Roadha Mihaaru

ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ނިންމައި، ހައްގުވެރިންނަށް ހަވާލުކުރަނީ

މި ސަރުކާރުގެ އަމާޒަކީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 4،000 ފްލެޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި، ހައްގުވެރިންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ނިންމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

29 މެއި 2025

މި ސަރުކާރުގެ އަމާޒަކީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 4،000 ފްލެޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި، ހައްގުވެރިންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ނިންމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ 4،000 ފްލެޓްގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފްލެޓްގެ ކަމަށެވެ. އަދި އެ ތަންތަނަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުއްމީދު މި ކުރަނީ ޖުލައި މަސް ތެރޭގައި 1،000 ފްލެޓަށް ހިދުމަތް ދެވިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ނިމޭ ފްލެޓްތަކުގެ އެއްބަސްވުން، ފްލެޓް ލިބޭ މީހުންގެ ތެރެއިން އިސްކަންދޭ ތަރުތީބަށް ބަލައިގެން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް އިތުރު 1،000 ފްލެޓް ވެސް ނިންމުން ކަމަށާއި އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު، 2023 ގައި އޭރުގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަން މިއަދު ހާމަކޮށްފަ އެވެ. ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.

ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.

ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވީ އެމީހުން މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަން ލިޔުންތަކުން ސާބިތުނުވާ ކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފަ އެވެ.

އެގޮތުން 2007 ގެ ކުރީގެ ތާރީހެއްގައި މާލޭގައި ދިރިއުޅުނު ކަން ލިޔެކިޔުންތަކުން ފެންނަ ހުރި މީހެއްނަމަ، އެމީހަކު އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަމުގެ ލިޔުމެއް ނެތް ނަމަ ބަލާނީ އެ މީހަކީ މާލޭގައި މެދުކެނޑުމެއްނެތި ދިރިއުޅެމުންދިޔަ މީހެއްގެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ މީހަކީ 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފަށާފައިވާ މީހެއް ކަން އެނގޭ ނަމަ، އަދި އޭގެ ފަހުން ރާއްޖޭގެ އެއްވެސް ތަނަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަން ސާބިތުކުރެވެން ނެތް ނަމަ، އެ މީހަކު ވެސް ބަލާނީ 15 އަހަރު މާލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.