Roadha Mihaaru
ރިވިއު ކުރާ ފްލެޓް ލިސްޓު އޮކްޓޯބަރުގައި އާންމުކުރަނީ

ރިވިއު ކުރާ ފްލެޓް ލިސްޓު އަންނަ އޮކްޓޯބަރުގައި އާންމުކުރަނީ

29 ޖުލައި 2024

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު މުރާޖައާ ކުރުމަށް ފަހު، ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު މުރާޖައާ ކުރުމަށް ފަހު، ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރަން ހައުސިން މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ ޕެޓިޝަން ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައި ހައިދަރު ވިދާޅުވީ، ފްލެޓް ލިސްޓު އުވައިލަން ސަރުކާރުން ގަސްދު ނުކުރި ނަމަވެސް، ފްލެޓް ލިސްޓު މުރާޖައާ ކުރާ އިރު، އެ ދޫކުރަނީ އެންމެ ހައްގުވެރި މީހާ އަށް ތޯ ޔަގީން ކުރާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހައިދަރު ވިދާޅުވީ ފްލެޓްތައް އިމާރާތްކޮށް ނިމެންވާއިރަށް އެ ލިސްޓު މުރާޖައާކޮށް ނިމޭނެ ކަމަށެވެ.

"ފްލެޓްތައް އިމާރާތްކޮށް ނިމެންވާއިރަށް އަޅުގަނޑުމެން ހުރިހާ، ހޮވޭ ފަރާތްތައް އިއުލާންކޮށް ފައިނަލް ލިސްޓު ގެޒެޓް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާ ތަނުގައި. އިރާދަކުރެއްވިއްޔާ އެހާތަނަށް ފައިނަލް ލިސްޓު އާންމުކުރާނަން."

އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާ ތަނުގައި. އިރާދަކުރެއްވިއްޔާ އެހާތަނަށް ފައިނަލް ލިސްޓު އާންމުކުރާނަން:--- ހައިދަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 ގައި އަންނަނީ 17-18 ބުރީގެ 32 ޓަވަރު އިމާރާތްކުރަމުންނެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެ ހުރިހާ ޓަވަރެއްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. އޭގެ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު، އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންވެ، މި ސަރުކާރުން ވަނީ އާ ފްލެޓް ކޮމިޓީއެއް ހަދައި، އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.