Roadha Mihaaru
މައްސަލަ ނުނިކުންނާނެ، ފްލެޓްތައް ދޫކޮށްދީ: މުއިއްޒު

އިޖުތިމާއީ މައްސަލަތަކެއް ނުނިކުންނާނެ، ފްލެޓްތައް ދޫކޮށްދީ: މުއިއްޒު

07 ޖުލައި 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއު ރާވާފައި އޮންނާނީ ބޮޑެތި އިމާރާތްތަކުގައި ގިނަ ބަޔަކު ދިރިއުޅުނަސް އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ނުނިކުންނާނެ ގޮތަށް ކަމަށް ވިދާޅުވެ އެ ފްލެޓްތައް ކަށަވަރުވެފައިވާ މީހުންނާ ވީ އެންމެ އަވަހަކަށް ހަވާލުކުރަން އޭރުގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއު ރާވާފައި އޮންނާނީ ބޮޑެތި އިމާރާތްތަކުގައި ގިނަ ބަޔަކު ދިރިއުޅުނަސް އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ނުނިކުންނާނެ ގޮތަށް ކަމަށް ވިދާޅުވެ އެ ފްލެޓްތައް ކަށަވަރުވެފައިވާ މީހުންނާ ވީ އެންމެ އަވަހަކަށް ހަވާލުކުރަން އޭރުގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ހިޔާ މަޝްރޫއުގެ 7،000 ފްލެޓުގެ މަސައްކަތް ބަަލަން އިދިކޮޅު ޕީޕީއެމް/ޮޕީއެންސީގެ އިން އެދިގެން އެ ދެ ޕާޓީގެ އިސްބޭފުޅުން ހުޅުމާލޭގެ ދެ ވަނަ ފޭހަށް ކުރެއްވި ޒިޔާރަތަށް ފަހު އެތަނުގައި ބޭއްވި މީޑިއާ ބްރީފިން އެއްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފެށި ޕަބްލިކް އިންފްރާ ސްޓްރަކްޗާ ތަކަކީ އިޖުތިމާއީ މައްސަލަތަކަށް އޮތް ހައްލު ކަމަށެވެ. އެ މަސައްކަތްތައް ނުނިމި ހުއްޓާ މީހުންް ފްލެޓްތަކަށް ވައްދައިފި ނަމަ މައްސަލަތައް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލަތައް ދިމައެއް ނުވާނެ. މުޅި ތަނަށް ގެންނަން ޖެހޭ އެހެން ހުރިހާ އިންފްރާ ސްޓްރަކްޗާގެ ހުރިހާ ވަސީލަތްތައް ގެނައުމަކީ އެޗްޑީސީން ކުރަން ޖެހޭނެ ކަމެއް. މި ދެންނެވީ ސްކޫލްތައް އަޅަން ޖެހޭނެ، ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަން ޖެހޭނެ. ޕާކްތައް ހަދަން ޖެހޭނެ، މިހެން ގޮސް މުޅި ތަނުގެ މާސްޓާ ޕްލޭން އޮތީ ހެދިފައި،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ 25 ބުރީގެ 16 ޓަވަރުގެ ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ ކަމަށާއި މިއީ އިޖުތިމާއީ ގިނަ މައްސަލަތަކެއް ނުކުންނާނެ އަދަދެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެކަމަކު މުއިއްޒު ވިދާޅުވީ ޔާމީނުގެ ސަރުކާރުން ރާވާފައި އޮތް ގޮތަށް ކުރިއަށް ދިޔަ ނަމަ މިހާ ހިސާބަށް އަންނަ އިރު ދެވަނަ ފިޔަވަހީގެ ޓައުންޝިޕަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެެއް ހުންނާނީ ގާއިމްވެފައި ކަމަށެވެ. އެކަމަކު ސަރުކާރު ބަދަލުވި ފަހުން މިހާރު އެ މަސައްކަތްތައް ނުހިނގާ ކަމަށާއި ފެނާއި ނަރުދަމާ ވެސް އަދި އޮތީ ނުނިމި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މި ހުރިހާ ކަމެއް ނުނިންމާ ނަމަ އެ ވާނެ ވަރަށް ބޮޑު އިޖުތިމާއީ މައްސަލައަކަށް އިނގޭތޯ. އަދި މިހިރަ ގޮތުން ވިއްޔާ މިތަނަށް މީހުން ބަދަލުވީމާ ވަރަށް ބޮޑެތި މައްސަލަތައް ނުކުންނާނެ" މުއިއްޒު ވިދާޅުވި އެވެ.

މަޝްރޫއު ރާވާފައި އޮތް ގޮތުން އިޖުތިމާއީ މައްސަލަތައް ނުނިކުންނާނެ އެހެން ސަބަބެއްގެ ގޮތުގައި މުއިއްޒު ދެއްކެވީ އިމާރާތްތަކުގެ ތެރޭގައި ބޮޑެތި ހުސް ޖާގަތައް އޮތުމެވެ. އެ ޖާގަތަކާ އެކު އެ ސަރަހައްދުގެ ނެއިބާހުޑް ރަނގަރަޅަށް ޑިޒައިން ކުރީމާ ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލެޓްތަކަށް މީހުންނަށް ވަދެވޭ ވަރަށް މަސައްކަތްތައް ނުނިމި ހުރީ މި ސަރުކާރުގެ ސްޕީޑް ލަސްކަމުން ކަމަށާއި ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ދިޔަ ނަމަ މިދިޔަ އަހަރުގެ ޖުލައިމަހު ފްލެޓްތައް ނިމުނީސް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރަށް ދަންނަވަަން ބޭނުންވަަނީ ހެޔޮނުވާނޭ ތިޔަހެން ރައްޔިތުންނަށް ނުހައްދަވާށޭ. ރައްޔިތުން ވަރަށް ނިކަމެތިކޮށޭ އުޅެނީ. ރައީސް ޔާމީން ފައްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމާފައި ރައްޔިތުންނާ ހަވާލުުކުރައްވާށޭ،"މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ބުނަމުން އަންނަނީ ހިޔާ މަޝްރޫއުގެ ދަށުން އަޅަމުން އަންނަ ފްލެޓްތައް ހުރީ މީހުން ދިރިއުޅެން ކަމުދާ ވަރަށް ވުރެ ޖާގައިގެ ގޮތުން ދަތިކޮށް ކަމަށާއި އެހާ ބޮޑެތި އިމާރާތްތަކަށް އަރާ ފޭބޭނެ ރަނގަޅު އިންތިޒާމެއް ނެތް ކަމަށެވެ. ކުރީގެ ސަރުކާރުން އެ ފްލެޓްތައް ދޫކުރަން ނިންމާފައި ވަނީ މުށި ޖެހުމާއި ދޮރު ހަރުކުރުން ފަދަ ފިނިޝިން މަސައްކަތް ނުލައި ކަމަށާއި އެ ވަރަށް ފްލެޓްތައް ނިންމާލެވޭނީ އަދި އަށް މަސް ފަހުން ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.