Roadha Mihaaru
މައްސަލަ ފުންޏެއް، އޮޅުންބޮޅުމާއި އޮޅުވާލުން ގިނަ!

ކުންފުނިތަކުގެ ފްލެޓްތައް: މައްސަލަ ފުންޏެއް، އޮޅުންބޮޅުމާއި އޮޅުވާލުން ގިނަ!

30 ނޮވެމްބަރ 2021

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރި 7،000 ފްލެޓާ އެކު، ސަރުކާރު ހިއްސާވާ 15 ކުންފުންޏަކާ ހަވާލުކޮށްގެން، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ފްލެޓް އެޅުމުގެ މަޝްރޫއެއް މިދިޔަ ސަރުކާރުން ފެށި އެވެ. އެކަމަކު އެ މަޝްރޫއުގެ ދަށުން އަޅަން ހަވާލުކުރި ފްލެޓްތަކުގެ ތެރެއިން ކުރިއަށް ދަނީ އެންމެ ހަތަރު މަޝްރޫއެކެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރި 7،000 ފްލެޓާ އެކު، ސަރުކާރު ހިއްސާވާ 15 ކުންފުންޏަކާ ހަވާލުކޮށްގެން، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ފްލެޓް އެޅުމުގެ މަޝްރޫއެއް މިދިޔަ ސަރުކާރުން ފެށި އެވެ. އެކަމަކު އެ މަޝްރޫއުގެ ދަށުން އަޅަން ހަވާލުކުރި ފްލެޓްތަކުގެ ތެރެއިން ކުރިއަށް ދަނީ އެންމެ ހަތަރު މަޝްރޫއެކެވެ.

އެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލައި ދިރާސާކުރުމަށް ފަހު ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން މިދިޔަ ހަފްތާގައި އެކުލަވާލި ރިޕޯޓުން ވަނީ ވަރަށް ގިނަ ކަންކަން ފާހަގަކޮށްފަ އެވެ.

ކޮމިޓީން ރިޕޯޓު އެކުލަވާލި އިރު، ކުންފުނިތަކުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކުގެ އަދަދާއި، މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި، މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވޭ ތާރީހާއި، މަސައްކަތަށް ހަރަދުވެފައިވާ ފައިސާގެ ތަފްސީލް އަދި އެ ކުންފުނިތަކާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުން ދިރާސާކޮށްފައިވެ އެވެ.

އެކަށީގެންވާ ޕްލޭނެއް ނެތް، ތަނަވަސް މީހުންނަށް ވެސް ލިބުނު

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރި ހައުސިން ޕްރޮޖެކްޓްތައް މެނޭޖްކުރުމަށް އެކަށީގެންވާ ޕްލޭނެއް ހެދިފައެއް ނެތެވެ. އަދި އެ ފްރޮޖެކްޓުތަކުގެ ދަށުން މުވައްޒަފުންނަށް ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައި ވަނީ ހަރުދަނާ އުސޫލެއް ނެތި އެވެ.

"އުސޫލުތައް ބައްޓަންކުރެވިފައިވާ ގޮތުން ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ ދުވަސްވީ އަދި ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަން ޖެހިފައިވާ މުވައްޒައްފުންނަށް ބޯހިޔާވަހި ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަނިވާގޮތަށް އުސޫލުތައް އެކުލަވާލައްވާފައިވާކަން ފާހަގަކުރެވޭ ކަމަށް،" ކޮމިޓީ ރިޕޯޓުގައި ވެ އެވެ.

ސަރުކާރު ކުންފުނިތަކުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓްތައް މިހާރު މުވައްޒަފުންނަށް ދޫކޮށްފައިވާއިރު އޭގެ ތެރޭގައި މި ވަގުތު ބޯހިޔާވަހިކަން ހުރި ފަރާތްތައް ވެސް ހިމެނެ އެެވެ. އަދި ފްލެޓު ގަތުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތްތައް ފަދަ ބައެއް ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރު އަދި ބައެއް ބޯޑު މެންބަރުންނަށް ފްލެޓް ލިބިފައިވާކަން ކޮމިޓީ ރިޕޯޓުން އެނގުނެވެ.

އަދި މިހާރު ބައެއް ކުންފުނިތަކުގައި މަސައްކަތް ނުކުރާ މުވައްޒަފުންނަށް ވެސް އެ ކުންފުނިތަކުގެ ފްލެޓު ދީފައިވާކަން ކޮމިޓީ ރިޕޯޓުން އެނގެ އެވެ.

އެހެންވެ ފްލެޓްތައް ދިނުމުގައި ކުންފުނިތަކުގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ދާއިމީ މުވައްޒަފުންނަށް އިސްކަންދިނުމަށް ކުންފުނިތަކަށް ވަނީ އަންގައިފަ އެވެ.

އެސްއޯއީތަކަށް ދެން ފްލެޓެއް ނޭޅޭނެ

ފްލެޓުތައް ހަވާލުކުރުމުގައި ހުރި މައްސަލަތަކަށްފަހު ކޮމިޓީން ފާހަގަކުރި ގޮތުގައި ސޯޝަލް ހައުސިން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނީ އެކަމަށް ކަނޑައެޅިފައިވާ ކުންފުނިތަކުން އެކަންޏެވެ. އެއީ ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ހަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް ކުރުމުން ކުންފުނީގެ ކޭޝްފްލޯ ތާށިވެ، އަސްލު މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވޭ ކަމަށް ކޮމިޓީ އަށް ކަމަށް ފާހަގަވެފައިވާތީ އެވެ.

އެހެންވެ ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިހާތަނަށް މަސައްކަތް ނުފަށާ ކުންފުނިތަކުގެ އަތުން އެ ބިންތައް އަތުލައި ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އިމާރާތްކުރުން މަނާކުރަން، ކޮމިޓީ ރިޕޯޓުގައި ފާހަގަކުރި ގޮތަށް، މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް އެސްއޯއީ ކޮމިޓީން ޒިޔާރާތްކުރުން. ކޮމިޓީ ރިޕޯޓުގައި ވަނީ ކުންފުނިތަކުގެ ފްލެޓުތަކުގައި ގިނަ މައްސަލަތައް ހުރިކަމަށް ބުނެފައި---- ފޮޓޯ/މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް އެސްއޯއީ ކޮމިޓީން ޒިޔާރާތްކުރުން. ކޮމިޓީ ރިޕޯޓުގައި ވަނީ ކުންފުނިތަކުގެ ފްލެޓުތަކުގައި ގިނަ މައްސަލަތައް ހުރިކަމަށް ބުނެފައި---- ފޮޓޯ/މަޖިލިސް

ކޮމިޓީން ބުނިގޮތުގައި، ދުރު މުސްތަގްބަލަށް ވިސްނާއިރު ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މެންޑޭޓް ކަނޑައަޅާފައިވާ ކުންފުނިތައް ފިޔަވައި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކަށް ހައުސިންގެ މަޝްރޫއުތައް މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ވެސް އަދައެއް ނުކުރެވޭނެ އެވެ.

އެހެންވެ، ގޯތިގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ މަޝްރޫއުތަކާއި ކުންފުނިތަކަށް ހަވާލު ކޮށްފައިވާ މަޝްރޫއުތަކާ މެދު ދެން އަމަލުކުރާނެ އުސޫލެއް ހައުސިން މިނިސްޓްރީއާ އެކު، މަޝްވަރާ ކުރުމަށް ފަހު އެކުލަވައިލުމަށް ވަނީ އަންގައިފަ އެވެ.

ދެ ކުންފުންޏެއްގެ މަސައްކަތް ހުއްޓިފައި އެތައް ދުވަހެއް

އެސްޓީއޯގެ ހިޔާ މަޝްރޫއުގެ ފުރަތަމަ ޝީޓު އެޅުމަށް ފަހު ފްލެޓްތަކުގެ ތަނަވަސްކަން އިތުރުވާ ގޮތަށް ޑިޒައިން ބަދަލުކުރުމަށް ޓަކައި ކަމަށް ބުނެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ޑިޒައިންނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު މަސައްކަތް ފެށިފައި ނުވަނީ ކޮންޓްރެކްޓަރަށް ފައިނޭންސް ހަމަޖެހިފައި ނުވާތީ އެވެ. ފާއިތުވި 16 މަސް ދުވަހު ހައުސިންގެ ޕްރޮޖެކްޓްގެ މަސައްކަތްތައް އެއްވެސް ވަރަކަށް ހިނގާފައި ނުވާ ކަމަށް އެސްއޯއީ ކޮމިޓީ ރިޕޯޓުގައި ބުނެފައި ވެ އެވެ.

އެސްޓީއޯގެ އިތުރުން އެމްޓީސީސީން ކޮންޓްރެކްޓަރާ އެކު 2017 ގައި ވެފައިވާ އެއްބަސްވުން މިދިޔަ އަހަރު ވަނީ ބާތިލުކޮށްފަ އެވެ. އަދި އެ ކުންފުނިން ކޮންސަލްޓެންޓް ސެޓިފައިކޮށްފައިވާ ވެލުއޭޝަން ރިޕޯޓުން ފެންނަގޮތުން، އެއްބަސްވުން ބާތިލްވުމާ ހަމައަށް ނިންމިފައި ވަނީ ހަވާލުކުރި މަސައްކަތުގެ ތެރެއިން ދެ ޓަވަރުގެ ފައުންޑޭޝަންގެ މަސައްކަތެވެ. އެއީ މުޅި މަސައްކަތުގެ 7.15 ޕަސެންޓެވެ.

ރިޕޯޓުގައިވާ ގޮތުން އެމްޓީސީސީ ފްލެޓުގެ މަސައްކަތް ނުފެށި ލަސްވަނީ ވެސް އެކަމަށް ބޭނުންވާ ފައިނޭންސް ނުލިބިގެންނެވެ. އަދި އަމިއްލަ ހަރަދުގައި މަސައްކަތް ފަށައިފި ނަމަ މަސައްކަތް ނިންމާލެވޭނީ 2023 ވަނަ އަހަރު އަހަރުގެ ނިޔަލަށް ލަފާކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް އެސްއޯއީ ކޮމިޓީން ޒިޔާރާތްކުރުން. ކޮމިޓީ ރިޕޯޓުގައި ވަނީ ކުންފުނިތަކުގެ ފްލެޓުތަކުގައި ގިނަ މައްސަލަތައް ހުރިކަމަށް ބުނެފައި-- ފޮޓޯ/ މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް އެސްއޯއީ ކޮމިޓީން ޒިޔާރާތްކުރުން. ކޮމިޓީ ރިޕޯޓުގައި ވަނީ ކުންފުނިތަކުގެ ފްލެޓުތަކުގައި ގިނަ މައްސަލަތައް ހުރިކަމަށް ބުނެފައި-- ފޮޓޯ/ މަޖިލިސް

ކުންފުނިތަކުން މިހާރު ހިންގަމުންދާ މަޝްރޫއުތައް

ސްޓެލްކޯ

* ހުޅުމާލޭ ފޭސް ދޭއްގައި 384 މެދުފަންތީގެ ފްލެޓް ( އެއް ކޮޓަރީގެ 144 އެޕާޓްމަންޓާއި، 1+2 ކޮޓަރީގެ 240 އެޕާޓްމަންޓް ހިމެނޭގޮތަށް)

* ރޮޓައިން އިންޖިނިއަރިން ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑާ ހަވާލުކުރީ 15 ނޮވެމްބަރު 2017 ގައި

* ފްލެޓްތަކުގެ 93 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި

* އަންނަ އަހަރުގެ ޖެނުއަރީގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ

އެމްއޭސީއެލް

* ހުޅުމާލޭގެ ފޭސް ދޭއްގައި 384 މެދުފަންތީގެ ހައުސިން ޔުނިޓް އެޅުމަށް

* ބެެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް ކޯ. ލިމިޓެޑާ ހަވާލުކުރީ 15 ނޮވެމްބަރު 2017 ގައި

* މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި

* އަންނަ މަހުގެ ނިޔަލަށް މަޝްރޫއު އެއްކޮށް ނިމޭނެ

އެމްޕީއެލް

* ހުޅުމާލެ ފޭސް ދޭއްގައި މެދުފަންތީގެ 534 ފްލެޓު އެޅުމަށް ( އެއް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓް)

* ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2017 ނޮވެމްބަރު 15 ގައި

* މަޝްރޫއުގެ %80 މަސައްކަތް މިހާރު ވަނީ ނިމިފައި

* މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރު އޭޕްރީލް އަށް

އެމްޑަބްލިއުއެސްއީ

* ހުޅުމާލެ ފޭސް ދޭއްގައި 384 މެދުފަންތީގެ ފްލެޓު އެޅުމަށް

* މަޝްރޫއު ހަވާލުކުރީ 2017 ނޮވެމްބަރު 2017 ގައި

* ދެޓަވަރުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެއް ޓަވަރުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް 11 މާޗު 2019 ގައި ކޮންޓްރެކްޓް ބަދަލުކުރި

* މިހާރު ނިމިފައި ވަނީ 64 ޕަސެންޓު މަސައްކަތް

* އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރޭ