Roadha Mihaaru
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން

މުއިއްޒަށް ރައީސްކަމުގެ ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެނެއް ނޫން: މުންދު

31 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވައިގެން ނޫން ކަމަށް ވިދާޅުވެ، އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފު (މުންދު) ރައްދު ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވައިގެން ނޫން ކަމަށް ވިދާޅުވެ، އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފު (މުންދު) ރައްދު ދެއްވައިފި އެވެ.

މި ސަރުކާރުން ޔޫއޭއީ އަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުވާފައިވާ މުންދު އެހެން ވިދާޅުވީ، ރައީީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، އެންމެ ބޮޑު އެއް ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމާ މިހާރު އަޅާނުލާ ކަމަށް ޔާމީން އުފައްދަން މަސައްކަތްކުރާ ޕީއެންއެފްގެ އިސް ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ ދެއްވި ރައްދެއްގަ އެވެ.

މުންދު "މިހާރު" އަށް ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެއް ނެރެން އުޅުމުން ޕްލޭން އޭ އަކާއި ބީއެއް އަދި ސީއެއްގެ ފޯމިއުލާ ނެރުއްވައިގެން، އޭރު ޖަލަށް ލާފައިވާ ޔާމީން ގެންދެވީ އެކި ގޮތްގޮތުން ހުރަސް އަޅުއްވަމުން ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު ޓިކެޓް ހޯއްދެވީ، ޕްލޭން ސީ އަކީ ޕީއެންސީގެ ކެންޑިޑޭޓް ކަމަށް ޔާމީން ކަނޑައެޅުއްވުމުން، އެ ޕާޓީ އަށް ސޮއިކުރައްވައި އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކުރައްވައި ހައްގު ގޮތުގައި ކަމަށް މުންދު ވިދާޅުވި އެވެ.

ޕީއެންސީގެ ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށް އެ ޕާޓީގެ ސެނެޓުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ދުވަހު ފާސްކުރުމުން ސަޕޯޓަރުން އެ މަނިކުފާނަށް އަށް މަރުހަބާ ކިޔަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީއެންސީގެ ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށް އެ ޕާޓީގެ ސެނެޓުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ދުވަހު ފާސްކުރުމުން ސަޕޯޓަރުން އެ މަނިކުފާނަށް އަށް މަރުހަބާ ކިޔަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

"[ޕީއެންސީގެ އެތެރޭގެ ވޯޓު] ރައީސް މުއިއްޒު ކާމިޔާބު ކުރެއްވުމުން ދެން އެ ހިސާބުން ބޮއިކޮޓޭ ބުނީމާ ދެކޮޅެއް ނުޖެހޭ. [ޔާމީން] އަމިއްލަފުޅަށް އޭ، ބީ، ސީ ހެއްދެވީ. އެ ހައްދަވާފައި އޮޕްޝަން ބީ [ޕީޕީއެމަށް] ފުރުސަތު ނުލިބޭ ގޮތަށް [ޔާމީން] ކަން ކުރެއްވީ. އޮޕްޝަން ސީ ކޮޅެއްގައި މި ޖެއްސީ. އެއީ ޕީއެންސީގެ ކެންޑިޑޭޓާއި ރަނިންމޭޓް،" ކުރިން ޔާމީނާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވެވި މުންދު ވިދާޅުވި އެވެ.

ޔާމިންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް ސާބިތުވެފައި ވާތީ، ރިޔާސީ އިންތިހާބުން އެ މަނިކުފާނަށް ފުރުސަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު އެ މަނިކުފާނު އެންގެވީ ގިނަ މެމްބަރުންތަކެއް ތިބި ޕީޕީއެމުން އެ އިންތިހާބު ބޮއިކޮޓް ކުރާށެވެ. ޔާމީން އެދިވަޑައިގެންފައި އޮތީ އެ މަނިކުފާނުގެ އިންތިޚާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ.

ޔާމީނަށް ހައްގު ހޯދަން ފަސް އަހަރު މަގުމަތީގައި އަޑުއުފުލި ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ވެސް އެ ނިންމެވުމާ މެދު ހިޔާލުތަފާތުވި އެވެ.

ޔާމީންގެ ނިންމެވުމާ އެކު ކުރިއަށް ދާނީތޯ ކަނޑައަޅަން، ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓުގައި ނެގި ވޯޓުން ޔާމީން ބޭނުންފުޅި ގޮތަށް ފާހެއް ނުވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންގެ ތެރެއިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް 67 މެމްބަރަކު ވޯޓު ދެއްވި އެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރެކެވެ.

އެ ހިސާބުން ޕީއެންސީން އިންތިހާބަށް ނުކުންނަން ނިންމައި މުއިއްޒަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ފާސްކުރީ އެވެ.

ޕީއެންސީން [ރިޔާސީ އިންތިހާބަށް] ނުކުމެވަޑައިގަތުން ނޫން އެހެން މަގެއް ރައީސް ޔާމީން ކޮއްޓައެއް ނުދެއްވައޭ. އެހެންވީމާ ޕީޕީއެމްގެ ވާހަކަ ދައްކަވާކަށް [ޔާމީނަށް] މިއަދަކު އެ ހައްގެއް ނެތް."--- މުންދު

މުންދު ވިދާޅުވި ގޮތުގައި، ޔާމީންގެ ފަރާތުން އެ ހުރިހާ ހުރަސްތައް ކުރިމަތި ކުރުމަށް ފަހު، ޕީޕީއެމާ އަޅާނުލާ ކަމަށް ބުނުމުގެ ހައްގެއް ނޯންނާނެ އެވެ.

"ޕީޕީއެމްގެ ކުރިމަގަށް ބޮޑު ޝައުގުވެރިކަމެއް ނުވަތަ ލޯތްބެއް އޮތް ބޭފުޅެއް ނަމަ ޕީޕީއެމުން އެހެން ބޭފުޅަކު ނުކުތުމުގެ ފުރުސަތު އޮތޭ. އެ ފުރުސަތު ދެއްވެން ވެސް އޮތޭ. އެ ފުރުސަތު އަޅުގަނޑުމެންގެ އަތުން ނިގުޅައިގަނެ މިއަދު ރައީސް މުއިއްޒު ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ހޮވިވަޑައިގެންފައި އެ ހުރީ ކޮންމެހެން ޕީއެންސީން ނުކުމެވަޑައިގަންނަވަން ރައީސް މުއިއްޒުގެ ހާއްސަ ޝައުގުވެރިކަމެއް ނުވަތަ ޕީޕީއެމް ނޫން އެހެން ގޮތެއް ހޯއްދަވާކަށް ނޫން،" މުންދު ވިދާޅުވި އެވެ.

"ޕީއެންސީން [ރިޔާސީ އިންތިހާބަށް] ނުކުމެވަޑައިގަތުން ނޫން އެހެން މަގެއް ރައީސް ޔާމީން ކޮއްޓައެއް ނުދެއްވައޭ. އެހެންވީމާ ޕީޕީއެމްގެ ވާހަކަ ދައްކަވާކަށް [ޔާމީނަށް] މިއަދަކު އެ ހައްގެއް ނެތް."

މުންދު ވިދާޅުވީ، ޕީޕީއެމަށް ޔާމީން ހެޔޮ އެދިވަޑައިގެންނެވި ނަމަ ޕްލޭން ބީ ނުވަތަ ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ޔާމީން ދެއްވީހެވެ.

"ސާފުކޮށް ފުރުސަތު ދެއްވާނަމޭ ވިދާޅުވެފައި އެ ކަމަށް ހުރަސް އެޅޭ ގޮތަށް ދެން ކަންތައް ކުރެއްވީ." ޔާމީނަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވި އެވެ.