Roadha Mihaaru

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑު: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ދޭ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ޕޯޓަލް އަށް އަޕްލޯޑް ކުރަން އަންގާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ބޮޑުވެފައި ވާތީ، އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އެދިއްޖެ އެވެ.

ފްލެޓަށް ލިޔެކިޔުންތައް ފުރިހަމަނުވާ މައްސަލަ ބޮޑު
އިފްރާޒް އަލީ
އިފްރާޒް އަލީ

24 ޖުލައި 2025

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ދޭ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ޕޯޓަލް އަށް އަޕްލޯޑް ކުރަން އަންގާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ބޮޑުވެފައި ވާތީ، އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އެދިއްޖެ އެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވީ ހައުސިން މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެ ކުންފުންޏަށް ފޮނުވަނީ އެ މިނިސްޓްރީ އަށް ވެރިފައި ކުރެވޭ ތަރުތީބުން، އެކި މީހުންގެ ނަންތައް ވަކިވަކިން ކަމަށެވެ. ނަމަވެސް، ވެރިފައި ކުރަނީ ފްލެޓް ލިސްޓު އެކުލަވާލާފައި އޮތް ތަރުތީބުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

• މިނިސްޓްރީން އެފްޑީސީ އަށް ނަން ފޮނުވުމުން ގެދޮރުވެރިޔާ ޕޯޓަލް އަޕްޑޭޓްވި ކަމުގެ މެސެޖެއް ފްލެޓް ލިބުނު މީހާގެ ފޯނަށް ލިބޭނެ.

• އެފްޑީސީ އަށް ނަން ލިބުމާ އެކު، އެ ކުންފުނީގެ "ފަހި" ޕޯޓަލް އަށް ފްލެޓް ލިބުނު މީހުން ލޮގިންވުމަށް ފޯނަށް މެސެޖެއް ފޮނުވާނެ

• ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އަޕްލޯޑް ކުރަން ޖެހެނީ އެފްޑީސީގެ "ފަހި" ޕޯޓަލްއަށް

ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ފަހި" ޕޯޓަލް އަށް އަޕްލޯޑް ކުރަން ޖެހޭ ލިޔެކިޔުންތައް

• ފްލެޓް ލިބޭ މީހާގެ / ކޯ-އެޕްލިކަންޓުގެ އައިޑީކާޑު ކޮޕީ.

• ހެކިވެރިޔާގެ އައިޑީކާޑު ކޮޕީ އާއި ފޯމު.

• އެޕްލިކަންޓަށް ދެވެން ނެތް ނަމަ ޕަވާ އޮފް އެޓާނީ ދީފައިވާ މީހާގެ މައުލޫމާތު.

"ކޯ-އެޕްލިކަންޓް ހުންނަ ކޭސްތަކުގައި މިހާރު މި ވާގޮތަކީ، ދެމީހުން ވެސް ޖެހޭނެ ވަކިވަކިން، އީފާސް މެދުވެރިކޮށް ފަހި ޕޯޓަލްއަށް ލޮގިން ވެގެން، ވަކިވަކިން ހަމަ ހުރިހާ ލިޔެކިޔުންތަކެއް އަޕްލޯޑް ކުރަން،" ހަމްދާން ވިދާޅުވި އެވެ.

"ލިޔެކިޔުންތައް އަޕްލޯޑް ކުރުމުގައި ވަރަށް ބައިވަރު މައްސަލަތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަމިއްލަ އައިޑީކާޑު އަޕްލޯޑް ކުރަން އިންނަ ބަޔަށް ވެސް ބައެއް ފަހަރު އެބަހުރޭ ކަމާ ނުބެހޭ މީހުންގެ އައިޑިކާޑު އަޕްލޯޑް ކުރެވިފައި. އެހެންވެ، ޕްރޮސެސިން އެބަ ދިގުލައިގެންދޭ."

"ފަހި" ޕޯޓަލްއަށް ލިޔެކިޔުންތައް އަޕްލޯޑް ކުރުމުން މައުލޫމާތު ވެރިފައިކުރުމަށް ފަހު، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ފްލެޓް ލިބުނު މީހާއަށް އެފްޑީސީން އަންގާނެ އެވެ.

ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ދާތީ، އެންމެން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހަމްދާން އެދިވަޑައިގަތެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ޓަވަރުތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ޓަވަރުތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަމްދާން ވިދާޅުވި ގޮތުގައި، ހައުސިން މިނިސްޓްރީން އެ ކުންފުންޏަށް މިހާތަނަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން 1،300 އަށް ވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކުރަން "ފަހި" ޕޯޓަލްއަށް އަޕްލޯޑްކުރި ލިޔެކިޔުންތައް ފުރިހަމަ ނުވެ އެވެ. އެހެންވެ، މިހާތަނަށް އެއްބަސްވުންތަކުގައި ސޮއިކުރެވުނީ އެންމެ 71 މީހުންނާ އެކު ކަމަށް ހަމްދާން ވިދާޅުވި އެވެ.

އެހެންވެ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ވަނީ ދިގުލައިގެން ގޮސްފަ އެވެ. ފުރަތަމަ ދެ ދުވަހު ވެސް ސޮއިކުރެވުނީ އެންމެ ތިރީހަކަށް އެއްބަސްވުމުގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.

ފްލެޓްތަކުގެ ކުލި

- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.

- ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ.

ހަމްދާން ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމާއެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ.

ނަމަވެސް، ފްލެޓްތަކަށް ވަދެވޭނީ އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭވަރު ވާނެ އެވެ. ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ގެންދަނީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތަކެވެ.

އެފްޑީސީން ބުނި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓްތަކުގެ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށް ވާތީ، ބަރާބަރަށް ފްލެޓްތަކަށް ކުލި ދައްކާ މީހުންނަށް ކަނޑައެޅިފައިވާ އުސޫލުން ލުއިތައް ލިބޭނެ އެވެ. އެކަމަކު، ކޮންމެ މަހެއްގެ 10 ގެ ފަހުން ކުލި ދައްކާ ނަމަ ޖޫރިމަނާކުރާނެ އެވެ.