Roadha Mihaaru
ފްލެޓްތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އޭސީސީން ނުބުނި!

ފްލެޓް ދިން ގޮތުގެ ތަހުގީގު ލަސްވާ ސަބަބެއް އޭސީސީން ނުބުނި!

28 ޖެނުއަރީ 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް ބުނެ، ބައެއް އާންމުން ހުށަހެޅި މައްސަލަތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުބުންޏެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް ބުނެ، ބައެއް އާންމުން ހުށަހެޅި މައްސަލަތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުބުންޏެވެ.

އެ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، މައްސަލަ ބަލައި އިންސާފުވެރި ހައްލެއް ހޯދައިދޭން އެދި އެތައް ބަޔަކު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އޭސީސީ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަން ތަހުގީގުކުރަން، އޭސީސީގެ ހާއްސަ ޓީމުތަކެއް ހައުސިން މިނިސްޓްރީގައި ވެސް ހަރަކާތްތެރިވި ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މި ތަހުގީގު ކުރިއަށް ދަނިކޮށް، ފްލެޓް ލިބުނު މީހުންނާ ތަޅުދަނޑި ހަވާލުކޮށް، އެ ތަންތަނުގައި ވަނީ ބައެއް މީހުން ދިރިއުޅެން ވެސް ފަށައިފަ އެވެ. މިއީ، ހައްގު ގެއްލުން ކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހެޅި ބައެއް މީހުން ދަނީ ޝަކުވާ ކުރަމުންނެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދާ ކަމަށެވެ. ލަސްވާ ސަބަބާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް ހުޅުވައިލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ނޭނގެ އެވެ. މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އާއްމުކުރެ އެވެ.

ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ. ކުރިމަތިލީ އެއް ބަޔަކު ބުނާ ގޮތުގައި، ފްލެޓް ލިބުނު މީހުން އިއުލާން ކުރުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަންތޯ އަހަން ޕީޕީއެމްގެ ކެމްޕޭން އޮފީހެއްގެ ނަމުގައި ފޯނު ކޯލްތަކެއް އަ އެވެ. އަދި ފްލެޓްތައް ބަހާފައި ވަނީ އެ ކެމްޕޭން އޮފީހުގެ ނުފޫޒާ އެކު ކަމަށާއި 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ. ހެއްކެއްގެ ގޮތުގައި ބައެއް ލިއުންތައް ވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ.

އެކަމަކު މި ތުހުމަތުތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓް ދިނުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މިހެން ބުންޏަސް، ފްލެޓް ދިނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަން ބުނަން އެ މިނިސްޓްރީން ވަނީ އިންކާރުކޮށްފަ އެވެ. އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުން އެދުމުން އެ މުއައްސަސާ އަށް ވެސް އެ މައުލޫމާތު ފުރަތަމަ ހިއްސާއެއް ނުކުރި އެވެ.