަނޑުމެން ވަކި މީހެއްގެ ފަހަތަކުން ނުދާނެ. އަޅުގަނޑުމެން ދާނީ ފިކުރުގެ ފަހަތުން. އެގޮތަށް ތިބޭފުޅުން ވެސް ވަކި ބޭފުޅެއްގެ ފަހަތުން އުޅޭނެ ކަމެއް ނެތް. ފިކުރެއްގެ ފަހަތުން ދާން ވާނީ،" އޭނާ ވިދާޅުވި އެވެ.

އެއީ ރައްޔިތުންނަށްޓަކާ ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމުގެ ފިކުރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ.-- ފޮޓޯ: ރައީސް އޮފީސް

އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީގެ ނިޒާމެއްގެ ތެރެއިން ވެރިޔަކު އިންތިހާބު ކުރަނީ ވެސް ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމަށް ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވެސް ރައްޔިތުން ނިމުމަކަށް ގެނައީ، އެ މަނިކުފާނުގެ އިހުލާސްތެރިކަން ނެތުމުން، ރައްޔިތުންނަށް އޮތް ބާރުގެ ބޭނުންކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކުނިވެ ފުޅަ އެޅީ ކޯއްޗެއްގައިކަން އަބްދުﷲ ޝާހިދަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ކާޕެޓަށް ދަން ދެން އޮތީ ފުޅަ އަޅައިފައި. އެހެންވީމާ ރައްޔިތުން ބުނީ ނޫނެކޭ،" އެމްޑީޕީގެ އާ ރައީސް އަދި ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދަށް ވެސް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަބަބުތަކަށްޓަކާ އަންނަ މަހު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ފުރިހަމަ އަޣުލަބިއްޔަތު ހޯދައިދިނުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.