30 ޖުލައި 2024
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަ ކުރާ 100 ފްލެޓް ނުހިމެނޭ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އިއްޔެ ދެއްކެވި ވާހަކަތައް ކަސްޓަމްސް އިން ދޮގުކޮށްފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަ ކުރާ 100 ފްލެޓް ނުހިމެނޭ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އިއްޔެ ދެއްކެވި ވާހަކަތައް ކަސްޓަމްސް އިން ދޮގުކޮށްފި އެވެ.
ކަސްޓަމްސްގެ އާ ކޮމިޝަނާ ޖެނެރަލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 22 ގައި އައްޔަން ކުރެއްވި ފާތިމަތު ދިޔާނާ ސޮއިކުރައްވައި އިއްޔެ ނެރުއްވި މެމޯއެއްގައި ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން 100 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމައި، ރައީސް އޮފީހުން އެކަން އެ އިދާރާއަށް އެންމެ ފުރަތަމަ އެންގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި ކަމަށެވެ. އެއީ އޭރުގެ ރައީސް އިބޫގެ ވެރިކަމުގަ އެވެ.
ރައީސް އޮފީހުގެ އެ ނިންމުމާ އެއްގޮތަށް، ތިން ކޮޓަރީގެ 85 ފްލެޓާއި ދެ ކޮޓަރީގެ 15 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭން ކަނޑައެޅުމަށް ފަހު، ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ގައި ކަސްޓަމްސް އަށް އެކަން ސިޓީއަކުން އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"މި 100 ފްލެޓްގެ ތެރެއިން ވަކިވަކި ޔުނިޓްތަކުގެ ނަމްބަރުތައް ދިނުމަށް ފަހު، އެ ޔުނިޓްތައް ދެންވީ މުވައްޒަފުން ކަނޑައެޅުމަށް ފަހު ފޮނުވުމަށް އެ މިނިސްޓްރީން ކަސްޓަމްސްއަށް އެންގުމުން ކަސްޓަމްސްގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ފްލެޓް ލިބޭ މުވައްޒަފުންނަށް އެ ޔުނިޓް ކަނޑައެޅުމަށް ފަހު 16 ނޮވެމްބަރު 2023 ގައި އެ ލިސްޓު ހައުސިން މިނިސްޓްރީ އަށް ފޮނުވުނު،" ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މެމޯގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭގެ ފަހުން ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމަށްޓަކައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަސްޓަމްސްގެ މުވައްޒަފުންނަށް ގުޅަމުން ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ސިޓީއަކުން އަންގާފައިވެ އެވެ. އެހެންވެ، އެކަމުގެ އެއްބަސްވުން ހަދައިދިނުމަށް ކަސްޓަމްސް އިން ވަނީ އެފްޑީސީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އީމެއިލް ކޮށްފަ އެވެ. އެއީ މިހާރުގެ ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހެވެ.
ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ މައުލޫމާތާއި އަޕްޑޭޓްތައް ހައުސިން މިނިސްޓްރީއާ ހިއްސާކުރުމަށް ފަހު، އެ މިނިސްޓްރީން އެ ފްލެޓްތަކާ މެދު އަމަލުކުރުމަށް މިހާރު ނިންމާފައިވާ ގޮތް އަންގައިދިނުމަށް ސިޓީއަކުން އެދުނު ނަމަވެސް އެއްވެސް ޖަވާބު ނުލިބޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އާއި އެޗްޑީސީއާ އެކު ކަސްޓަމްސް އިން މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ އޮޕްޝަންތަކެއް ހުށަހެޅުމަށް ރައީސް އޮފީހުން އަންގާފައި ވާތީ، މި ވެރިކަމުގައި މިިދިޔަ މާޗު މަހުގެ 18 ގައި ހައުސިން މިނިސްޓްރީއާ އެކު ބައްދަލުމެއް ބޭއްވި ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
"މި ބައްދަލުވުމުގައި އެއްބަސްވެވުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިން އެޗްޑީސީއާ ގުޅިގެން ހޯދުމަށާއި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ 100 ފްލެޓް އިތުރު ބަދަލެއް ނުގެނެސް ކުރިން ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށެވެ،" ކަސްޓަމްސްގެ ވެރިޔާ ދިޔާނާގެ މެމޯގައި ވެ އެވެ.
އޭނާ ވިދާޅުވީ، އެ އިދާރާގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި މުވައްޒަފުންގެ ވެލްފެއާ އަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ އެންމެ އިސްކަންދޭނެ ކަންތައްތައް ކަމަށެވެ. އެ 100 ފްލެޓް ހޯދުމަށާއި ފްލެޓް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހައިދަރު ވިދާޅުވީ، މި ސަރުކާރުން ބަލަނީ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު އިއުލާންކޮށް، ހުޅުވާލި ފުރުސަތުގައި ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ފްލެޓް ލިސްޓުގެ މައްސަލަ އެވެ. އެ ލިސްޓުގައި ކަސްޓަމްސްގެ 100 ފްލެޓެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކަސްޓަމްސްއާ މަޝްވަރާކުރި އިރު، ކަސްޓަމްސްގެ ވެސް މާ ބޮޑު އިންޓްރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށް."
ހައިދަރު އެގޮތަށް ވިދާޅުވި ނަމަވެސް ކަސްޓަމްސްގެ 100 މީހުން ހިމަނަނީ ގެދޮރުވެރިޔާ ސްކީމްގައި ކަމަށް، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ބައެއް އޮފިޝަލުން އޭރު ވެސް ކަށަވަރު ކޮށްދެއްވި އެވެ.
ފްލެޓްތަކުގެ މައްސަލާގައި އާ ސީޖީ، ހައިދަރުގެ އަރިހަށް
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ
4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ނުހިމެނޭ
ރިވިއު ކުރާ ފްލެޓް ލިސްޓު އޮކްޓޯބަރުގައި އާންމުކުރަނީ
ފްލެޓު މައްސަލާގައި މިނިސްޓްރީ ތެރޭ މުޒާހަރާކުރަނީ
ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް
ދިރިއުޅެން ދިން ފްލެޓްތައް ކުއްޔަށް ދޫކުރުން ހުއްޓުވަނީ