Roadha Mihaaru
އަބްދުއްރަހީމްގެ ރައްދު: ފަސްއެނބުރި ބެލުމެއް ނެތް!

އަބްދުއްރަހީމްގެ ރައްދު: ފަސްއެނބުރި ބެލުމެއް ނެތި ދާނީ ކުރިއަށް!

25 ނޮވެމްބަރ 2023

ފަސްއެނބުރި ބެލުމެއް ނެތި ޕީޕީއެމް/ޕީއެންސީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުން ދާނީ ކުރިއަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ރައްދު ދެއްވައިފި އެވެ.

ފަސްއެނބުރި ބެލުމެއް ނެތި ޕީޕީއެމް/ޕީއެންސީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުން ދާނީ ކުރިއަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ރައްދު ދެއްވައިފި އެވެ.

ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމްގެ މި ރައްދު ޔާމީނަށް ނުސީދާކޮށް ފޮނުވައިލެއްވީ، ޕީޕީއެމްގެ ލީޑަޝިޕާއި ޔާމީނާ ދެމެދު ސިޔާސީ ގުޅުން ގޯސްވެ، ޔާމީން ޕީޕީއެމުން ވަކިވެ، އާ ޕާާޓީއެއް އުފެއްދުމާ ދިމާލަށް މިސްރާބު ޖައްސަވާފައިވާ ދަނޑިވަޅެއްގަ އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ޔާމީނަކީ ގައިދީއަކަށް ވާތީ، އާ ޕާޓީ އުފެއްދުމާ ގުޅޭ ވާހަކަތައް ޔާމީންގެ ފަރާތްޕުޅުން މީޑިއާގައި ދައްކަވަނީ އެ މަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ މިނިސްޓަރު އަދި ޑރ. ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު މަލީހް ޖަމާލެވެ. ޔާމީނަށް ވެރިކަމުގެ ފުރުސަތު މި ފަހަރު ފަހިވި ނަމަ އެ މަނިކުފާނުގެ ރަނިންމޭޓަކަށް ވާނެ ޑރ. ޖަމީލްގެ އިތުރުން މަލީހް ވެސް ގެންދަވަނީ ޕީޕީއެމާއި އެ ޕާޓީގެ ލީޑަޝިޕަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ.

އެހެންވެ، މި ސަރުކާރުގެ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސްކުރާ ދެ ޕާޓީ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޑރ. މުއިއްޒާ އެކު ފިސާރި ސާބިތުވެ،" މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުއިއްޒުގެ އެންމެ އަރިސް ބޭފުޅާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވާނީ ދިވެހި ގައުމާއި ދިވެހިންނަށް އުފާފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށެވެ. އޭނާ ވިދާޅުވީ، "ފަސްއެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް" ކަމަށެވެ.

"ދިވެހި ރައްޔިތުން ރައީސް ޑރ. މުއިއްޒާ އެކު ސާބިތުވެ ތިބުމަކީ ގައުމާއި ރައްޔިތުންނަށް އޮތް ރަނގަޅު ގޮތް. އަޅުގަނޑުމެން ކޮންމެ މީހަކަށް ވުރެ މި ގައުމު މާ ބޮޑު،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބަށް ޕީއެންސީގެ ޓިކެޓްގައި ރައީސް ޑރ. މުއިއްޒު ނުކުމެވަޑައިގަތީ، 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ޔާމީނަށް ވެރިކަމުގެ މަގު ބަންދުވުމުން، އެ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް ގައުމު ސަލާމަތް ކުރެވެން އޮތީ ޕީޕީއެމް/ޕީއެންސީން އިންތިހާބަށް ނުކުމެގެން ކަމަށް ރައީސް ޑރ. މުއިއްޒާއި އަބްދުއްރަހީމް އިސްވެ ވިދާޅުވެ، ދޫނުދެއްވައި އިލެކްޝަންސް ކޮމިޝަނަށް ރައީސް ޑރ. މުއިއްޒުގެ ފޯމު ހުށަހެޅުއްވުމުގެ ކުޑަ ވަގުތުކޮޅެެއް ކުރިން ޔާމީން ދޫދެއްވައި ފަހަތަށް ޖެހިވަޑައިގަތީ އެވެ.