Roadha Mihaaru
ފްލެޓްތަކުގެ މައްސަލާގައި އާ ސީޖީ، ހައިދަރުގެ އަރިހަށް

ކަސްޓަމްސްގެ ފްލެޓްތަކުގެ މައްސަލާގައި އާ ސީޖީ، ހައިދަރުގެ އަރިހަށް: 100 ފްލެޓްގެ ޔަގީންކަން ދެއްވި

30 ޖުލައި 2024

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި އިއްޔެ ވިދާޅުވެ، ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލާގައި ކަސްޓަމްސްގެ އާ ވެރިޔާ ފާތިމަތު ދިޔާނާ، ހައިދަރާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި އިއްޔެ ވިދާޅުވެ، ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލާގައި ކަސްޓަމްސްގެ އާ ވެރިޔާ ފާތިމަތު ދިޔާނާ، ހައިދަރާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޕެޓިޝަން ކޮމިޓީގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، މި ސަރުކާރުން ބަލަނީ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު އިއުލާންކޮށް، ހުޅުވާލި ފުރުސަތުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ލިސްޓުގެ މައްސަލަ ކަމަށެވެ. އެ ލިސްޓުގައި ކަސްޓަމްސްގެ 100 ފްލެޓެއް ނެތް ކަމަށް އޭނާ ކަނޑައެޅިގެން ވިދާޅުވި އެވެ.

ހައިރަދު ވިދާޅުވީ ކަސްޓަމްސް އާއި މި ފްލެޓްތައް އިމާރާތްކުރާ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ދެމެދުގައި އެއްބަސްވުމެއް އޮތް ނަމަ އެ ކުންފުނިން އެ އަށް އިހުތިރާމް ކުރާނެ ކަމަށެވެ.

"އެހެން ނަމަވެސް މި 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް،" އޭނާ އިއްޔެ ވިދާޅުވެފައި ވެ އެވެ.

ހައިދަރުގެ އެ ވާހަކަތަކާ ގުޅިގެން، ކަސްޓަމްސްގެ ވެރިއަކަށް މި މަހުގެ 22 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ދިޔާނާ ވަނީ އޭނާގެ ސޮޔާ އެކު ވަގުތުން އިއްޔެ މެމޯއެއް ނެރުއްވައިފަ އެވެ.

ކަސްޓަމްސްގެ ސެކްޝަންތަކަށް ފޮނުއްވި މެމޯގައި ދިޔާނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކުރި 100 ފްލެޓާ ގުޅޭ މުއާމަލާތްތައް ހިނގާފައިވާ ގޮތުން ސާފުކޮށް ވިދާޅުވެފަ އެވެ. އަދި ހައުސިން މިނިސްޓްރީއާ އެކު ބަދަލުކުރި ސިޓީތަކުގެ ނަމްބަރާއި ތާރީހުތައް ވެސް އެ މެމޯގައި ދިޔާނާ ހިމެނުއްވި އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު ހިންގާފައިވާ މުއާމަލާތްތަކުގެ ވާހަކަ ވެސް މެމޯގައި ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ހައިދަރާއި ކަސްޓަމްސްގެ ވެރިޔާ ދިޔާނާ: 4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ހިމެނޭ ކަމަށާއި އިތުރު ބިމެއް ވެސް ފްލެޓް އަޅަން ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ދިޔާނާ ވިދާޅުވި.

ހައުސިން މިނިސްޓަރު ހައިދަރާއި ކަސްޓަމްސްގެ ވެރިޔާ ދިޔާނާ: 4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ހިމެނޭ ކަމަށާއި އިތުރު ބިމެއް ވެސް ފްލެޓް އަޅަން ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ދިޔާނާ ވިދާޅުވި.

އެ ހިސާބުން ނިންމާ ނުލައްވައި ކަސްޓަމްސްގެ އާ ވެރިޔާ ދިޔާނާ އާއި އެ އިދާރާގެ އިސްވެރިން މިއަދު ވަނީ މިނިސްޓަރު ހައިދަރުގެ އަރިހަށް ވެސް ވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ވެސް ދިޔާނާ ވަނީ ކަސްޓަމްސްގެ ސެކްޝަންތަކަށް ހާއްސަ މެމޯއެއް ފޮނުއްވައިފަ އެވެ.

އެ މެމޯގައި އޭނާ ވިދާޅުވީ، ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ގެދޮރުވެރިޔާ ސްކީމުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކުރި 100 ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ދެއްވި ކަމަށެވެ. އަދި ކަސްޓަމްސްގެ މުވައްޒުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައި ދެއްވަން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ފްލެޓްތައް އިމާރާތް ކުރަން ބޭނުންވާ ބިން މާލެ ސަރަހައްދުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ހައިދަރު ވިދާޅުވި ކަމަށް ކޮމިޝަނާ ޖެނެރަލްގެ މެމޯގައި ވެ އެވެ.

"އަދި މި ކަންކަމާ ގުޅޭ ގޮތުން ކަސްޓަމްސް އާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާކޮށް، ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމުގައި ދަންނަވަމެވެ،" އާ ކޮމިޝަނާ ޖެނެރަލް ސޮއިކުރައްވައި މިއަދު ނެރުއްވި މެމޯގައި ވެ އެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން 100 ފްލެޓް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ހައިދަރު، އެ އިދާރާގެ އިސްވެރިންނަށް މިއަދު ދެއްވިޔަސް އިއްޔެގެ ބައްދަލުވުމުގައި ގެންގުޅުއްވީ އެހެން ވިސްނުމެކެވެ.

"އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކަސްޓަމްސްއާ މަޝްވަރާކުރި އިރު، ކަސްޓަމްސްގެ ވެސް މާ ބޮޑު އިންޓްރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށް،" އިއްޔެގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވި އެވެ.

އެކަމަކު، ކަސްޓަމްސްގެ އިސްވެރިޔާ އިއްޔެ ނެރުއްވި މެމޯގައިވާ ގޮތުން ފްލެޓްތަކާ ގުޅޭ މަޝްވަރާތައް ކުރަން މިދިޔަ މާޗު މަހު ވެސް ހައުސިން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. އެއީ އެ މިނިސްޓްރީ އާއި އެޗްޑީސީއާ އެކު ކަސްޓަމްސް އިން މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ އޮޕްޝަންތަކެއް ހުށަހެޅުމަށް ރައީސް އޮފީހުން އަންގާފައި ވާތީ، މާޗު މަހުގެ 18 ގައި ހައުސިން މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"މި ބައްދަލުވުމުގައި އެއްބަސްވެވުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިން އެޗްޑީސީއާ ގުޅިގެން ހޯދުމަށާއި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ 100 ފްލެޓް އިތުރު ބަދަލެއް ނުގެނެސް ކުރިން ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށެވެ،" ކަސްޓަމްސްގެ ވެރިޔާ ދިޔާނާގެ މެމޯގައި ވެ އެވެ.