Roadha Mihaaru
ހާލުގައި އުޅޭ މީހުންނަށް ފްލެޓް ހަދަން ފަންޑު ހޯދަނީ

ހާލުގައި އުޅޭ މީހުންނަށް ހިޔާ ފްލެޓް ހަދައިދޭން ފަންޑު ހޯދަނީ

27 އޮކްޓޯބަރ 2021

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން، ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމަން މާލީ ގޮތުން ދަތި އާއިލާތަކަށް ފައިސާ ހޯދަން އަމިއްލަ ޖަމިއްޔާއަކުން ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން، ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމަން މާލީ ގޮތުން ދަތި އާއިލާތަކަށް ފައިސާ ހޯދަން އަމިއްލަ ޖަމިއްޔާއަކުން ހުޅުވާލައިފި އެވެ.

"އެހީ" ޖަމިއްޔާ އިން ފަންޑު ހޯދަން މަސައްކަތް ކުރަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ "އާންމު އެކުވެރި ގުޅުން" (ކޮތަރުކޮށި) އާ ގުޅިގެންނެވެ.

އިންސާނީ އެހީ ހޯދައިދޭން މީގެ ނުވަ އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ އެހީ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ހަމޫދު ޔޫސުފް މިއަދު ވިދާޅުވީ، ބަޔަކަށް އެހީވުމުގެ ކުރިން އެ ޖަމިއްޔާ އިން އެ ބައެއްގެ ހާލަތު ބަލާ ކަމަށެވެ. އޭގެ ތެރޭގައި އާމްދަނީ ލިބޭ ވަރާއޮ ހަރަދު ހުންނަ ގޮތް ބެލުމާއި އެ މީހެއްގެ ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ވެސް ހޯދަ އެވެ.

އެކަމަކު ފްލެޓްގެ ކަންކަމުގައި އެހީ ދޭނީ ކޮން ބަޔަކަށް ކަން ނިންމާނީ "އާންމު އެކުވެރި ގުޅުން" އިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިފައި ކުރުމުގެ ބައި ކުރިއަށް ގެންދާނީ އާންމު އެކުވެރި ގުޅުމުން. އަޅުގަނޑުމެން ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ،" ހަމޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ލިބިފައި ހުރި ފަންޑުން މިހާރު ވެސް ދެ ފްލެޓެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެއިން ކޮންމެ ފްލެޓެއް ނިންމުމަށް 150،000ރ. ހަރަދުވާނެ ކަމަށް ހަމޫދު ލަފާކުރެއްވި އެވެ.

"ފްލެޓްގެ ހަމަ ހުރިހާ މަސައްކަތެއް ނިންމާ ވަރަށް މި ފަންޑު ހޯދަނީ. ހުރިހާ މަސައްކަތެއް ދެ ފްލެޓެއްގެ މި ނިންމަމުން [މިހާރު] ދަނީ. އެއީ ވަރަށް ހާލުގައި އުޅޭ ބައެއް. އެ ފަދަ އިތުރު ހަތަރު އާއިލާއެއް އެބަ ތިބި،" ހަމޫދު ވިދާޅުވި އެވެ.

އާންމުންގެ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް މިދުއަމް ސައުދު، ވިދާޅުވީ 260 މީހަކު ފްލެޓް ހޯދުމަށް އެހީވުމަށް އެ ޖަމިއްޔާގައި އެދިފައިވާ ކަމަށެވެ. އެކަމަކު އެ އެންމެންނަށް އެހީވާނެ ވަރަށް ފަންޑު ލިބޭނެ ކަމަށް ނުބެލެވޭތީ އޭނާ ވިދާޅުވިގޮތުގައި، އެހީ ލިބޭ ވަރު ބެލުމަށް ފަހު، އެހީވާނެ މީހުން ކަނޑައެޅުމުގައި އަމަލުކުރާނީ ދެ ގޮތަކަށެވެ.

"އެއީ ވަކި މީހެއްގެ ފްލެޓެއް ނިންމަން މިސާލަކަށް އެހީވަނީ. މިސާލަކަށް ހައްވަތަގެ ފްލެޓް ހަދަނީ އެއީ މީހަކު ހަމަ ހައްވައްތަ ފްލެޓް ނިންމަން ދިން އެހީއެއް. އެ ގޮތަށް ވާ އެހީ އާއި ދެން އަޅުގަނޑުމެން ޗޫޒް ކުރާނީ،" މިދުއަމް ވިދާޅުވި އެވެ.

އެގޮތަށް ވަކި ބައެއް ކަނޑައެޅުމުގައި އަމަލު ކުރާނީ އެންމެ ހާލުގައި އުޅޭ މީހުންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެންމެ ހާލުގައި އުޅޭ މީހުން ހޯދާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަކު މިދުއަމް ވިދާޅުވީ އެހީ ޖަމިއްޔާގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ހަތަރު އާއިލާ އެބަ ތިބި ކަމަށާއި ފުރަތަމަ އިސްކަން ދޭނީ އެ އާއިލާތަކަށް ކަމަށެވެ. އިތުރު ބައެއްގެ ފްލެޓެއް ހެދޭ ވަރު ފަންޑު ލިބިއްޖެ ނަމަ، ދެން އަމަލުކުރާނެ ގޮތް ވެސް އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 6،720 މީހަކަށް ފްލެޓް ލިބުނުއިރު މި ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރަން ޖެހެނީ ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގަ އެވެ. އެކަމަކު ފްލެޓެއްގެ މަސައްކަތް ނިންމަން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާތީ، މާލީ ދަތިކަމާ ހުރެ ގިނަ އާއިލާތަކުން އަދިވެސް ފްލެޓްގެ މަސައްކަތް ނުވެސް ފަށަ އެވެ. އަނެއް ބަޔަކު ފްލެޓް މަސައްކަތް ނިންމަނީ ލޯނު ނަގައިގެންނެވެ.

ފްލެޓް ނިންމުމަށް އަގަކާ ނުލައި، ފްލެޓް ހަވާލުކުރި ހަތަރު މަހުގެ މުއްދަތު މިހާރު ގުނަމުން އަންނައިރު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މަހު ކުލީގެ ގޮތުގައި 7،000ރ. އަދި ސާވިސް ފީ އަށް 1،000ރ، ނަގަން ފަށާނެ އެވެ. އެކަމަކު ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފުރަތަމަ ފަހަރަށް ނުނިންމާ ހަވާލުކުރި އެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ފްލެޓް ލިބުނު މީހުން ދަނީ ސަރުކާރުގައި އާދޭސްކުރަމުންނެވެ.