Roadha Mihaaru
ދަރަނި ކުޑަކޮށް، އިންވެސްޓަރުން ގެންނާނަން: މުއިއްޒު

ހައުސިން މަޝްރޫއު ހިންގާނީ ދަރަނި ކުޑަކޮށް، އިންވެސްޓަރުންގެ އިތުބާރު ހޯދައިގެން: މުއިއްޒު

02 ސެޕްޓެމްބަރ 2023

މާލެ ސަރަހައްދުގެ ބޯހިޔާވަހި ކަމަށް ހިންގާ މަޝްރޫއުތަކަށް ފައިސާ ހޯދާނީ ސަރުކާރު ކުންފުނިތަކުގެ ދަރަނި ކުޑަކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރުގަދަ ކޮށްގެން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގެ ބޯހިޔާވަހި ކަމަށް ހިންގާ މަޝްރޫއުތަކަށް ފައިސާ ހޯދާނީ ސަރުކާރު ކުންފުނިތަކުގެ ދަރަނި ކުޑަކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރުގަދަ ކޮށްގެން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދިޔަ "ސަންގު ރިޔާސީ ބަހުސް" ގައި މުއިއްޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ވަރުގަދަ ކުރެވިގެންނެވެ. އަދި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން އޮތް ޖެހިލުންވުން ކުޑަކުރެވި، އެ މީހުންގެ އިތުބާރު ހޯދިގެން ކަމަަށް އޭނާ ވިދާޅުވި އެވެ.

އެ ވިސްނުމުން ބަލާއިރު، ސަރުކާރުގެ ކުންފުނިތައް އެތައް ބިލިއަން ރުފިޔާއަކުން ދަރަނިވެރި ވެފައި އޮތުމަކީ އެކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަންގު ރިޔާސީ ބަހުސް"ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ސަލާންކުރައްވަނީ.

"ސަންގު ރިޔާސީ ބަހުސް"ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ސަލާންކުރައްވަނީ.

"އަޅުގަނޑު ބަލައިލިއިރު 32 ބިލިއަން ރުފިޔާ ހުރިހާ އެސްއޯއީތަކުގެ އެބައޮތް ދަރަނި. އެހެންވީމަ އެސްއޯއީތައް ހަރުދަނާކޮށް، އަމިއްލަ ފައިމައްޗަށް ތެދުވާ ކުންފުނިތަކަކަށް ހަދަން ޖެހޭ. އިންވެސްޓްމަންޓް ބޭންކެއް ގެންނަން އަޅުގަނޑުމެން އެބަޖެހޭ. ގެނެސްގެން ކުދި ލޯނުތައް ދެވޭނެ ގޮތް ހަދަންޖެހޭ." މުއިއްޒު ވިދާޅުވި އެވެ.

"ހަމަ އޭގެ އިތުރަށް ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ މިހާރުގެ މި ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި އޮތް މާއްދާ ސަސްޕެންޑް ކޮށްފައި ފައިސާ ޗާޕުކޮށް މި ހުރިހާ ކަމެއް ކޮށްގެން މި އޮތީ އަޅުގަނޑުމެންގެ މުޅި އިކޮނޮމީ ހަލާކުވެފައި."

މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ދަރަނި ކުޑަކޮށްގެން "އިންވެސްޓާ ކޮންފިޑެންސް" ގެނެވިދާނެ އެވެ. އަދި ރާއްޖޭގެ މިހާރު އޮތީ އިންވެސްޓަރުންގެ ޝައުގުވެރިކަން ގެއްލޭ ގޮތަށް ކަމަށާއި އަދި ދަރަނި ކުޑަކޮށް، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރެވިއްޖެ ނަމަ، ހައުސިން މަޝްރޫއުތަކަށް ފައިސާ ލިބޭނެ އެވެ.

"އެކަމަށް [ބޯހިޔާވަހިކަމަށް] ސަރުކާރުގެ އެސްއޯއީއެއް ބޭނުންކޮށްގެން ހާއްސަ ފަންޑެއް ގާއިމްކޮށްގެން އޭގެ ގެތައް އަޅައި ދީފައި ދެން ރީ-ފައިނޭސް ކުރަން އެ މީހާ ދާނީ ބޭންކަށް. ގޮސްގެން ބޭންކާއި އެ މީހާއާ ހަދާ އެގްރީމަންޓްގެ ތެރެއިން އެ ރީ-ފައިނޭންސްކޮށް، އެއްކަލަ ކޮމްޕެނީ އަށް ދައްކަން ޖެހޭ ފައިސާ ދެއްކީމަ އެ ގެ އިންނާނީ އެ މީހާއަށް ލިބިފައި." މުއިއްޒު ވިދާޅުވި އެވެ.

"ސަންގު ރިޔާސީ ބަހުސް"ގައި ބައިވެރިވެވަޑައިގަތުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުން.

"ސަންގު ރިޔާސީ ބަހުސް"ގައި ބައިވެރިވެވަޑައިގަތުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުން.

މާލޭގެ ރައްޔިތުންނާއި މި ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ވެސް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ކެމްޕެއިންގެ އެކި ޖަލްސާތަކުގައި ވެސް ދެއްވައިފަ އެވެ.

މުއިއްޒުގެ މެނިފެސްޓޯގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައިވާ ގޮތުގައި، ހުޅުމާލެ، ގުޅިފަޅު، ގިރާވަރު ފަޅު އަދި ފުށިދިއްގަރު ފަޅު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓް މަޝްރޫއެއް ހިންގާނެ އެވެ. ފުށިދިއްގަރު ފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އޭނާގެ ވެރިކަމުގައި ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ގިރާވަރު ފަޅުން 89 ހެކްޓަރުގެ ބިން ހިއްކައިގެން 1،000 ވުރެ ގިނަ ގޯއްޗާއި 2،800 ފްލެޓް ދިނުމުގެ އިތުރުން ގުޅިފަޅުގެ 300 ހެކްޓަރުގެ ބިން ހިއްކައިގެން 3،500 އަށް ވުރެ ގިނަ ގޯއްޗާއި 7،800 ފްލެޓް އިމާރާތް ކުރަން މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

މެނިފެސްޓޯގައިވާ ގޮތުގައި ބިމެއް އޮތް ކޮންމެ މީހަކަށް ގެދޮރު އަޅައިދޭން ސަރުކާރުން ހާއްސަ ފަންޑެއް ގާއިމުކޮށް، ގެދޮރު އަޅައިދޭނެ އެވެ. ގެދޮރު އަޅައިދޭނީ ފަހުން ފައިސާ ދައްކާ ގޮތަށް އަދި ވެރި ފަރާތުން ބޭނުންވާ ޑިޒައިނަކަށެވެ. ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.