Roadha Mihaaru

ފިރިމީހާ/އަނބިމީހާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ލިސްޓުން އުނިކުރަނީ

ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ
ނާޒިމް ހަސަން
ނާޒިމް ހަސަން

29 މެއި 2025

ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން މާލޭ ސަރަަހައްދުން ގޯތީ ދޫކުރަން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ ކަމަށެވެ.

"މާނައަކީ ސަރުކާރުގެ ސިޔާސަތަކީ އެއް އާއިލާއަކަށް އެއް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެ އުސޫލުން ބިންވެރިޔާ ސްކީމް ވެސް ގެދޮރުވެރިޔާ ސްކީމް ވެސް ކުރިއަށް ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"ގޯތި ލިބިފައިވާ މީހުންގެ އަނބިމީހާއަށް، ފިރިމީހާއަށް ފްލެޓް ނުލިބޭނެ."

މިހާރު އޮތް ލިސްޓްގައި ފްލެޓް ލިބޭ މީހުންގެ ތެރެއިން 302 މީހުންނަކީ އެމީހުންގެ ނަން މަތީ ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ 305 މީހަކު ވެސް ލިސްޓްގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި 391 ދެމަފިރިންނަށް ވެސް ފްލެޓް ލިބޭ ކަމަށް އެބަ އޮތެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކީމްގެ ދަށުން ފިރިމީހާ އާއި އަނބިމީހާއަށް ފްލެޓް ލިބުމަށް ޝަރުތު ހަމަވި ނަމަވެސް، ފްލެޓް ލިބޭނީ އޭގެ ތެރެއިން ކޮންމެ ވެސް އެކަކަށެވެ.

ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު، 2023 ގައި އޭރުގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަން މިއަދު ހާމަކޮށްފަ އެވެ. ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.

ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.

ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވީ އެމީހުން މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަން ލިޔުންތަކުން ސާބިތުނުވާ ކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފަ އެވެ.

އެގޮތުން 2007 ގެ ކުރީގެ ތާރީހެއްގައި މާލޭގައި ދިރިއުޅުނު ކަން ލިޔެކިޔުންތަކުން ފެންނަ ހުރި މީހެއްނަމަ، އެމީހަކު އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަމުގެ ލިޔުމެއް ނެތް ނަމަ ބަލާނީ އެ މީހަކީ މާލޭގައި މެދުކެނޑުމެއްނެތި ދިރިއުޅެމުންދިޔަ މީހެއްގެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ މީހަކީ 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފަށާފައިވާ މީހެއް ކަން އެނގޭ ނަމަ، އަދި އޭގެ ފަހުން ރާއްޖޭގެ އެއްވެސް ތަނަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަން ސާބިތުކުރެވެން ނެތް ނަމަ، އެ މީހަކު ވެސް ބަލާނީ 15 އަހަރު މާލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.