Roadha Mihaaru

4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި

ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ސޮއިކުރަން ފަށައިފި އެވެ.

4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

21 ޖުލައި 2025

ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ސޮއިކުރަން ފަށައިފި އެވެ.

އެފްޑީސީން އަންގާ ތަރުތީބުން އެއްބަސްވުންތަކުގައި ސޮއިކުރަން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 4:00 އަށް ސޮއިކުރުން ކުރިއަށް ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ.

ހުޅުމާލޭގައި އެފްޑީސީން އިމާރާތްކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ސަރުކާރުން ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުގެ ނިންމުމަކީ އެ ލިސްޓަށް ފްލެޓް ދޫކުރުމެވެ.

ފްލެޓް ލިސްޓް އިއުލާންކުރީ ކުރީގެ ސަރުކާރު ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް، ނޮވެމްބަރު 15، 2023 ގަ އެވެ. އެ ލިސްޓާ ގުޅިގެން ޝަކުވާ ފެންމަތިކޮށް އޭސީސީއަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެ ކޮމިޝަނުގެ ތަހުގީގަށް ފަހު ބުނެފައި ވަނީ ޝަރުތު ހަމަނުވާ ގިނަ ބަޔަކު ލިސްޓުގައި ހިމެނޭ ކަމަށެވެ.

އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އޭރު އިއުލާންކުރި ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ހުށަހެޅި މައުލޫމާތު ވެރިފައި ކުރިއިރު، ޝަރުތު ހަމަނުވާ މީހުންނަށް އެކަން އަންގާފައިވާ ކަމަށެވެ.

ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އަންނަނީ އެފްޑީސީއަށް އަންގަމުންނެވެ. އަދި އެކަން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެ މީހަކަށް ވެސް އަންގަ އެވެ.

އޭގެ ފަހުން، ސޮއިކުރަން ދާން ޖެހޭ ތާރީހް ފަދަ އެހެން ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދާނީ އެފްޑީސީންނެވެ.

ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުން އަންނަނީ ލިސްޓުން އުނިކުރި މީހުންނާ އެކު ލިސްޓް ގެޒެޓްނުކޮށް ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުންފާޅުކުރެ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ، ދާއިމީ ލިސްޓަށް ފަހު އިތުރު ލިސްޓެއް ނެރޭ ވާހަކަ ކުރިން ވެސް ދަންނަވާފައި ނުވާނެ ކަމަށެވެ. ދާއިމީ ލިސްޓަށް ފަހު އިތުރު ލިސްޓެއް އާންމު ކުރުމަކީ ދުވަހަކު ވެސް ކުރާ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

އެފްޑީސީން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތަކުގެ އެގްރިމެންޓުގައި މިއަދު މީހަކު ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެފްޑީސީން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތަކުގެ އެގްރިމެންޓުގައި މިއަދު މީހަކު ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މަޝްރޫއުގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އަށެވެ.

ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި އެގްރިމެންޓުގައި ސޮއިކުރިއަސް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓު ފައިސާ ދެއްކުމުންނެވެ. އެ ފައިސާ ދައްކަން އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.

"އަންނަ ސެޕްޓެމްބަރު މަހަށް އެ ތަނަށް ވަދެވޭވަރަށް މަސައްކަތް ނިންމަން މިހާރު ކަނޑައަޅާފައި ވަނީ. އެހެންވެ، އެކަށީގެންވާ ވަގުތު އެބައޮތް. އެތަން ލިބުނު މީހުންނާއި ތަޅުދަނޑި ނެގުމަށް އެކަށީގެންވާ ވަގުތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް ނިންމާފައި ކަމަށެވެ. އެގޮތުން ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.