ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު 2023 ގައި އޭރު ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަމަށާއި ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
29 މެއި 2025
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު 2023 ގައި އޭރު ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަމަށާއި ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރު ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް ނޮވެމްބަރު 15، 2023 ގައި ލިސްޓެއް އިއުލާންކުރި އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.
ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ. ސަރުކާރުން އޭރު ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު، ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓް ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވީ އެމީހުން މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަން ލިޔުންތަކުން ސާބިތުނުވާ ކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން 2007 ގެ ކުރީގެ ތާރީހެއްގައި މާލޭގައި ދިރިއުޅުނު ކަން ލިޔެކިޔުންތަކުން ފެންނަ ހުރި މީހެއްނަމަ، އެމީހަކު އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަމުގެ ލިޔުމެއް ނެތް ނަމަ ބަލާނީ އެ މީހަކީ މާލޭގައި މެދުކެނޑުމެއްނެތި ދިރިއުޅެމުންދިޔަ މީހެއްގެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ މީހަކީ 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފަށާފައިވާ މީހެއް ކަން އެނގޭ ނަމަ، އަދި އޭގެ ފަހުން ރާއްޖޭގެ އެއްވެސް ތަނަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަން ސާބިތުކުރެވެން ނެތް ނަމަ، އެ މީހަކު ވެސް ބަލާނީ 15 އަހަރު މާލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ ވަރަށް ގިނަ މީހުން ޝަރުތު ހަމަވެގެންދާނެ."
މިނިސްޓަރު ވިދާޅުވީ މިކަން ބެލުމަކީ ބަލާނީ ވަކި ލިޔުންތަކަށް ނޫން ކަމަށާއި ހުށަހަޅާފައިވާ ހުރިހާ ލިޔުންތަކަކަށް ރިއާޔަތް ކުރާނެ ކަމަށެވެ. މީގެ ކުރިން ކައުންސިލުތަކުން ހޯދި ލިޔުންތައް ބަލައިނުގަންނަން މިނިސްޓްރީން ނިންމާފައިވެ އެވެ.
ޝަރުތުތައް ސާބިތުކުރަން ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުންތަކެއް ކަން ސާބިތުވާ ނަމަ އެ މީހެއްގެ ފޯމް ބާތިލް ކުރާނެ ކަމަށާއި ޝަރުތެއް ހަމަނުވާ ކަން ސާބިތުވެއްޖެ ނަމަ، އެމީހެއްގެ ފޯމް ވެސް ބާތިލް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެމަފިރިއަކަށް ފްލެޓް ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެތަނުން އެކަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން ސްކީމްތަކުން ބިން ލިބިފައިވާ މީހުންނާއި ގެދޮރު ހުރި މީހުން ވެސް ލިސްޓުން އުނިކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތަށް އުނިކުރާ ފަރާތްތަކުގެ ޖާގައަށް މީހުން ހޮވާނީ 75 މާކްސްއަށް ވުރެ މަތިން ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަށް ދާ މީހުންގެ މެދުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މީގެ ތެރެއަށް އިތުރު ޕޮއިންޓްތަކެއް އިވެލުއޭޓްކޮށްގެން ކުރިއަށް ދިޔުމުގެ އެއްވެސް ހިޔާލެއް އެއްވެސް މަސައްކަތެއް ނުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފްލެޓް ލިބޭ މީހުންނާ އެކު އެއްބަސްވުންތައް ހަދައި، އަންނަ ސެޕްޓެމްބަރު މަހު އެ ތަންތަން ހަވާލު ކުރެވޭނެ އެވެ. ކުރީގެ ސަރުކާރުން ބައެއް މީހުންނާ އެކު އޮންލައިންކޮށް އެއްބަސްވުންތަކެއް ހަދާފައިވީ ނަމަވެސް، އެ އެއްބަސްވުންތަކަށް ރިއާޔަތް ނުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ފްލެޓް ލިސްޓަށް ޝަކުވާގެ މުއްދަތު އިތުރުކޮށްފި
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ