Roadha Mihaaru

ނޮޅިވަރަންފަރު ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ދީފި

ހދ. ނޮޅިވަރަންފަރުން ދޫކުރާ 100 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން މިިނިސްޓްރީން ދީފި އެވެ.

ނޮޅިވަރަންފަރު ފްލެޓްތަކުގެ އެއްބަސްވުމަށް ފަހު ފުރުސަތު
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ސެޕްޓެމްބަރ 2025

ހދ. ނޮޅިވަރަންފަރުން ދޫކުރާ 100 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން މިިނިސްޓްރީން ދީފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ނޮޅިވަރަންފަރުން ފްލެޓް ލިބުނު މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ރަށުގައި މިނިސްޓްރީން ކުރިއަށް ގެންދިޔަ ނަމަވެސް، އަދިވެސް ބައެއް މީހުން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ކަމަށެވެ.

އެހެންވެ، މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ މީހުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް އަންނަ ހަފުތަގެ އާދީއްތަ ދުވަހުން ފެށިގެން އެ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:30 އަށް މިނިސްޓްރީގެ ކުރިއަށް ގެންދާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރަން އެ ތާރީހުތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މިނިސްޓްރީން ފްލެޓް ލިބުނު މީހުންނަށް ގުޅާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

"މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުސަތުކަމުގައި ވެސް ދެންނެވީމެވެ،" އެ އިއުލާނުގައި ބުންޏެވެ.

ހދ. ނޮޅިވަރަންފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ފްލެޓް.-- ފޮޓޯ: އާރުސީސީ

ހދ. ނޮޅިވަރަންފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ފްލެޓް.-- ފޮޓޯ: އާރުސީސީ

އާރުސީސީއާ ހަވާލުކޮށްގެން ނޮޅިވަރަންފަރުގައި އިމާރާތްކޮށް ނިމިފައިވާ 100 ފްލެޓް މިހާރު ވަނީ އެ ރަށު ކައުންސިލާ ހަވާލުކޮށްފަ އެވެ.

އެ ރަށުގައި އިތުރު 100 ހައުސިން ޔުނިޓް އަޅާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިއުލާންކުރައްވައިފަ އެވެ.