Roadha Mihaaru
ހިޔާގެ އާބާދީ އަށް އަހަރެއް، އަދިވެސް އެ ޝަކުވާގައި!

ހިޔާގެ އާބާދީ އަށް އަހަރެއް، އަދިވެސް އެ ޝަކުވާގައި!

31 އޯގަސްޓް 2022

ދިގު އިންތިޒާރަކަށް ފަހު، މީގެ އެއް އަހަރު ކުރިން ހިޔާ ފްލެޓްގައި ބައެއް މީހުން އުޅެން ފެށީ ކިރިޔާ އުޅެލެވޭވަރު ކޮށްގެންނެވެ. އޭރު އާދައިގެ ފިހާރައެއް ވެސް އެ ތަނުގައި ނެތެވެ. މަގުތައް ނުހަދައި އޮތުމުގެ ސަބަބުން ބަހުގެ ހިދުމަތެއް ވެސް ނެތެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދިގު އިންތިޒާރަކަށް ފަހު، މީގެ އެއް އަހަރު ކުރިން ހިޔާ ފްލެޓްގައި ބައެއް މީހުން އުޅެން ފެށީ ކިރިޔާ އުޅެލެވޭވަރު ކޮށްގެންނެވެ. އޭރު އާދައިގެ ފިހާރައެއް ވެސް އެ ތަނުގައި ނެތެވެ. މަގުތައް ނުހަދައި އޮތުމުގެ ސަބަބުން ބަހުގެ ހިދުމަތެއް ވެސް ނެތެވެ.

އާންމުން ވަރަށް ދަތި ހާލުގައި އެ ތަނުގައި އުޅެން ފެށިޔަސް އޭގެ އަހަރެއް ފަހުން އެ ސަރަހައްދަށް ދިރުމެއް ލިބިއްޖެ އެވެ. ފިހާރަތަކާއި ބޭކަރީ އާއި ކްލިނިކާއި ފާމަސީ ފަދަ އެތައް ހިދުމަތެއް މިއަދު އެތަނުން އެބަ ލިބެ އެވެ. މަގުތަކުގައި ތާރު އަޅާއި އެ ސަރަހައްދު ފެހިކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، އެ ތަނުން ސީދާ މާލެ އަށް ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ. ހިޔާ ފްލެޓް ކައިރީގައި ހަދާފައިވާ ފުރަތަމަ ސްކޫލުގައި އަންނަ ހަފުތާގައި ކިޔަވައިދޭން ފަށާނެ އެވެ.

އެކަމަކު، ހިޔާ ފްލެޓްގެ މީހުންނަށް އަދިވެސް ހިތްހަމަޖެހުމެއް ނުލިބެ އެވެ. އިޖުތިމާއީ އެތައް މައްސަލައެއްގެ ހާއްޔަކަށް އެ ތަންވެ، އެ މީހުންގެ ކަންބޮޑުވުން އިންތިހާ އަށް އެބަ އޮތެވެ. ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަން ދޫކުރިތާ މިއަދަށް އަހަރެއް ވީއިރު އެ ޝަކުވާތަކަށް ނިމުމެއް ނައެވެ.

ހިޔާ ފްލެޓް ކައިރީ ހަދާފައިވާ ބަސް ޓާމިނަލުން ބަޔަކު ބަހަށް އަރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ފްލެޓް ކައިރީ ހަދާފައިވާ ބަސް ޓާމިނަލުން ބަޔަކު ބަހަށް އަރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ އެ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު ހެދި އެވެ. އެއީ 6،721 ފްލެޓެވެ.

އޭގެ ތެރެއިން ގިނަ ތަންތަނުގައި މީހުން ދިރިއުޅެމުން އަންނައިރު އެ މީހުންނަށް އެ ތަނުގައި ތަކުލީފުތަކެއް އުފުލަން ޖެހުނަސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމުގެ އުފާ އެބަ އޮތެވެ. އެކަމަކު ފްލެޓް ހެދުމަށް ނެގި ލޯނާ އެކު، އެ އުފަލަށް ވުރެ ބޮލުގައި ބޮޑު "ބަރެއް" އެބައޮތް ކަމަށް އެ މީހުން ބުނެ އެވެ. ކުލި ބޮޑުވުމުގެ ޝަކުވާ އެވެ.

އެއް ޝަކުވާތަކެއް، ހައްލެއްގެ އިންތިޒާރުގައި

ހިޔާގެ އެޗް4 ވަނަ ޓަވަރުގައި ދިރިއުޅޭ މުހައްމަދު އަލީ "މިހާރު" އަށް ބުނީ، ސޯޝަލް ހައުސިންގެ ނަމުގައި ހަތަރު ފާރުދީ، އެ ތަނުގެ ކުއްޔަކީ 8،500ރ. ކަމަށް ކަނޑައެޅިޔަސް އެތަނާ އަޅާ ބަލާއިރު އެ އަގު ބޮޑު ކަމަށެވެ.

"ސޯޝަލް ހައުސިންގައި މީގެ ކުރިން ދީފައި ހުރީ ބޮކި، ފަންކާ ހަރުކޮށް، ތަޅުމުގައި އެއްޗެއް އަޅާފައި. ކައްކައި ކެވޭނެ ގޮތް އޮވޭ ކުރިން ދީފައި ހުރި ތަންތަނުގައި. ހިޔާގައި ހަތަރު ތޮށިގަނޑު ދީފައި މިބުނީ ވަންނާށޭ. ހަތަރު ފާރު ދިނީމާ އަހަރެމެން ލޯނު ހޯދައިގެން ހަދާފައި ކުއްޔަށް 8،500 ވޯތެއް ނޫން،" ފްލެޓާ ގުޅިގެން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން އޭނާ ހިއްސާކުރި އެވެ.

ހިޔާގެ ޓަވަރެއް: ގިނަ ބަޔަކު ވަނީ ފްލެޓްގައި އުޅެން ފަށާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާގެ ޓަވަރެއް: ގިނަ ބަޔަކު ވަނީ ފްލެޓްގައި އުޅެން ފަށާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދެން އޮތީ އެ މީހުންނަށް އެ ތަނުގައި އެއްވެސް ރައްކާތެރިކަމެއް ނުލިބުމުގެ ޝަކުވާ އެެވެ. ސެކިއުރިޓީ ފްލެޓްތަކުގެ ސެކިއުރިޓީގެ ކަންކަން ބަޔަކާ ހަވާލުކުރިޔަސް އެކަށީގެންވާ ވަރަށް ސެކިއުރިޓީ އޮފިސަރުން ނުތިބެ އެވެ. އެހެންވެ، ފްލެޓގެ ތިރީގައި ބަހައްޓާ ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަ ވެސް ބޮޑު ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ދެ ޓަވަރެއް ބެލުމަށް ހަތް މީހުން ތިބެން ޖެހުނަސް ގިނަ ރޭގައި އެކަކު އިންނަނީ. މީހަކު ނުހުންނަ ރޭތައް ވެސް ދޭ. އަހަރެމެންގެ ސައިކަލު ގެއްލި އެ ލިބެންޖެހޭ ހިމާޔަތެއް ނުލިބޭ އަސްލު."

އަނެއް ކަމަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވާން ފެށީއްސުރެ ކުރަމުން އަންނަ ޝަކުވާއެކެވެ. މަގު ބައްތިތައް ދެ ރެއިން އެއްރޭ ނިއްވާލާފައި ހުންނަ ކަމަށް އޭނާ ބުންޏެެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ޓަވަރުތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ޓަވަރުތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މި ފަހުން ބީޗު ފަޅުގައި ޖަހާފައި ހުރި މަގުބައްތި ތަކުގެ ކޭބަލްތައް 'ހަކުރުބޯ ކުދިން' ވަގަށް ނަގައިގެން ދިޔަ މަންޒަރު ލައިވްކޮށް ފުލުހުންނާއި އެޗްޑީސީ އަށް ވެސް އެންގިން. އެކަމަކު ވައްކަން ކޮށްގެން ދިޔައިރު ވެސް އެއިން ބަޔަކަށް ނާދެވޭ،" މުހައްމަދު ބުންޏެވެ.

ޓަވަރުތަކުގެ ކޮރިޑޯގައި އެއްވެސް އަލިކަމެއް ނެތުމުގެ ސަބަބުން ވައްކަންކުރާ މީހުންނަށް ވަރަށް ފަސޭހައިން އެއްޗެހި ވަގަށް ގެންދެވޭ ކަމަށް ވެސް އޭނާ ބުނެ އެވެ. އަދި ބަލި މީހުން ގެންދިއުމަށް އެމްބިއުލާންސަށް ޓަވަރާ ގާތް ނުކުރެވޭތީ ބަލި މީހުން ނުގެންދެވި، އެތައް އިރެއް ހޭދަވާ ކަމުގެ ޝަކުވާ ވެސް އޭނާ ކުރި އެވެ.

ކުޑަކުދިންނާއި އެތައް ބަޔަކު ދިރިއުޅެމުންދާ އެ ފްލެޓްތަކުގައި ރޯމާދުވާލު، މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ވަރަށް ބޮޑެވެ. އެތައް ފަހަރަކު ފުލުހުންނަށް އެކަން ރިޕޯޓް ކުރިޔަސް އެކަން ހުއްޓުވިފައި ނުވާތީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ.

ހިޔާ ސަރަހައްދުގައި އާއިލާއެއް ހިނގާލަން ނިކުމެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ސަރަހައްދުގައި އާއިލާއެއް ހިނގާލަން ނިކުމެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ އިން ވާހަކަ ދެއްކި ގިނަ މީހުންގެ ހުރީ ގާތްގަނޑަކަށް އެއް ޝަކުވާތަކެކެވެ. ހިޔާގައި ޑްރަޑް ބޭނުންކުރާ މީހުންނާއި ވައްކަން އިތުރުވުމާއި ވިއްސާރަ މޫސުމުގައި ކުޑަދޮރުތަކުން ފެން ވަންނަ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ. ވައިގަދަވެއްޖެ ނަމަ، ވެއްޔާއި ކުނީގެ އުނދަގުލާ ހުރެ ބޭރަށް ނުކުންނަން ދަތިވާ ކަމުގެ މައްސަލަ އެވެ.

ހިޔާ ފްލެޓްތަކާ އެކު އެ ސަރަހައްދަށް 40،000 ގެ ބޮޑު އާބާދީއެއް ދާނެ ކަމަށް ބެލެވެ އެވެ. އެހާ ގިނަ ބަޔަކު އުޅޭނެ ސަރަހައްދަކަށް އެތަންވާއިރު އެތައް މައްސަލައެއް ކުރިމަތިވާނެ ތަނަކަށް އެތަން ވިޔަސް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާ ކަމަށް އެޗްޑީސީން ވަނީ ކުރިން ބުނެފަ އެވެ.