Roadha Mihaaru
"ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ބިން ދޫކޮށްލަން ނުޖެހޭނެ"

މުއިއްޒު ބޭނުންވަނީ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ނަމުގައި އޮތް ބިންކޮޅު ދޫކޮށްލަން ޖެހޭ ޝަރުތު އުވާލަން

18 ސެޕްޓެމްބަރ 2023

މާލޭ މީހުންނަށް ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ކުޑަ ބިމެއް ވިޔަސް ރަޖިސްޓްރީކޮށްފައި އޮތް ނަމަ، އެތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައި އޮތް ޝަރުތު އޭނާގެ ވެރިކަމެއްގައި އުވާލައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ މީހުންނަށް ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ކުޑަ ބިމެއް ވިޔަސް ރަޖިސްޓްރީކޮށްފައި އޮތް ނަމަ، އެތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައި އޮތް ޝަރުތު އޭނާގެ ވެރިކަމެއްގައި އުވާލައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ދިވެހިން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރުވެރިކަން ޔަގީން ކޮށްދިނުމަށް ކަމަށެވެ. ގެދޮރުވެރިކަން ޔަގީން ވާނީ އިންސާފުވެރި ކަމާ އެކީގައި ސަރުކާރުން އެކަން ކޮށްދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ މީހުން ވެސް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ގެދޮރުވެރިކަން ކަމަށް، އޭނާ މިހާރު ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުތަކުން ވެސް އެނގިވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލައަށް ހައްލެއް ގެންނަން އޭނާގެ ވެރިކަމެއްގައި ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ނިންމާފައި ވަނީ ވެސް އެ ސަބަބަށްޓަކައި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ކުދިކުދި ތަން ކޮޅުކޮޅުގައި ނިކަމެތި ހާލުގައި ދިރިއުޅެމުން ދާ މީހާއަށް އެހާ ހާލުން ގޯއްޗެއް ލިބޭ ދުވަހު، އޭނާއަށް މިހާރު ލިބިފައި އޮތް ކުޑަކުޑަ ބިންކޮޅު ވެސް ދޫކޮށްލަން ޖެހުމަކީ އިންސާފުވެރި ގޮތެއް ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.

މުއިއްޒުގެ ކެމްޕެއިނަށް މީގެ ކުރިން މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއަކަށް ފަހު ބައެއް މީހުންނާ އެކު މުއިއްޒު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ޕީޕީއެމް

މުއިއްޒުގެ ކެމްޕެއިނަށް މީގެ ކުރިން މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއަކަށް ފަހު ބައެއް މީހުންނާ އެކު މުއިއްޒު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ޕީޕީއެމް

"އެހާ ދުވަސްވަންދެން ނިކަމެތި ގޮތެއްގައި ކުޑަ ތަންކޮޅެއްގައި އުޅެމުން ދަނިކޮށް މި ލައްވާލަނީ ގޯއްޗެއް، ފްލެޓެއް. ލައްވާލީމަ އެތަން ލިބޭކަށް ނެތް މިހާރު ތި އުޅޭ ތަންކޮޅު އެބަ ޖެހޭ ދޫކޮށްލަން. އެއީކީ އިންސާފެއް ނޫން، އެ ނުވާނެ އިންސާފަކަށް،" މުއިއްޒު ވިދާޅުވި އެވެ.

ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވަންޏާ ގެނެސްގެން ވިޔަސް، އަދި އެއާ ގުޅިފައި ހުރި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ވިޔަސް، މިހެން ހުންނަ ކުދި ތަންކޮޅުކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރު ޔަގީންކޮށްދޭނަން: މުއިއްޒު

މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް، އެ ޝަރުތު ބަދަލުކުރައްވާނެ އެވެ.

"ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވަންޏާ ގެނެސްގެން ވިޔަސް، އަދި އެއާ ގުޅިފައި ހުރި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ވިޔަސް، މިހެން ހުންނަ ކުދި ތަންކޮޅުކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރު ޔަގީންކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓް ދިން އިރުގައި ވެސް 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ މީހަކަށް އެތަން ދޫކޮށްލަން ނުޖެހޭ ގޮތަށް ޝަރުތު ކަނޑައެޅީ ވެސް އެގޮތަށް ކަންތައް ކުރުމުން މީހުންނަށް އިތުރު ނިކަމެތި ކަމެއް ލިބިގެން ދާނެތީ ކަމަށް، އެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު މިރޭ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ދިން ގޯތިތައް ލިބުނު މީހުން ދޫކޮށްލި ބިން އެ މީހުންނަށް އަނބުރާ ލިބޭނެ ގޮތް ހަދަން އެކަމަށް ވެސް ގާނޫނީ ހައްލެއް ހޯދައިދޭން އޭނާގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.