Roadha Mihaaru
ދިރިނޫޅެވި، ކުލި ދައްކާލަދައްކާލަ ތިބެންވީތަ؟

ހެދޭނެ ގޮތެއް ނެތި، ދިރިނޫޅެވި، ކުލި ދައްކާލަދައްކާލަ ތިބެންވީތަ؟

01 ނޮވެމްބަރ 2021

މީގެ އެންމެ އަޑި އަށް ފީނާލަމާ ހިނގާށެވެ! ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިތާ މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެކަމަކު 6،700 ފްލެޓް ހިމެނޭ ޓަވަރުތައް ބޭރުން ބަލާލާއިރު މާ ބޮޑު ހަރަކާތެއް ނެތެވެ. ދިރިއުޅެން ފަށާފައި ހުރީ ވަރަށް މަދު ފްލެޓެއްގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މީގެ އެންމެ އަޑި އަށް ފީނާލަމާ ހިނގާށެވެ! ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިތާ މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެކަމަކު 6،700 ފްލެޓް ހިމެނޭ ޓަވަރުތައް ބޭރުން ބަލާލާއިރު މާ ބޮޑު ހަރަކާތެއް ނެތެވެ. ދިރިއުޅެން ފަށާފައި ހުރީ ވަރަށް މަދު ފްލެޓެއްގަ އެވެ.

ފްލެޓެއްގެ ފިނިޝިން މަސައްކަތަށް އާންމުކޮށް ނަގަނީ އެއް މަސް، ނުވަތަ ގިނަވެގެން ދޮޅު މަހެއްހާ ދުވަހެވެ. ބައެއް ފްލެޓްތައް އެއަށް ވުރެ އަވަހަށް ވެސް ނިންމަ އެވެ. އެކަމަކު، ކުރިން ހީކުރި ގޮތާ ހިލާފަށް ހަތަރު މަސް ވާއިރު ވެސް އެތާނގައި އެހާ ބޮޑު ދިރުމެއް ނެތީ ކީއްވެގެން ހެއްޔެވެ؟

ޖަވާބަކީ މި އެވެ؛ ފްލެޓް ލިބިފައިވާ އެތައް ބަޔަކު އެތަނުގައި ދިރިއުޅެން ކެތް މަދުވެފައި ތިއްބަސް، އެތާނގައި މަސައްކަތް ފެށޭނެ ގޮތެއް ނެތެވެ. މުދަލެއް ނެތެވެ؛ މުދަލުގެ އަގު އެހާ ބޮޑެވެ. މަސައްކަތް ކުރާނެ މީހުންނެއް ނެތެވެ؛ މަސައްކަތް ކޮށްދޭ އަގު އެހާ ބޮޑެވެ. ފައިސާ އެއް ނެތެވެ؛ ފައިސާ ލިބޭނެ ގޮތެއް ނެތެވެ. އަދި ހަމައެހެންމެ، ފްލެޓްގެ މަސައްކަތް ނިންމިޔަސް، ކައިރީގައި ނުވަތަ ޖެހިގެން ހުރި ފްލެޓްތައް ނުނިންމާތީ [އަޑާއި ހިރަފުހާ ހެދި] ބަދަލުވެވޭކަށް ވެސް ނެތެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން އަދި އެތަނުގައި ދިރިއުޅެން ފެށީ 700 އެއްހާ އާއިލާ އެވެ. ފްލެޓްތައް ހަވާލުކޮށް، އެތަނުގެ ފިނިޝިން ނިންމަން ދިން މުއްދަތު ހަމަވާން ބާކީ ދެން އޮތީ އެންމެ މަސް ދުވަހެވެ. އޭގެ ފަހުން ކުލި ހިނގަން ފަށާނެ އެވެ. ފްލެޓް ލިބުނު މީހުންގެ އެންމެ ބޮޑު ބޮލު ރިހުމަކީ މިއެވެ.

ގިނަ މައްސަލަތަކެއްގެ ތެރޭގައި ތާށިވެފައި!

ފްލެޓްގެ މަސައްކަތް ނުފަށާ ހުރި ބައެއް އާއިލާތަކުން ބުނާ ގޮތުގައި އެ މީހުންނަށް މަސައްކަތް ނުފެށި ހުރީ އަތްމަތިދަތިކަމުން ފްލެޓްގެ މަސައްކަތްކުރާނެ ފައިސާ ނެތިގެންނެވެ. މަސައްކަތް ފެށޭނެ ދުވަހެއް، ލަފާކޮށްލާފައި ވެސް ބުނެދޭކަށް އެ މީހުންނަށް ނޭނގެ އެވެ. އެހެންވެ، އެތަނުގައި ދިރިއުޅެން ފެށުން އޮތީ އިންތިޒާރެއްގެ ތެރޭގަ އެވެ.

ބައެއް އާއިލާތަކުން ފްލެޓަށް ބަދަލުވެ، ފަހަރަކު ބައެއް ނިންމައިގެން ދިރިއުޅެމުން އަންނައިރު އަނެއް ބަޔަކު ފްްލެޓް ނިންމީ ލޯނުތައް ނަގައިގެންނެވެ. އެކަމަކު ލުއި ލޯނުތައް ނަގާފައި ހުރުމުން ބައެއް މީހުންނަށް ހިޔާ ފްލެޓް ނިންމަން ލޯނެއް ވެސް ނުލިބެ އެވެ. ނުވަތަ އެކި ސަބަބުތަކާ ހުރެ ފޯމު ރިޖެކްޓްވެ އެ މީހުން ތިބީ ގޮތް ހުސްވެފަ އެވެ.

އަތުގައި ކިރިޔާ ވެސް ފައިސާކޮޅެއް ހުރި މީހުން އަމިއްލަ އަށް ނުވަތަ ފްލެޓް ނިންމުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އެބަދެ އެވެ.

އެކި އަގުތަކުގައި އެކި ޕެކޭޖުތައް ހަދައިގެން ފްލެޓްގެ މަސައްކަތްކޮށްދެމުން އަންނަ ރެއިންބޯ އެންޓަޕްރައިޒްގެ ސޭލްސް އެންޑް މާކެޓިން ހެޑް، މުހައްމަދު ޖުމައިލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓް ނިންމަން 800 އެއްހާ އޯޑަރު އެ ކުންފުންޏަށް ލިބިފައިވެ އެވެ. އޭގެ ތެރެއިން ގިނަ އޯޑަރުތަކެއް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"އަޅުގަނޑުމެން އަންނަ ހަފްތާގައި އަދި މި ފަށަނީ މަސައްކަތް. އެންމެ ފުރަތަމަ އޯޑަރު ލިބުނު ތަންތަނުން ފެށިގެން މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާނީ. އެކަމަކު ޑިސެމްބަރުގެ ނިޔަލަށް ފަހުން ލިބުނު އޯޑަރުތައް ނުނިމިދާނެ. އެންމެ ކުރިން ލިބުނު އޯޑަރުތައް އެ ތާރީހަށް ނިމޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޖުމައިލް ވިދާޅުވި އެވެ.

ގިނަ އޯޑަރުތަކެއް ރެއިންބޯ އަށް ލިބިފައިވާއިރު ޖުމައިލް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ރާއްޖެއިންް ބޭރުން ގެންނަން ޖެހޭ ބައެއް ސާމާނު ގެނައުމުގައި ދިމާވެފައިވާ ދަތިކަމެވެ.

"ކޮންމެވެސް ވަރެއްގެ ޑިލޭއެއް އެބައުޅޭ ބޭރުން މުދާ ގެނައުމުގައި."

އެކަމަކު އަންނަ ހަފްތާގެ ތެރޭގައި ބައެއް މުދާ ލިބޭނެ ކަމަށާއި އެއާ އެކު މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލް ފިނިޝިންގައި ރެއިންބޯ އިން ފްލެޓެއް ނިންމައިދެނީ 190،000ރ. އަށެވެ. އެތަނުގެ އެންމެ ކުޑަ އަގަކީ 85،000ރ. އެވެ.

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަމުން އަންނަ "ޖިއޯމެޓާ" ގެ ޝެއާހޯލްޑަރެއް ކަމަށްވާ އަލީ ނިހާދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް މިހާތަނަށް 20 އޯޑަރެއް ނަގާފައިވެ އެވެ. ގާތްގަނޑަކަށް މަސް ދުވަހުން ފްލެޓެއްގެ މަސައްކަތް އެ ކުންފުނިން ނިންމަމުން އަންނައިރު ގިނަ އޯޑަރުތަކެއް އެ ކުންފުންޏަށް ވެސް ލިބެމުން އެބަދެ އެވެ. އެކަމަކު ޑިސެމްބަރާ ހަމައަށް ފުލްވެ، މިހާރު އޮތީ އޯޑަރު ނެގުން ވެސް ހުއްޓާލައިފަ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެންމެ ފުރަތަމަ ފްލެޓު ހަވާލުކުރިއިރާ އަޅާބަލާއިރު މިހާރު ފްލެޓްގެ މަސައްކަތްތައް ކުރަމުން އަންނަ މީހުންގެ އަދަދު އަންނަނީ ގިނަަވަމުންނެވެ.

އެކި ސަބަބުތަކާ ހުރެ ފްލެޓްގެ މަސައްކަތް އާއިލާތަކަށް ނުފެށި ހުރިއިރު މި ހުރިހާ ފްލެޓެއްގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވެސް މީހުން އުޅެން ފަށާނެ ކަމަށް އެ މަސައްކަތުގައި އުޅޭ މީހުން ލަފައެއް ނުކުރެ އެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވެސް އެތަނުގެ އެކި ފްލެޓްތައް ނިންމުމަށް މީހުން މަސައްކަތްކުރާނެ ކަމަށް އެ މަސައްކަތުގައި އުޅޭ މީހުން ލަފާކުރެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ބޮޑު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު އާއިލާތަކުން އެކި ކުންފުނިތަކާއި މަސައްކަތު ގްރޫޕްތަކަށް މަސައްކަތް ދީފައި ވިޔަސް މަސައްކަތްކުރާނެ ބަޔަކު ހޯދަން ވެސް މިހާރު ދައްޗެވެ. އަނެއް ކަމަކީ ބާޒާރުގައި އޮތް މުދަލުގެ ތާށިކަމެވެ. ކޮވިޑާ ހެދި، ބޭރުން މުދާ ގެނައުމުގައި ދަތިިވެފައި އޮތް ދަނޑިވަޅުގައި އެ ފްލެޓްތައް ނިންމުމަށް ތަށިމުއްޓާއި ސިމެންތި ފަދަ ސާމާނަށް އޮތް ޑިމާންޑް ބޮޑުވި އެވެ. އެ ތަކެތީގެ އަގު ވެސް ހުރީ އުފުލިފަ އެވެ. ބޮޑު އަގުގައި މުދާ ގަނެ، އެހާ ބޮޑު އަގެއްގައި ބަޔަކާ ހަވާލުކޮށްގެން އެތަން ހެދުމަށް ބައެެއް އާއިލާތައް ނުކުޅެދިފައިވާތީ އެކި ޖަމިއްޔާތައް ގުޅިގެން އެމީހުންނަށް އެހީވުމަށް ފަންޑު ހޯދަމުން ވެސް އެބަދެ އެވެ.

އެކަމަކު، މިއިން ކޮންމެ ފްލެޓެއްގެ މަސައްކަތަށް 150،000ރ. ހަރަދުވާނެ ކަމަށް ބެލެވޭއިރު މިގޮތަށް ލިބޭ ފަންޑުން ވެސް މާ ގިނަ ފްލެޓްތަކެއް ނިންމޭނެ ކަމަށް ނުބެލެވެ އެވެ. އެހެންކަމުން، މިހާރު އުފެދޭ ސުވާލަކީ މިތަންތަން ނިންމަން އަދި ކިހާ މުއްދަތެއް ނަގާނެތޯ އެވެ.

އަނެއްކާ ވެސް ކުލީގެ ވާހަކަ

ފްލެޓްގެ މަސައްކަތް އެއްކޮށްް ނުނިންމާ ހަވާލުކުރި މި މަޝްރޫއުން ފްލެޓު ލިބުނު މީހުންގެ އެދުމަކީ އެ މީހުންގެ ފްލެޓްގެ މަސައްކަތްތައް އެކީ ނުނިމެނީސް އެތަންތަނުން ކުލި ނުނެގުމެވެ. މަހު ކުއްޔަށް 7،000 އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދައްކަން ޖެހޭއިރު މިއީ ސޯޝަަލް ހައުސިން ސްކީމެއްގައި މިހާ ބޮޑު ކުއްޔެއް ނަގައި ފުރަތަމަ ފްލެޓްތައް ވެސް މެ އެވެ.

"އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތް. ގޮތްތައް ފަހިވެފައި އޮވެ، މިކަން ނުކޮށް ތިބޭ ނަމަ ކުލި ނެގިޔަސް މައްސަލައެއް ނެތް. އެކަމަކު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވެސް އުޅެއުޅެ ނުވެއް ވޭ. ޑިމާންޑް އޮތްވަރުން ކުޑަ އަގެއް ކިޔަނީއެއް ނޫން،" ފްލެޓް ލިބުނު މީހަކު ބުންޏެވެ.

ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް އެދެމުން އައި ނަމަވެސް އެކަން ކުރެވެން ނެތީ ފްލެޓް ހެދުމަށް ބޮޑު އަގުގައި ބަޔަކާ ހަވާލުކޮށްފައި އޮތުމުން ކަމަށް ސަރުކާރުން ބުނެ އެވެ. ފްލެޓްތަކުން ކުލި ނެގުން އަހަރު ދުވަސް ފަސްކޮށްދިނުމަށް ވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ފްލެޓް ލިބުނު މީހުން އާދޭސް ކުރަމުން އެބަދެ އެވެ. އެކަމަކު ފްލެޓް އަޅަން ހަވާލުކުރުމުގައި ވެސް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވެސް ހާމަވެފައި ވާތީ، ކުލި ކުޑަކުރުން ފަދަ ކަމުން އަނެއްކާ އިތުރަށް ގެއްލުންވާނެތީ ކުއްޔަށް ދެން ލުޔެއް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތެވެ.

މި ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600ރ. ދައްކާ ގޮތަށް ހަމަޖައްސައިފި ނަމަ ކޮންމެ ޔުނިޓަކުން 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. މަހަކު އެ އަދަދަށް ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެ އެވެ.

ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތަށްް ދޫކުރުމުން ވެސް ނެޓް ކޭޝްފްލޯ ޑެފިސިޓްވާނެ ކަމަށް އޭގައިވެ އެވެ. މިހާރުގެ އަގުން ނެޓް ކޭޝްފްލޯގެ ގޮތުގައި 138.6 މިލިއަން ރުފިޔާ ޑެފިސިޓްވާނެ އެވެ. އެހެންވެ، ފްލެޓް ލިބުނު މީހުން އެތައް އާދޭހެއް ކުރި ނަމަވެސް ފްލެޓްގެ އަގަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.

އެކަމަކު ފައިސާ ނެތިގެން ފްލެޓްގެ މަސައްކަތް ނުނިންމި ތިއްބާ އެތަންތަނުން މަހު ކުލި ނަގަން ފަށައިފި ނަމަ، އެކަން ވެގެންދާތީ ފްލެޓު ލިބުނު މީހުން އިތުރު ބުރައަކާއި ތަކުލީފެއް އުފުލަން ޖެހޭނީ އިތުރު ތަަކުލީފަކަށް ކަމަށް ވެސް ފްލެޓް ލިބުނު މީހުން ބުނެ އެވެ.