ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލި، ކުރިން ކަނޑައަޅާފައިވާ އަގުތަކަށް ބަދަލުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.
26 ޖުލައި 2025
ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލި، ކުރިން ކަނޑައަޅާފައިވާ އަގުތަކަށް ބަދަލުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.
އެ މަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އޭރު ފެށި ގެދޮރުވެރިޔާ ސްކީމުން ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުއްޔަށް ކަނޑައެޅީ 7،000ރ. އަދި އަދި މެއިންޓެނަންސް ފީއަށް 1،000ރ. ކަމަށެވެ.
ދެ ކޮޓަރިއަށް 5،000ރ. އަދި މެއިންޓެނަންސް ފީއަށް 1،000ރ. އެވެ.
އޭގެ އިތުރުން، ފްލެޓަށް ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނު ހޯދުމުގައި ލުއިފަސޭހަ ކޮށްދިނުމަށް ކުލި ދައްކަން ޖެހޭނީ ފްލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ފަހުން ކަމާއި ފްލެޓު ލިބޭ މީހުންނަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގާކަށް ނުނިންމާ ކަމަށް ބަޔާނުގައި ބުންޏެވެ.
ނަމަވެސް، މި ސަރުކާރުން ވަނީ ކުއްޔާއި މެއިންޓެނަންސް ފީ ބޮޑުކޮށް އަދި ޑިޕޮސިޓު ނަގަން ފަށައި، 4،000 ފްލެޓު ލިބޭ މީހުންނާއެކު މިދިޔަ ހަފުތާގައި އެގްރިމެންޓުގައި ސޮއިކުރަން ފަށައިފަ އެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މިހާރު ޖެހެނީ 7،000ރ. އަދި މަރާމާތުކުރުމަށް 1000ރ. އެވެ. އެ ތަންތަނަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދައްކަންޖެހެ އެވެ.
ތިން ކޮޓަރިއަށް ކަނޑައަޅާފައިވާ ކުއްޔަކީ 9،500ރ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1،500ރ. އެވެ. އެޑްވާންސްގެ ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 25،000ރ. ދައްކަންޖެހެ އެވެ.
އެކަންކަމުގެ އިތުރުން، ވަކި ދުވަހެއްގެ ފަހުން ކުލި ދައްކާ ނަމަ އެ ކުލި ބޮޑުވާނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
ނަމަވެސް، އިބޫގެ އޮފީހުން ބުނީ އެ ބަދަލުތައް ގެނައުމަކީ ދަތި ހާލުގައި އުޅޭ މީހުންނަށް ސަރުކާރުން ވާ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
އެހެންވެ، އެ ކަންކަން ބަދަލުކުރުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
"ދައުލަތުން ނިންމާފައިވާ އާއްމު ރައްޔިތުންނާ ގުޅުން ހުރި އެފަދަ ނިންމުންތައް ބަދަލުކުރުމަކީ ދައުލަތުގެ މައްވަށް ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެކެވެ. ވީމަ، ކުރިން ކަނޑައަޅާފައިވާ ކުލި ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
ފްލެޓުތަކުގެ މައުލޫމާތު ހިއްސާކުރަން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުލީގެ އަދަދު ކުރިން ހާމަކޮށްފައިވަނީ އެސެސްމަންޓް ހެދުމަށް ފަހު ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އެންމެ ރަނގަޅަކަށް، އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ކަމަށް. އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، މާނައަކީ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓު ލޯނަކުން މިކުރާ މަސައްކަތެއް މި މަސައްކަތަކީ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000ރ. ނަގަން ޖެހޭ ކުއްޔަކަށް،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތައް ހިންގަންޖެހޭނީ ދައުލަތަށް ބުރަނުވާ އަދި ދެމެހެއްޓެނިވި ގޮތަކަށެވެ.
"މި ދެންނެވި އަދަދަށް ބަލާނަމަ ވެސް ލޯނު ދެއްކުމަށްޓަކައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ސަބްސިޑައިޒްކުރަން ޖެހޭ،" މުއްތަލިބު ވިދާޅުވި އެވެ.
76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން
ފްލެޓް އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ފަށައިފި
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
ފްލެޓުގެ ނަމުގައި ގަނަތެޅުވުން ހުއްޓާލަން ވެއްޖެ!
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ