Roadha Mihaaru

76 ޕޮއިންޓަށް ވުރެ މަތިން ލިބި ގުރުއަތު ނުނަގައި ތިބި މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ

ގެދޮރުވެރިޔާ ސްކީމްގައި 76 މާކްސް އަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ކަނޑަނާޅައި އެއަށް ވުރެން ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފްލެޓް ކަނޑައަޅާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

04 އޯގަސްޓް 2025

ގެދޮރުވެރިޔާ ސްކީމްގައި 76 މާކްސް އަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ކަނޑަނާޅައި އެއަށް ވުރެން ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފްލެޓް ކަނޑައަޅާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، 76 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންގެ ތެރޭގައި ގުރުއަތުގައި ހިމަނާފައި ނުވާ ފަރާތްތަކެއް ތިބުމުން، އެ މައްސަލަ ހައްލުކުރަމުން އަންނަ ކަމަށެވެ. އެއްބަސްވުންތަކުގައި މިހާރު ސޮއިކުރަން ފަށާފައިވިޔަސް 75 ޕޮއިންޓް ލިބުނު މީހުންގެ ފްލެޓާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ 76 އަށް ވުރެ މަތިން ލިބުނު މީހުންގެ ފްލެޓްތައް ކަނޑައަޅައި ނިމުމުން ކަމަށެވެ.

އެހެންވެ، 75 ޕޮއިންޓް ލިބުނު ބައެއް މީހުންނާ އެކު އެއްބަސްވުމުގައި ސޮއިނުކޮށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި ބުނީ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބިފައިވާ ފަރާތްތަކަށް ކަމަށް މި ސްކީމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ ފްލެޓްތައް ކަނޑައެޅުމަށް ފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބުނު މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރާނެ ވެސް އޮތީ އިއުލާންކޮށްފަ އެވެ.

ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފްލެޓް ދޭން ނިންމާފައި ވަނީ 73 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

މިގޮތަށް މިކަން އިއުލާންކޮށްފައި އޮތަސް، ހައުސިން މިނިސްޓްރީން ބުނީ ގުރުއަތު ނެގިއިރު، ގުރުއަތުގައި ނުހިމެނި ފްލެޓް ލިބެން ޖެހޭ ބަޔަކު ވަނީ އުނިވެފަ އެވެ.

މިނިސްޓްރީން ބުނީ ނޮވެމްބަރު، 16، 2023 ގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ކަނޑަނާޅަނީސް 75 އަށް ވުރެ މަތިން ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައިވާ ކަމަށެވެ.

މި ސްކީމުގައި 76 މާކްސް އަށް ވުރެން މަތިން ލިބުނު މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާތީ، ފުރަތަމަ އެ މީހުންނަށް ފްލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެއީ ކިހާ އަދަދެެއް ކަމެއް މިނިސްޓްރީން ނުބުނެ އެވެ.

"އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައަޅައި އެ މަރުހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ،" މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.