Roadha Mihaaru

ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއާ) އާ މިރޭ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީ 2000 ހައުސިންޔުނިޓް އަޅަން ހަވާލުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 އޯގަސްޓް 2025

ހދ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއާ) އާ މިރޭ ހަވާލުކޮށްފި އެވެ.

އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭންގެ ދަށުން 2،000 ހައުސިން ޔުނިޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެޗްޑީސީއާ ހަވާލުކުރީ ޖުމުލަ 3،400 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ. އެއީ ކުރިން ސޮއިކޮށްފައިވާ މަޝްރޫއަކާއި ފަށާފައި އެކަމަކު ވަކި ހިސާބަކުން ހުއްޓިފައިވާ މަޝްރޫއެއްގެ އިތުރުން މުޅިން އަލަށް މަސައްކަތް ފަށާ 2،000 ހައުސިން ޔުނިޓު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް ކުޅުދުއްފުށީގައި މަސައްކަތް ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ ކަންކަން އަލުން ފަށަން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ. އެކަމަކު، އެކަންކަމުން އަރައިގަނެ އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

"އެނގިވަޑައިގަންނަވާނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާވާ، ހައުސިން ޑިވެލޮޕްމަންޓަށް ހާއްސަ ކުރެވިފައި އޮތް، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ ކުރެވިފައި ސަރުކާރުގައި އޮންނަ އެންމެ މުހިންމު އެންމެ ބޮޑު ކުންފުނި. އެހެންވީމާ އެޗްޑީސީގެ ޒިންމާއަކަށް ވާނީ މި އެގްރީމަންޓުގެ ތެރެއިން މި ދެ މަޝްރޫއު ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިއުން" ރައީސް ވިދާޅުވި އެވެ.

މިރޭ ސޮއި ކުރި 2،000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައި ވަނީ ގޯތި އޮވެ، އެ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހަތްސަތޭކަ ޔުނިޓް މި ހާއްސަ ކުރަނީ، އެއީ ކޮންމެ ޔުނިޓަކީ ތިން ކޮޓަރީގެ ގެއެއް. ހަތްސަތޭކަ ޔުނިޓް މި ހާއްސަ ކުރަނީ ތިބޭފުޅުންގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަލަން ބޭނުންވާ މީހުންނަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.

އެގޮތަށް ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުން ފާހަގަކޮށް ނިމުނުހާ އަވަހަކަށް ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަހަރުގެ ތެރޭގައި އަޅުގަނޑު އުންމީދު ކުރަން އަމަލީ ގޮތުން ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް. އެ ކަމަށް އެއްވެސް ހުރަހެއް މިހާރު ނެތް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ރައީސް މިރޭ އިއުލާން ކުރެއްވި 2،000 ހައުސިން ޔުނިޓުގެ ތެރެއިން 1،300 ޔުނިޓް ކުޅުދުއްފުށީ ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ބިންތަކުގައި އިމާރާތް ކުރާށެވެ.