Roadha Mihaaru
4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ނުހިމެނޭ

4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ: ހައިދަރު

29 ޖުލައި 2024

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހައުސިން މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގައި ހައިދަރު ވިދާޅުވީ، މި ސަރުކާރުން ބަލަނީ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު އިއުލާންކޮށް، ހުޅުވާލި ފުރުސަތުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ލިސްޓުގެ މައްސަލަ ކަމަށެވެ. އެ ލިސްޓުގައި ކަސްޓަމްސްގެ 100 ފްލެޓެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހައިރަދު ވިދާޅުވީ ކަސްޓަމްސް އާއި މި ފްލެޓްތައް އިމާރާތްކުރާ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ދެމެދުގައި އެއްބަސްވުމެއް އޮތް ނަމަ އެ ކުންފުނިން އެ އަށް އިހުތިރާމް ކުރާނެ ކަމަށެވެ.

"އެހެން ނަމަވެސް މި 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކަސްޓަމްސްއާ މަޝްވަރާކުރި އިރު، ކަސްޓަމްސްގެ ވެސް މާ ބޮޑު އިންޓްރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށް."

ކަސްޓަމްސް އިން މިދިޔަ އަހަރު ބުނި ގޮތުގައި، އެ މުއައްސަސާއިން އެތެރޭގެ އިވެލުއޭޝަނެއް ހެދުމަށް ފަހު، ހައުސިން މިނިސްޓްރީން އެދުނު ގޮތަށް 100 މީހުންގެ ލިސްޓެއް އެ މިނިސްޓްރީ އަށް ފޮނުވި އެވެ. އެ 100 މީހުން ހިމަނަނީ ގެދޮރުވެރިޔާ ސްކީމްގައި ކަމަށް އޭރު ހައުސިން މިނިސްޓްރީގެ ބައެއް އޮފިޝަލުން ވެސް ކަށަވަރު ކޮށްދެއްވި އެވެ.

ނަމަވެސް ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާން ކުރި އިރު ކަސްޓަމްސްގެ ލިސްޓުގައި ހިމެނޭ މީހުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިން ޕެޓިޝަން ކޮމިޓީގައި ބުނެފައިވާ ގޮތުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކުރި ފްލެޓްތަކާ ގުޅޭ ޝަކުވާތަކެއް ވެސް ލިބިފައި ވެ އެވެ.