Roadha Mihaaru
"ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެހީ ދޭން ޖެހޭ"

ކުލި ނުދެއްކޭ ފަރާތްތަކަށް އެހީވުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅެން ޖެހޭ: ނަޝީދު

04 ޖެނުއަރީ 2023

ކުލި ދައްކަން ދަތިވާ މީހުންނަށް ދައުލަތުން އެހީވުމުގެ ސިޔާސަތެއް އެމްޑީޕީގެ ސަރުކާރަކުން ގެންގުޅެން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުލި ދައްކަން ދަތިވާ މީހުންނަށް ދައުލަތުން އެހީވުމުގެ ސިޔާސަތެއް އެމްޑީޕީގެ ސަރުކާރަކުން ގެންގުޅެން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު، އެ މަނިކުފާނުގެ ކެމްޕެެއިނަށް ހުޅުމާލޭ ހިޔާ ފްލެޓު ސަރަހައްދުގައި އެ ޕާޓީގެ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ބޮޑެތި ދަރަނި ނަގައިގެން އިމާރާތް ކޮށްފައި ހުންނަ ފްލެޓުތަކުގެ ކުލި ވިޔަފަރި އުސޫލުން ނެއްޓޭ މިންވަރަށް ތިރި ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި ސަރުކާރުން ބޯހިޔާވަހިކަމަށް ހާއްސަ އިނާޔަތެއް ދިނުން ރަނގަޅު ކަމަށާއި އެއީ އެމްޑީޕީގެ ސަރުކާރެއްގައި ގެންގުޅެން ޖެހޭ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ އިނާޔަތްތައް އަމާޒު ކުރަންޖެހޭ އެންމެ ނިކަމެތިންނަށް އިނާޔަތް ދެވޭނެ ގޮތަށް. މީހަކަށް ތަނެއް ދިނުމުން އޭނާ އެ ތަނުގައި ނޫޅެ އަދި މާ ބޮޑު އަގެއްގައި އެހެން މީހަކަށް އެތަން ކުއްޔަށް ދިނުމަކީ ރަނގަޅު ގޮތެއްގެ ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ހިޔާ ފްލެޓް ސަރަހައްދަށް މިއަދު ވަޑައިގަތުމުން އެ މަނިކުފާނަށް ހިތްހަމަޖެހުން ލިބިވަޑައިގަތެވެ. ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހޯދައި ދެވޭނެ ކަމަށާއި ދައުލަތުގެ މާލިއްޔަތަށް ބުރަ ނުވެ، ދައުލަތް ނުދަރާ ކުރެވެން އޮންނަ އުސޫލަކުން ބޯހިޔާވެހިކަން ފޯރުކޮށްދެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމަކު ހިޔާ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ އަކަފޫޓަކަށް 2،000ރ. ގެ މަގުން ކަމަށާއި ނަމަވެސް މާލޭގެ އެންމެ ލަގްޒަރީ އިމާރާތްތައް ވެސް ނިންމާފައި ވަނީ 1،200-1،300 އާ ދެމެދުގެ އަގެއްގައި ކަމަށް އެ މަނިކުފާނު ވިދާާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ހިޔާ ފްލެޓްގެ މަހު ކުލީގެ އަގަކީ ހަގީގަތުގައި 16،000ރ. ކަމަށާއި އެ ފަރަގު ދައްކައި، ލޯނު ވެސް އަނބުރާ ދައްކަން ސަރުކާރަށް އެންމެ ފަހުން ޓެކްސް ބޮޑު ކުރަން ޖެހުނު ކަމަށެވެ.

"ހިޔާނާތުގެ ގެއްލުން އެންމެ ސާފުކޮށް ފެނިގެން ދާ އެއްތަނަކީ ހުޅުމާލެ،" ނަޝީދު ވިދާާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރި ހިޔާ ފްލެޓު ސަރަހައްދުގައި ނަޝީދު ވާހަކަފުޅު ދައްކަވަމުން ދިޔަ އިރު އެ ސަރަހައްދުގައި އެ މަނިކުފާނާ ދެކޮޅަށް އަޑުގަދަކޮށް އިހުތިޖާޖު ކުރި އެވެ.