މި އަހަރުގެ މިނިވަންދުވަހުގެ ބަންދު ދުވަސްތަކަށް ފަހު، 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން މިއަދު އަލުން ފަށައިފި އެވެ.
29 ޖުލައި 2025
މި އަހަރުގެ މިނިވަންދުވަހުގެ ބަންދު ދުވަސްތަކަށް ފަހު، 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން މިއަދު އަލުން ފަށައިފި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ.
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާނުކުރުންhttps://t.co/7NwlTUHL4U
— Ministry of Construction, Housing & Infrastructure (@MoCImv) November 4, 2023
މިދިޔަ ހަފުތާ ބަންދާއި މިނިވަން ދުވަހަށް ސަރުކާރު ބަންދުވުމާ ހަމައަށް އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ފަރާތުން އެ މުއްދަތާ ހަމައަށް އެފްޑީސީ އަށް ނަން ފޮނުވާފައިވާ މީހުންގެ ތެރެއިން 71 މީހަކާ އެކުގަ އެވެ.
އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހު އެފްޑީސީން ބުނެފައި ވަނީ އެ ދުވަހާ ހަމައަށް ހައުސިން މިނިސްޓްރީން އިތުރު 2،665 މީހެއްގެ މައުލޫމާތު ފޮނުވާފައިވާ ކަމަށެވެ.
އެހެންވެ، އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ 2،665 މީހުންނާ އެކު ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިނިވަން ދުވަހުގެ ބަންދަށް ފަހު މިއަދު ސަރުކާރު ހުޅުވުމާ އެކު ފަށާފައިވާ ކަމަށެވެ.
"އެ 2،665 މީހުންގެ އިތުރުން ހައުސިން މިނިސްޓްރީން އަދި އިތުރު ނަންތަކެއް ނުލިބޭ. އެހެންވެ، 2،665 މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ޝެޑިއުލް ކޮށްގެން މިއަދު މި ފެށީ،" ހަމްދާން ވިދާޅުވި އެވެ.
ގެދޮރުވެރިޔާގެ ޓަވަރުތަކެއް.--
ނަމަވެސް ބައެއް މީސްމީހުންގެ މައުލޫމާތު ފުރިހަ ނުވުން ފަދަ ކަންކަމާ ހެދި އަދިވެސް ސޮއިކުރުން ކުރިއަށް ގެންދިއުމުގައި ލަސްތަކެއް އުޅޭ ކަމަށް ހަމްދާން މިއަދު ވެސް ވިދާޅުވި އެވެ. އެ މައްސަލަ ބޮޑުވެފައިވާތީ ފްލެޓަށް ޝަރުތު ހަމަވެފައިވާ މީހުން ހޭލުންތެރި ކުރުމުގެ އިތުރު މަސައްކަތްތަކެއް ފަށަން އެފްޑީސީން މިހާރު ވަނީ ނިންމައިފަ އެވެ.
އެފްޑީސީން އަންގާ ތަރުތީބުން އެއްބަސްވުންތަކުގައި ސޮއިކުރަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ދާތީ، އެންމެން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑިސީން ވަނީ އެދިފަ އެވެ.
އެންމެ ގިނައިން ދިމާވާ މައްސަލަ ކަމަށް އެފްޑީސީން ބުނީ ސޮއިކުރަން ދާއިރު ޕޯޓަލަށް ފޮނުވާފައި ހުންނަ މައުލޫމާތު ފުރިހަމަނުވުމެވެ. އޭގެ ތެރޭގައި އައިޑީކާޑުފަދަ ލިޔުންތައް ސާފު ނުވުމުގެ މައްސަލަ ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
ގެދޮރުވެރިޔާ ފްލެޓެއް.--
- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.
- ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ އެވެ. ނަމަވެސް، ފްލެޓްތަކަށް ވަދެވޭނީ އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން ދިނުމުން ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭވަރު ވާނެ ކަމަށާއި ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް މިނިފައިވާ ކަމަށް އެފްޑީސީން މައުލޫމާތުދެ އެވެ. މިހާރު ކުރިއަށް ގެންދަނީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތަކެވެ.
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން
ހާހަކަށް ވުރެ ގިނަ މީހުންނާ އެކު ފްލެޓު ސޮއިކޮށްފި
76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ
ފްލެޓުތަކަށް ކުރިން ކަނޑައެޅި ކުއްޔަށް ބަދަލުކުރަން ގޮވާލައިފި
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
ފްލެޓް އެއްބަސްވުމުގައި 2،000 މީހުން ސޮއިކޮށްފި
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓައެއްނުލާ