Roadha Mihaaru
"އެންމެ ވަރުގަދަ ކެބިނެޓަށް ވާނެ، ޕްރެޝަރެއް ނެތް"

އެންމެ ވަރުގަދަ، ގާބިލް ކެބިނެޓަށް ވާނެ، ޕްރެޝަރެއް ނެތް: އަބްދުއްރަހީމް

06 ނޮވެމްބަރ 2023

މި މަހުގެ 17 ގައި ހުވާކުރައްވާ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލައްވާނީ މިހާތަނަށް ހިންގި ސަރުކާރުތަކާ ބަލާއިރު "އެންމެ ވަރުގަދަ، އެންމެ ގާބިލް" ކެބިނެޓް ކަމަށް އެ މަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާ އަދި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި މަހުގެ 17 ގައި ހުވާކުރައްވާ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލައްވާނީ މިހާތަނަށް ހިންގި ސަރުކާރުތަކާ ބަލާއިރު "އެންމެ ވަރުގަދަ، އެންމެ ގާބިލް" ކެބިނެޓް ކަމަށް އެ މަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާ އަދި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކެބިނެޓަށް ނަންގަވާ ބޭފުޅުންގެ ސަބަބުން ރާއްޖެ އަށް ކުރިއެރުން ލިބޭ ތަން ގިނަ ބަޔަކަށް ފެންނާނެ ކަމަށެވެ.

އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލަށް ކެބިނެޓުން ޖާގައެއް ދެއްވާނެ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ، އޭނާގެ ދަރިކަލަކަށް ވިޔަސް މުއިއްޒު ފުރުސަތު ދެއްވަން ބޭނުން ނަމަ އެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

"އަޅުގަނޑުގެ ދަރިއަކަށް ވުމަކީ ކޮންމެހެން ސަރުކާރުގެ މަގާމެއް ލިބެން ނުޖެހޭ ސަބަބެއް ނޫން. އަޅުގަނޑަކަށް އަދިއެއް ނޭނގޭ އަޅުގަނޑުގެ ދަރިއަކު ކެބިނެޓްގައި ހިމަނާނެ ކަމެއް ނުވަތަ ނުހިމަނާނެ ކަމެއް ވެސް. އެކަން ނިންމަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދަރިއަކަށް [ކެބިނެޓުން ޖާގައެއް] ދެއްވައިފިއްޔާ ވަރަށް އުފާވާނެ."

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ވަކި ބޭފުޅަކު ކެބިނެޓަށް ގެންނަން އާ ސަރުކާރުގެ ވަކި މަގާމަކަށް ވަކި ބަޔަކު ހަމަޖައްސަން އިންތިހާބީ ރައީސް މުއިއްޒަށް އެއްވެސް ޑިމާންޑެއް ނެތެވެ. އެއްވެސް ފިއްތުންތަކެއް ނެތްކަން ވަރަށް ޔަގީންކަމާ އެކު އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހީމް "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ކެބިނެޓް އެކުލަވައިލުމަކީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރަކަށް ވާތީ އޭގެ ތެރެއަށް އަޅުގަނޑުމެން އެއްވެސް މީހަކު ނުވަންނަން. ރައީސް އަމިއްލަފުޅަށް ކެބިނެޓް އެކުލަވައިލުމުގެ މަސައްކަތް އެ ކުރިއަށް ގެންވަނީ. ވަކި މީހަކު ބުނެގެން ވަކި ޕޯސްޓަކަށް ވަކި މީހަކު ގެންދާކަށް ނޫޅުއްވާ،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވީ، އިންތިހާބީ ރައީސް ކެބިނެޓް އެކުލަވައިލައްވާނީ ވަރަށް މިނިވަންކަމާ އެކު ކަމަށާއި ކެބިނެޓްގައި ތިއްބަވާނީ އިންތިހާބީ ރައީސަށް އިތުބާރު ކުރެއްވޭނެ ބޭފުޅުން ކަމަށެވެ.

އާ ސަރުކާރާ ގުޅޭ ގޮތުން ވިދާޅުވީ، "ގުޑުންއަރުވާލެވޭ" ވަރުގެ ކަމެއް ނުވަތަ އެ ވަރުގެ ގޯހެއް އެ ސަރުކާރުން ނުހަދާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރެއް ގުޑުންއަރުވާލެވޭ ވަރުގެ ކަމެއް ބަޔަކަށް ކުރެވޭނީ ވަރަށް ބޮޑެތި ގޯސްތަކެއް ހަދައިގެން ކަމަށެވެ.

ކެބިނެޓް އެކުލަވައިލުމަކީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރަކަށް ވާތީ އޭގެ ތެރެއަށް އަޅުގަނޑުމެން އެއްވެސް މީހަކު ނުވަންނަން. ރައީސް އަމިއްލަފުޅަށް ކެބިނެޓް އެކުލަވައިލުމުގެ މަސައްކަތް އެ ކުރިއަށް ގެންވަނީ.--- އަބްދުއްރަހީމް

"މިސާލަކަށް މި ސަރުކާރުން ހެދި ގޯސްތައް، ބޭރުގެ ބައެއްގެ އަތްމައްޗަށް ގައުމުގެ މިނިވަންކަން ދޫކޮށްލުން. ދައުލަތުގެ މާލިއްޔަތު ވާނުވާ ނޭނގޭ ގޮތަށް ހުސްކޮށްލުން ކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން މި އުފައްދާ ޑރ. މުއިއްޒުގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ ދިމައެއް ނުވާނެ. އެ އަށް ވުރެ މާ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ދެން އިދިކޮޅު ޕާޓީއެއް އޮތިއްޔާ ޕްރެޝަރު ކުރަން އުޅޭނެ. އެއީ ކޮންމެ ތަނެއްގައި ވެސް އެ ކަން ހިނގާނެ ގޮތް. އެކަމަކު، އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ހައްލު ނުކުރެވޭ ވަރުގެ ކަންކަން ދިމާވެދާނެ ކަމަށް."