Roadha Mihaaru
ފްލެޓް ދޫކުރުމުގައި ކޮރަޕްޝަނެއް ނުހިންގާ: އޭސީސީ

ފްލެޓް ދިނުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ހެއްކެއް ނެތް: އޭސީސީ

02 ޖޫން 2018

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރި ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރި ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އެ މަޝްރޫއުން ފްލެޓް ބެހީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، އިންސާފުވެރި ހައްލެއް ހޯދައިދޭން އެދި އޭސީސީ އަށް ގިނަ ބަޔަކު ޝަކުވާ ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލަތައް ބެލުމަށް ފަހު އާއްމު ކުރި ބަޔާނުގައި އޭސީސީން ބުނީ އެ މަޝްރޫއުގައި "ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ސާބިތުކުރެވޭނެ ވަރަށް ހެކި ލިބިފައި ނުވާ" ކަމަށެވެ. އެހެންވެ ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވާ ކަމަށެވެ.

އެކަމަކު، ފްލެޓް ދޫކުރިއިރު މަތިން ޕޮއިންޓް ލިބުނު މީހުން ތިއްބައި، އެއަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ދިނީ ކޮން އުސޫލަކުން ކަމެއް ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައި އޭސީސީން ބުނެފައެއް ނުވެ އެވެ.

ފްލެޓް ދިނުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ހަތް މަސް ފަހުން އޭސީސީން ބުނިއިރު، މި މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް، އެ ފްލެޓްތައް ލިބުނު މީހުންނާ ހައުސިން މިނިސްޓްރީން ތަޅުދަނޑި ހަވާލުކޮށް، އެ ތަންތަނުގައި ދިރިއުޅެން ވެސް ވަނީ ފަށައިފަ އެވެ.

އޭސީސީގެ ތަހުގީގުގެ ޚުލާސާ:

- ކެޓަގަރީ އެކަކުން ފްލެޓް ދޫކުރީ 110 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބުނު މީހުންނަށް.

- ކެޓަގަރީ ދެއަކުން ފްލެޓް ދޫކުރީ 112 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބުނު މީހުންނަށް.

- ފްލެޓް ނުލިބިގެން ހުށަހެޅި ޝަކުވާތަކަށް ބަލައި ބައެއް މީހުންނަށް ފްލެޓް ދޫކުރި ކަމަށް އޭސީސީން ބުނޭ.

- ފޯމު ހުށަހެޅި ބައެއް މީހުންގެ ދިރިއުޅުމުގެ ހާލަތު ނުބެލުނީ އެކި ސަބަބުތަކާ ހެދި.

- ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ސާބިތުކުރެވޭނެ ވަރަށް ހެކި ލިބިފައެއް ނެތް.

އޭސީސީގެ ރަސްމިއްޔާތެއްގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވަޑައިގަންނަވަނީ.- ފޮޓޯ: އޭސީސީ

އޭސީސީގެ ރަސްމިއްޔާތެއްގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވަޑައިގަންނަވަނީ.- ފޮޓޯ: އޭސީސީ

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން 2014 ގައި ފްލެޓަށް ހުޅުވައިލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. މިއީ، މީގެ ކުރިން އެއްވެސް ފްލެޓް މަޝްރޫއެއްގައި އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ.

ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށާއި 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ. ހެއްކެއްގެ ގޮތުގައި ބައެއް ލިއުންތައް ވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި ކެޓަގަރީ އެކަކުން ފްލެޓް ދޫކުރީ 110 އަށް ވުރެ މަތިން ޕޮއިންޓް ލިބުނު މީހުންނަށެވެ. ކެޓަގަރީ ދެއަކުން ފްލެޓް ލިބެނީ 112 އަށް ވުރެ މަތިން ޕޮއިންޓް ލިބުނު މީހުންނަށް ކަމަށެވެ. މި ދެ ކެޓަގަރީން ވެސް ފްލެޓް ދޫކުރީ ރަނގަޅަށް ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ދޫކުރި ފޯމުތައް ބަލައިގަތްއިރު، ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ކޮމްޕިއުޓަ ޖެނެރޭޓެޑް ސްލިޕެއް ދޫކުރި ކަމަށެވެ. އެއީ ހުށަހެޅި މައުލޫމާތަށް ބިނާކޮށް ދީފައިވާ ޕޮއިންޓް ކަމަށާއި އިތުރަށް ޗެކްކުރުމަށް ފަހު މައްސަލައެއް އުޅޭ ނަމަ އިސްލާހުކުރާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ފޯމު ހުށަހެޅިއިރު ބައެއް މީހުންނަށް ލިބުނު ޕޮއިންޓު ބަދަލުވެފައި ވަނީ، އޭސީސީން ބުނިގޮތުގައި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އައި ބަދަލާ ގުޅިގެންނެވެ.

އާއްމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވީ، ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން ގޭގެ އަށް ޒިޔާރަތްނުކޮށް ފްލެޓް ދޫކުރުމެވެ. ފޯމު ހުށަހެޅި ބައެއް މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން ގޭގެއަށް ގޮސް ސާވޭކޮށްފައި ނުވާ ކަން އޭސީސީގެ ނިންމުމުގައި ވެސް ވެ އެވެ. އެ ކޮމިޝަނުން ބުނިގޮތުގައި އެ ގޮތަށް މެދުވެރިވެފައި ވަނީ، އެ ފަރާތްތަކުގެ ދިރިއުޅުން ރާއްޖެ އިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ބަދަލުކޮށްފައި ވުމާއި ވަޒީފާގެ ގޮތުން، ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކޮށް ހާލަތު ބެލެން ނެތުމާއި އެޑްރެސް ބަދަލުވުމާއި ތަކުރާރުކޮށް ގުޅުމުން ވެސް ދިމާނުވުން ފަދަ ސަބަބުތަކާ ހެދި އެވެ.

އޭސީސީން ބުނީ ފްލެޓް ނުލިބިގެން ހުށަހެޅި ޝަކުވާތަކާ ގުޅިގެން، އެ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައި ޕޮއިންޓަށް ބަދަލު ގެންނަންޖެހޭ ފަރާތްތަކަށް އެބަދަލު ގެނެސް، އޭގެ ތެރެއިން ފްލެޓް ލިބެން ޖެހޭ ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް ފްލެޓް ކަމެއް އޭސީސީން ބުނެފައެއް ނުވެ އެވެ.

މި މަޝްރޫއަށް ކުރިމަތިލީ އެއް ބަޔަކު ބުނާ ގޮތުގައި، ފްލެޓް ލިބުނު މީހުން އިއުލާން ކުރުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަންތޯ އަހަން ޕީޕީއެމްގެ ކެމްޕޭން އޮފީހެއްގެ ނަމުގައި ފޯނު ކޯލްތަކެއް އަ އެވެ. އަދި ފްލެޓްތައް ބަހާފައި ވަނީ އެ ކެމްޕޭން އޮފީހުގެ ނުފޫޒާ އެކު ކަމަށް ތުހުމަތުކުރި ނަމަވެސް ހައުސިން މިނިސްޓްރީން ވެސް ވަނީ މިކަން ދޮގުކޮށްފަ އެވެ.