Roadha Mihaaru

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަން ފަށައިފި

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ 2ގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑިއާ ހަވާލުވާން ދިއުމަށް އަންގައި ޝެޑިއުލްކުރަން ފަށައިފި އެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ސެޕްޓެމްބަރ 2025

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ 2ގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑިއާ ހަވާލުވާން ދިއުމަށް އަންގައި ޝެޑިއުލްކުރަން ފަށައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެކްސްގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް މިއަދު ފަށާފައިވާ ކަމަށެވެ.

ތަޅުދަނޑިއާ ހަވާލުވުމަށް ދާން ގަޑިއެއް ތާވަލުކޮށް އެސްއެމްއެސްއަކުން އަންގާނެ ކަމަށާއި އެ ޕްރޮސެސް ހިނގާ ގޮތް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގެދޮރުވެރިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން އަމާން އުދަރެސްގެ 14 ވަނަ ޓަވަރު ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

އެފްޑީސީން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 17-18 ބުރީގެ 32 ޓަވަރުގައި 4،000 ފްލެޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

ފްލެޓް އެއްބަސްވުން ހަދައި ނިމިފައިވާ މީހުންނަށް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ތަޅުދަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ.

އެފްޑީސީން ކުރިން ބުނީ ފްލެޓް ހަވާލުކުރާނީ އެއްބަސްވުމުގައި ސޮއިކޮށް ނިމި އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ މީހުންނަށް ކަމަށެވެ. އަދި ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުން އަންނަ ވަރަކަށް ފްލެޓްތައް ހަވާލުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގެދޮރުވެރިޔާ ފްލެޓް ލިބުނު 4،000 މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ މަހަކު 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައި ވަނީ 15،000ރ. އެވެ.

ތިން ކޮޓަރީގެ ފްލެޓްތައް ކުއްޔަށް ދެނީ މަހަކު 9،500ރ. އަށެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.