Roadha Mihaaru
"ބޮޑެތި ޝަކުވާތަކެއް، އެއީ ސައްހަ ލިސްޓެއް ނޫން"

ފްލެޓް ނިގުޅައިގަތް ކަމުގެ ޝަކުވާ ބޮޑުވެއްޖެ، މިނިސްޓްރީން ބުނީ ސައްހަ ލިސްޓެއް ނޫން ކަމަށް

07 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ބެހީ އެތައް ބައެއްގެ އަތުން ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމަށް ފަހު ކަން، ލީކުވި ލިސްޓުން ސާފުވެފައިވާ ކަމަށް ބުނެ ޝަކުވާ ބޮޑުވެއްޖެ އެވެ. އެކަމަކު ހައުސިން މިނިސްޓްރީން ބުނަނީ އެއީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ބެހީ އެތައް ބައެއްގެ އަތުން ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމަށް ފަހު ކަން، ލީކުވި ލިސްޓުން ސާފުވެފައިވާ ކަމަށް ބުނެ ޝަކުވާ ބޮޑުވެއްޖެ އެވެ. އެކަމަކު ހައުސިން މިނިސްޓްރީން ބުނަނީ އެއީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.

ފްލެޓް ލިބުނު މީހުން ކަމަށް ބުނެ ލީކް ކޮށްލާފައިވާ ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވި 259 މީހަކު ލިސްޓުން އުނިކުރުމަށް ފަހު ޝަރުތު ހަމަނުވާ 261 މީހަކަށް ފްލެޓް ދީފައިވާކަން އެނގެ އެވެ. އެ ލިސްޓުގައިވާ ގޮތުން 90 ޕޮއިންޓް ލިބުނު މީހުން ތިއްބައި 50 ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައި ވެ އެވެ.

އަދި "މިނިސްޓާ ލިސްޓް" ގެ ނަމުގައި ވަކި ލިސްޓެއް ހަދައި، 89 ޕޮއިންޓުން ފެށިގެން 54 ޕޮއިންޓާ ހަމައަށް ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް އޭގައި ވެ އެވެ. ލިސްޓުގެ ސުރުޚީގައި ބުނެފައިވާ ގޮތުން އެ ބައިގައި ހިމެނެނީ ފްލެޓަށް ޝަރުތު ހަމަނުވި ނަމަވެސް ފްލެޓް ދީފައިވާ މީހުންނެވެ.

މިއީ، ފްލެޓް ބެހި ގޮތާ ގުޅޭ ގޮތުން ކުރިން ކުރި ތުހުމަތުތަކަކީ ހަގީގަތެއް ކަން ސާފުވާ ފަދަ ހެކިތަކެއް ކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ. މި ލިސްޓާ އެކު ޝަކުވާތައް ހައުސިން މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

"ފްލެޓް ދިނީ ކޮން ބަޔަކަށްތޯ؟ ކިތައް ޕޮއިންޓް ލިބިގެންތޯ ފްލެޓް ކަށަވަރުވީ ކުރި ސުވާލަށް ލިސްޓުން އެ އޮތީ ޖަވާބު ފެންނަން. ސަތޭކަ ޕޮއިންޓް ލިބިފައި ތިބި ބައެއް މީހުން ރިޖެކްޓް ކޮށްފައި، 50 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ދީފައި އެ އޮތީ،" ފްލެޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިފައި ހުރި މީހަކު ބުންޏެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރި އެހެން މީހަކު ބުނިގޮތުގައި، "މިނިސްޓަރުން"ގެ ލިސްޓު ކަމަށް ބުނެ، ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ދިނުމަކީ ވަރަށް ބޮޑު "އޮޅުވާލުމެކެ"ވެ. އޭނާ ސިފަކުރި ގޮތުގައި އެއީ، "އެތައް ބައެއްގެ ހައްގު ނިގުޅައިގަތުމެ"ވެ.

ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލީ މި މަޝްރޫއުގައި ފްލެޓް ދިން ގޮތުގެ ތަފްސީލް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހުންނަށް ކަމަށް ބުނެ ލިސްޓު އާއްމުކުރީ ހަމައެކަނި ފޯމު ނަމްބަރާ އެކު އެވެ. މި މައްސަލާގައި ޝަކުވާ ކުރުމުން މިނިސްޓްރީން ބުނެފައި ވަނީ، ފްލެޓް ލިބުނު މީހުން އާއްމު ނުކުރީ އެ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދޭން ކަމަށެވެ.

ލިސްޓު އާއްމު ކުރަން ދެކޮޅު ހަދާފައި ވަނިކޮށް، ލީކުކޮށްލި ލިސްޓާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު ފަޒާލް ވިދާޅުވީ "އެއީ އެއްވެސް އަސްލެއް ނެތް، ބަޔަކު ހަަދައިގެން އުޅޭ ލިސްޓެއް" ކަމަށެވެ.

"ދައުރު ވަނީ ސައްހަ ލިސްޓެއް ނޫން، އެއީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ބަޔަކު ހަދައިގެން އުޅޭ ލިސްޓެއް،" ފަޒާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފްލެޓް ދިނުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ އެވެ.

އެކަމަކު "މިނިސްޓާ ލިސްޓް"ގައި ނަން ހިމެނޭ އެތައް ބަޔަކަށް ފްލެޓް ލިބިފައިވާކަން "މިހާރު"އަށް ވަނީ ކަށަވަރުވެފަ އެވެ.

ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، މައްސަލަ ބަލައި އިންސާފުވެރި ހައްލެއް ހޯދައިދޭން އެދި އެތައް ބަޔަކު ވަނީ މިދިޔަ އޮކްޓޯބަރު މަހު އޭސީސީ އަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު ވެސް އެ މައްސަލައިގެ ތަހުގީގެއް ނުނިމެ އެވެ.