02 އޮކްޓޯބަރ 2018
ފްލެޓަށް އެދޭ ފޯމު ލާން މުޅި ތަން އޮތީ ތޮއްޖެހިފަ އެވެ؛ އެކަމަކު، ފޯމު ލާން އުޅޭ، "ހިޔާ މަޝްރޫއު"ގެ ދަށުން ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީން ކަމެއް މިދިޔަ އާދީއްތަދުވަހު ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިގެން ތިބި މީހުންނަކަށް ނެތެވެ. ދިރިއުޅުމުގެ ހާލަތާ ގުޅޭ ލިއުންތައް ބަރިބަރިއަށް އަޅައިގެން ތިބީ، މި ބުރުގައި ވެސް ފޯމު ނުލެވުމުގެ މާޔޫސް ކަމުގައި ނުތިބެން ވެގެންނެވެ. އެންމެ ކުޑަމިނުން ފޯމު ލެވުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ފްލެޓަށް އެދޭ ފޯމު ލާން މުޅި ތަން އޮތީ ތޮއްޖެހިފަ އެވެ؛ އެކަމަކު، ފޯމު ލާން އުޅޭ، "ހިޔާ މަޝްރޫއު"ގެ ދަށުން ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީން ކަމެއް މިދިޔަ އާދީއްތަދުވަހު ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިގެން ތިބި މީހުންނަކަށް ނެތެވެ. ދިރިއުޅުމުގެ ހާލަތާ ގުޅޭ ލިއުންތައް ބަރިބަރިއަށް އަޅައިގެން ތިބީ، މި ބުރުގައި ވެސް ފޯމު ނުލެވުމުގެ މާޔޫސް ކަމުގައި ނުތިބެން ވެގެންނެވެ. އެންމެ ކުޑަމިނުން ފޯމު ލެވުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އެންމެ ފަހު ވަގުތު ވެސް ފޯމު ލާފައި ނޫނީ އެނބުރި ނުދާން، ގުޑިނުލައި އެތައް ބަޔަކު ތިބީ އެހެންވެ އެވެ. ފޯމު ލާން، ދަމާލި ދިގު ކިޔޫގައި 12 ގަޑިއިރު ހޭދަކުރި މީހުން ވެސް ތިއްބެވެ. އެ މީހުންގެ މޫނުމަތިން، ދިިރިއުޅުމުގެ ހާލަތު ކިޔައިދެ އެވެ؛
ގިނަ ބައެއްގެ މުޅި އުމުރު ހޭދަވީ ފްލެޓަށް އެދި ފޯމު ފުރުމުގަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މި ހިނގާ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ފޯމު ލައިފި އެވެ. ފްލެޓް ނުލިބި މިހާތަނަށް، ކުރިމަތިވީ މާޔޫސް ކަމެވެ.
ފްލެޓަށް އެދި ފޯމު ހުށަހަޅަން ދިޔަ ބަޔަކު ކިޔޫގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ލިބޭ މުސާރަ ކުލީގެ ގޮތުގައި ދައްކައިގެން، މުޅި ދިރިއުޅުން ހާސްކަމުގަ އެވެ. ޚަރަދުތައް ދެކޮޅެއް ނުޖެހެ އެވެ. ތިން، ހަތަރު ދަރިން ގޮވައިގެން އުޅެން ޖެހިފައިވާ ކުޑަ ގޮޅިތަކުން ނުކުމެވޭނެ މަގެއް ނުފެނެ އެވެ. ނުވިތާކަށް ފްލެޓު ދޫކުރުމުގެ ނަމުގައިި، މުޅިން ވެސް އޮޅުވާލުމެވެ. ސިޔާސީ މަންފާ އަށް ރައްޔިތުން ގަނަތެޅުވުމެވެ. އެހެން ނޫން ނަމަ، މިހާ ދުވަސް ވީއިރު، މި މައްސަލަ އަށް ކޮންމެވެސް ހައްލެއް ހޯދުނީހެވެ.
"ފްލެޓަކީ ވަކި ބައެއްގެ ހައްގެއް ނޫން. ދިވެހި ކޮންމެ ފަރުދަކަށް ހައްގު އެއްޗެއް. އެކަމަކު ފްލެޓް މި ލިބެނީ، އަބަދުވެސް އޭރެއްގައި އޮންނަ ސަރުކާރެއްގެ އަރިސް ބަޔަކަށް. އިންސާފުން ކަންތައް ކުރައްވާ،" ބޯހިޔާވަހިކަމާ ހެދި މާޔޫސްވެފައި ހުރި، ޝިފްނާ ހަސަން އޭނާގެ އުދާސްތައް ފޭސްބުކްގައި ލިއުނެވެ.
ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމާ ހަވާލުވާން ވެވަޑައިގަތް ވައުދުތަކުގެ ލިސްޓުގެ އެންމެ ކުރީގައި، އޮތީ ބޯހިޔާވަހި ކަމެވެ. އުއްމީދުތަކަކާ އެކު، މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން، 704 ފްލެޓް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު އުފެދުނު ޝަކުވާތައް އަދިވެސް ނުނިމެ އެވެ. މަތިން މާކްސް ލިބުނު މީހުން ތިއްބައި ފްލެޓް "ބަހާލީ" ބޭނުން ބަޔަކަށެވެ.
އެއީ، ހައްގު ނިގުޅައިގަތުން ކަމަށް ބުނެ، ލިބުނު ޕޮއިންޓުގެ އަދަދު ހިމެނޭ ލިޔުން ހެއްކެއްގެ ގޮތުގައި ހިފައިގެން މުއައްސަސާތަކަށް މައްސަލަ ހުށަހެޅި އެވެ. އެއްވެސް މީހަކަށް އިންސާފެއް ނުލިބުނެވެ. އޭސީސީން މައްސަލަ ތަހުގީގު ކުރުމުގައި ތިއްބައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށް މީހުން ދިރިއުޅެން ފެށީ އެވެ.
އެ ޝަކުވާތަކާއި ރުޅި ކޮންޓްރޯލް ކުރުވަން މި ސަރުކާރުން އިއުލާންކުރީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގައި އަމާޒު ހިފީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން، 80،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށެވެ. މި ވައުދާ އެކު، 25 ބުރީގެ 16 ޓަވަރެއް އިމާރާތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ އެވެ. އެއީ، ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، 7،000 ހައުސިން ޔުނިޓެވެ.
އެ ތަންތަނަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ވަދެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ތޮއްޖެހިގެން މީހުން މިދިޔަ ހަފުތާގައި ފޯމު ހުށަހެޅީ އެ ފްލެޓްތަކަށެވެ.
އެ މަޝްރޫއުގެ އެންމެ ފްލެޓަކަށް ވެސް ނުވަދެވި އުޅެނިކޮށް، ރިޔާސީ އިންތިޚާބަށް ދެ މަހަށް ވުމުން، ދެން އަނެއްކާވެސް އިއުލާންކުރީ "ބޯހިޔާވަހިކަމުގެ ހުވަފެނީ" މަޝްރޫއެކެވެ. މާ ބޮޑު ތަފްސީލުތަކެއް، ފްލެޓް އަޅަން ފައިސާ ހޯދާނެ ގޮތެއް އާއްމުނުކޮށް އިއުލާން ކުރީ، 300،000 މީހުންނަށް، ވިލިމާލެ 2 މަޝްރޫއު އެވެ. ގުޅީފަޅުން 230 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ބިން ހިއްކައިގެން ޖުމްލަ 80،000، ފްލެޓާއި ބިން ދޫކުރަން ސަރުކާރުން ވައުދުވެ، ކުރިމަތިލާން ފޯމު ވެސް ދޫކުރި އެވެ. މާ ބޮޑު ޝަރުތެއް ނެތް، އެ މަޝްރޫއުން ފޯމުތައް ވެސް ވަނީ ބަލައިގެންފަ އެވެ.
ފަސް އަހަރު ވިއިރު، މި ސަރުކާރުން، މާލެ އާއި ހުޅުމާލޭގައި އިމާރާތްކޮށް، ބަޔަކު ދިރިއުޅެން ފެށި ފްލެޓެއް ނެތެވެ. އެހެންވެ، މި ސަރުކާރުން ދެއްކި ބޯހިޔާވަހިކަމުގެ ހުވަފެންތައް ވާނީ "ބިލާހަކަށް" ކަމަށް ދުށް މީހުން މަދެއް ނޫނެވެ. އެއާއެކު، ރައީސް ޔާމީނަކީ، ބާރު ސްޕީޑުގައި ތަރައްގީ ގެންނެވި ވެރިއަކަށް ވާތީ، އެމަނިކުފާނަށް އިތުބާރު ކުރި ބަޔަކު ވެސް ތިއްބެވެ.
އެ އިތުބާރާ މެދު ޝައްކު އުފައްދާނެ ޖާގަ ދެއްވީ ރިޔާސީ އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، އަަމަލު ކުރެއްވި ގޮތުންނެވެ. ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ވިލިމާލެ 2 މަޝްރޫއަށް ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ދޭނެ ކަމަށް އިއުލާން ކުރެއްވީ އެވެ.
ފްލެޓަށް އެދި ފޯމު ހުށަހަޅަން ދިޔަ ބަޔަކު މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެމަނިކުފާނު [ރައީސް ޔާމީން] ވިދާޅުވީ މިހާރު ފޯމު ހުށަހަޅާފައިވާ ހުރިހާ ރައްޔިތުންނަށް އަދި މި މަހުގެ ނިޔަލަށް ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް،" ރައީސް ޔާމީންގެ ރައްޔިތުންނަށް ދެއްވި މެސެޖް އާއްމު ކުރައްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
"އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އެރުވުމަށް އެމަނިކުފާނު އަޅުގަނޑު ގާތު ދެންނެވީ."
ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލަ އިން އިހްސާސްތަކާ ކުޅެ، ސީދާ، ވޯޓަށް ނުފޫޒު ފޯރުވުން ނޫން، އިތުރު ކޮން ކަމެއް ހެއްޔެވެ؟ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ހައްލު ހޯދުމަކީ އެހާ ފަސޭހަ އިން ކުރެވެން އޮތް ކަމެއް ކަން ކަމެއް ކަން ސަރުކާރަށް މާ ރަނގަޅަށް ވެސް އެނގޭނެ އެވެ. އެހެން ނޫން ނަމަ، ރައީސް ޔާމީންގެ ފަސް އަހަރުގައި އެއީ، ފުއްދަވައި ދެއްވާނެ ވައުދެކެވެ.
ރައީސް ޔާމީނަށް އިންތިޚާބު ނާކާމިޔާބު ވެވަޑައިގަތުމާ އެކު އެމަނިކުފާނު ވެވަޑައިގަތް ވައުދު، ދެން ހަވާލުވާ ސަރުކާރުން ފުއްދައި ދޭނެ ހެއްޔެވެ؟ ރައީސް ޔާމީން ވައުދުވެވަޑައިގަތް ގޮތަށް، ފޯމު ލީ އެންމެންނަށް ފްލެޓް ދޭނެ ހެއްޔެވެ؟ މި ސުވާލުތަކުގެ ތެރޭގައި ތިއްބައި، ބަޔަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޭސީސީން ތަހުގީގު ފަށައި، ހިޔާ މަޝްރޫއު އިއްޔެ ހުއްޓުވައިފި އެވެ. އެހެންކަމުން މުޅި މަޝްރޫއާ މެދު ވެސް މިހާރު މިވަނީ ސުވާލު އުފެދިފަ އެވެ.
ހިޔާ މަޝްރޫއުގެ ދަަށުން މީހަކު ފޯމެއް ހުށަހަޅަނީ- މިހާރު ފޮޓޯ: ހުސެން ވަހީދު
އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ކެމްޕޭންގައި އެންމެ އިސްކަން ދެއްވި އެއް މައްސަލައަކީ ބޯހިޔާވަހި ކަމެވެ. އެއީ، އެމަނިކުފާނުގެ ސަރުކާރެއްގައި ހައްލު ހޯއްދަވައި ދެއްވާނެ ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި އެންމެ ބޮޑު ވައުދަކީ، ހައްގުވެރިންނަށް ފްލެޓް ދީ، ފްލެޓްތަކަށް ދައްކަން ޖެހޭ އަގު ކުޑަ ކުރެއްވުން ކަމަށް ވިދާޅުވި އެވެ.
ހައްގުވެރިންނަށް ފްލެޓް ދޭން އިދިކޮޅު ޕާޓީތަކުން ގެންގުޅޭނެ އުސޫލު އަދި ސާފެއް ނޫނެވެ. އެކަމަކު، ތޮއްޖެހިގެން އެތައް ބަޔަކު ފޯމު ހުށަހެޅުމާ މެދު ހަމްދަރުދީ ފާޅުކޮށް، އަލުން ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އެއީ، ސިޔާސީ ގޮތުން މަޖުބޫރު، ނިންމުމަކަށް ވެދާނެ އެވެ.
އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި، އާ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވާލާނެ އެވެ. އެކަމަކު މިހާރު ފްލެޓަށް އެދި ހުށަހަޅާފައިވާ ގާތްގަނޑަކަށް 20،000 މީހުން ވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެތޯ ސާފެއް ނޫނެވެ. ނުވަތަ އަލުން ފުރުސަތު ދޭނީ، ފޯމު ހުށަހަޅަން ބޭނުންވެ ފުރުސަތު ނުލިބި ތިބި މީހުންނަށްތޯ ވެސް އަދި ނޭނގެ އެވެ.
އެކަމަކު، ބޮޑު ކިޔޫއެއްގައި ޖެހިގެން، ފޯމުލީ މީހުން ވެސް އަނެއްކާ ލިއުންތައް ހަމަކޮށްގެން ފްލެޓް ކިޔޫއަށް އަރަން ޖެހުމަކީ އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވާނެ ކަމެކެވެ.
"އާ ސަރުކާރުން ފްލެޓަށް އެދި ހުޅުވާލުމުން، މިހާތަނަށް، ހިޔާ ފްލެޓް ފޯމުގެ ނަމުގައި ލީ ހުރިހާ ފޯމެއް ބާތިލް ވާނެ ހެއްޔެވެ؟ އެހެން ކަމަށް ވާ ނަމަ، ހިތާމަ ހުރި ކަމެކެވެ. ގައުމުގެ ރައީސް ބަދަލުވިއަސް އެއްވެސް އިދާރާއެއް ބަދަލެއް ނުވޭ ނޫން ހެއްޔެވެ؟ އެހެންކަމުން ރައްޔިތުންގެ އިހްސާސްތަކަށް އިހްތިރާމް ނުކުރަންވީ ސަބަބެއް ނެތެވެ. ރައްޔިތު މީހާ އަކީ މަގާމް ބޭނުންވުމުން ފިރުމާފައި މަގްސަދު ހާސިލްވުމުން ބާކީކޮށްލާ ބަޔަކަށް ނުހަދާށެވެ،" އާ ރައީސް، އިބޫ އަށް މެސެޖެއްގެ ގޮތުގައި ޝިފާނާ ލިއެފައިވެ އެވެ.
އެއީ ތެދެކެވެ؛ ބޯހިޔާވަހިކަމުގެ ނަމުގައި ސިޔާސީ ފައިދާ ނަގާތާ އެތައް އަހަރެކެވެ. އިމާރާތް ނުކުރާ ފްލެޓްތާކާއި ނުހިއްކާ ފަޅުތަކުން ގޯތި ދޫކުރުމާއި ހެޔޮ އަގުގައި ފްލެޓް ދޭނެ ކަމާއި ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެހީވާނެ ކަމަށް ބުނުން ފަދަ ދޮގުތައް ހެދުން ހުއްޓާލަން ޖެހެ އެވެ. އިންތިޚާބުތަކާ ކައިރިވުމުން ބޯހިޔާވަހިކަމޭ ކިޔައި ރައްޔިތުންގެ އިހްސާސްތަކާ ކުޅެން ފުރުސަތު ދިނުން ވެސް ހުއްޓާލަން ވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ދެ އަހަރު ނުވަތަ ތިން އަހަރަކުން ހައްލު ހޯދެން އޮތް ކަމެއް ނޫނެވެ.
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!
ފްލެޓު ފޯމު ހުށަހަޅަން ނަމްބަރު ނެގުން ކިއުބީ އިން
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތް އާއްމުކޮށްފި
އެކަނިވެރި މީހުންގެ ފްލެޓުގެ ވަގުތީ ލިސްޓު އާންމުކޮށްފި
ހައްގުވެރިން ކަނޑައެޅުމުން ޕޮއިންޓުގައި ބޮޑު ފަރަގެއް!