Roadha Mihaaru
ފްލެޓް ލިސްޓުން އެތައް ބަޔަކު ރުޅިގަދަވެފައި!

ފްލެޓް ލިސްޓުން އެތައް ބަޔަކު ރުޅިގަދަވެފައި، ޖަވާބެއް ނެތް!

14 ސެޕްޓެމްބަރ 2017

ލިބުނު ޕޮއިންޓުގެ އަދަދުން، އެތައް ބަޔަކު ތިބީ ގެދޮރުވެރިކަމުގެ މަޝްރޫއުން ފްލެޓް ކަށަވަރުކޮށްގެންނެވެ. އާއްމުކޮށްފައިވާ އުސޫލަށް ބަލާއިރު ވެސް 90 ޕޮއިންޓަށް ވުރެން މަތިން މާކްސް ލިބުނު މީހުންނަށް ފުރުސަތު ބޮޑެވެ. ހަތަރު އަހަރުގެ ދިގު އިންތިޒާރު މިދިޔަ ހޯމަ ދުވަހު ނިމުނުއިރު، ލިސްޓު ނެރެފައި އޮތީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. އެ ލިސްޓުން ވާނުވާއެއް ނޭނގެ އެވެ. ފޯމު ހުށަހެޅި ގާތްގަނޑަކަށް 15،000 މީހުންގެ ތެރެއިން ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަމެއް، ކޮން އުސޫލަކުން ކަމެއް ވެސް ސާފެއް ނޫނެވެ. ފްލެޓް ދިނީ އެންމެ ހައްގުކަން ބޮޑު މީހުންނަށްތޯ ސުވާލު އުފައްދާނެ ޖާގަ ވެސް ލިސްޓުގައި އޮތީ ދީފަ އެވެ.ި

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލިބުނު ޕޮއިންޓުގެ އަދަދުން، އެތައް ބަޔަކު ތިބީ ގެދޮރުވެރިކަމުގެ މަޝްރޫއުން ފްލެޓް ކަށަވަރުކޮށްގެންނެވެ. އާއްމުކޮށްފައިވާ އުސޫލަށް ބަލާއިރު ވެސް 90 ޕޮއިންޓަށް ވުރެން މަތިން މާކްސް ލިބުނު މީހުންނަށް ފުރުސަތު ބޮޑެވެ. ހަތަރު އަހަރުގެ ދިގު އިންތިޒާރު މިދިޔަ ހޯމަ ދުވަހު ނިމުނުއިރު، ލިސްޓު ނެރެފައި އޮތީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. އެ ލިސްޓުން ވާނުވާއެއް ނޭނގެ އެވެ. ފޯމު ހުށަހެޅި ގާތްގަނޑަކަށް 15،000 މީހުންގެ ތެރެއިން ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަމެއް، ކޮން އުސޫލަކުން ކަމެއް ވެސް ސާފެއް ނޫނެވެ. ފްލެޓް ދިނީ އެންމެ ހައްގުކަން ބޮޑު މީހުންނަށްތޯ ސުވާލު އުފައްދާނެ ޖާގަ ވެސް ލިސްޓުގައި އޮތީ ދީފަ އެވެ.ި

މި މަޝްރޫއުގައި ފްލެޓަށް ކުރިމަތިލީ މީހުން ފުރަތަމަ ޝަކުވާ ކުރަން ޖެހުނީ، ލިސްޓު އާއްމުކުރުން ލަސްވާތީ އެވެ. ފޯމުތައް އިވެލުއޭޓްކޮށް، ދިރިއުޅުމުގެ ހާލަތު ބަލަން ހަތަރު އަހަރު ނެގުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ. މި މުއްދަތުގައި އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތު ވަނީ ބަދަލުވެފަ އެވެ. ފްލެޓް ދޭނީ މި ބަދަލުތަކަށް ރިއާޔަތްކޮށްފައިތޯ ސުވާލު އުފައްދަމުން ދަނިކޮށް، ހޯމަދުވަހު ލިސްޓު އާއްމުކުރުމާ އެކު އެތައް ބައެއްގެ ރުޅިގަނޑު ފަޅައިގެންދިޔައީ އެވެ.

ފްލެޓަށް ޝަރުތު ހަމަވީ 661 މީހުންގެ ލިސްޓު އާއްމުކުރީ، އެއީ ކޮން ބައެއް ކަން ސިއްރުކޮށްފަ އެވެ. މީގެ ކުރިން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބުނީ ކޮން ބައަކަށް ކަން އާއްމުކުރި އެވެ.

ކުރީގެ ސަރުކާރުތަކުން ފްލެޓް ދީފައިވާ ގޮތަށް ފާޑުކިޔައި ހައުސިން މިނިސްޓްރީން މިފަހަރު ބުނަމުން އައީ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު ފްލެޓް ދޭނީ އެންމެ ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ. އެ ޔަގީންކަން އެތައް ފަހަރަކު ނޫސްވެރިން މެދުވެރިކޮށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދެއްވި އެވެ. އެކަމަކު މި ސަރުކާރުގެ ބެލުމުގެ ދަށުން ފުރަތަމަ ދޫކުރި ފްލެޓްތައް ލިބުނީ އޭގެ އެންމެ ހައްގުވެރިންނަށްތޯ މިހާރު މި ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބުތަކެއް ވެސް ހުރީމަ އެވެ.

ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން؟

ލިސްޓު އާއްމުކުރުމާ އެކު އެތައް ބަޔަކު ކުރަން ޖެހުނީ މި ސުވާލެވެ. އެކަމަކު ޖަވާބު ނުލިބި، ޝައްކުތައް ހައްތަހާ ވަނީ ބޮޑެވެ. މީގެ ކުރިން، ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކުރަނީ ފްލެޓް ލިބުނީ ކޮން ބަޔަކަށްތޯ އަދި ކިތައް ޕޮއިންޓުންތޯ ސާފުވާ ގޮތަށެވެ. އެކަމަކު މިފަހަރު ލިސްޓު އާއްމުކޮށްފައި އޮތީ ހަމައެކަނި ފޯމު ނަމްބަރާ އެކުގަ އެވެ. މިއީ އެތައް ބަޔަކު ނުރުހުން ފާޅުކުރަމުންދާ މައްސަލައެކެވެ.

މިފަހަރު ފްލެޓް ލިބުނީ ކިތައް ޕޮއިންޓް ލިބިގެންތޯ އަދި ފްލެޓަށް ޝަރުތު ހަމަނުވީ ކިތައް މާކްސް މަދުވެގެންތޯ ވެސް ސާފުވާގޮތެއް އަދި ނުވެ އެވެ. ފްލެޓަށް އެދި ހުށަހެޅި ފޯމުގައި ހިމެނި މައުލޫމާތަށް ދިން ޕޮއިންޓްގެ އިތުރުން ދިރިއުޅުމުގެ ހާލަތު ބަލަަން ކުރި ސާވޭ އަށް ފަހު ލިބުނީ ކިތައް ޕޮއިންޓްތޯ ވެސް ނޭނގެ އެވެ. އެންމެ މުހިއްމީ ދިރިއުޅޭ ހާލަތެވެ.

ޕޮއިންޓް ދިން ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މީހުން ދެކޭ ގޮތުގައި ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން އެނގޭ ގޮތަށް ލިސްޓު އާއްމުނުކުރީ، ހައްގު ނޫން މީހުންނަށް ފްލެޓް ދީފައިވާ ކަން ފަޅާއަރާފާނެތީ އެވެ. އެއް ބަޔަކަށް 90 އަށް ވުރެ މަތިން ޕޮއިންޓް ލިބި ފްލެޓް ކަޓާފައިވާއިރު، އެއަށް ވުރެ ދަށުން މާކްސް ލިބުނު އެތައް ބަޔަކަށް ފްލެޓް ލިބުނީ ކޮން އުސޫލަކުންތޯ ސާފުކޮށްދޭން ވެސް އެތައް ބަޔަކު ދަނީ އެދެމުންނެވެ. ސަތޭކަ ޕޮއިންޓް ލިބުނު މީހެއްގެ ނަން ވެސް ލިސްޓްގައި ނެތްކަން ސޯޝަލް މީޑިއާ އިން އާންމުވި އެވެ.

"ކެޓަގަރީ އެކަކުން ކުރިމަތިލި، ނޭވާނުލެވޭ ވަރުގެ ތަންކޮޅެއްގައި އެތައް ދަރިން ގޮވައިގެން އުޅޭ މީހުންނަށް ވެސް ފްލެޓް ހައްގެއް ނުވޭ. އެކަމަކު އެއަށް ވުރެ މަދުން ދަރިން ތިބެ، މަންމަ އާއި ބައްޕަގެ މާލޭގެ ގެދޮރު ހުރެ ބޯހިޔާވަހިކަން ލިބޭނެކަން ކަށަވަރުވާ މީހުންނަށް އެ ކެޓަގަރީން ފްލެޓް ލިބިފައިވޭ. މިއީ ޕޮއިންޓް ދިނުމުގައި ކޮން ކަހަލަ އިންސާފެެއްތޯ؟" ޕޮއިންޓް ދިން ގޮތާ މެދު ނުރުހުންވެ ޓުވިޓާގައި މީހަކު ލިއެފައިވެ އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާއްމުނުކުރީ އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށެވެ. މިވާހަކަ ފްލެޓަށް ކުރިމަތިލީ ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ.

"ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާއްމުނުކުރީ ހައްގު ރައްކާތެރިކުރާކަށް ނޫން. ފްލެޓް ދިނީ ލިބުނު މާކްސްގެ ތަރުތީބަކުން ނޫން. އެހެންވެ އާއްމުކުރަން ނުކެރެނީ. ފްލެޓް ލިބުނުކަން އާއްމުކުރަން ބޭނުން ނުވާ މީހަކު އެތައް ގަޑިއިރެއް ވަންދެން ދިގު ކިއޫއެއްގައި ޖެހިގެން ފްލެޓަށް އެދި ފޯމު ހުށައެއްނާޅާނެ،" އެކަކު ކުރި ކޮމެންޓެއްގައިވެ އެވެ.

މިފަހަރު ދޫކުރާ ފްލެޓްތައް: ފްލެޓް ދިން ގޮތުގެ ތަފްސީލް ހާމަނުކުރާ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފައި.

މިފަހަރު ދޫކުރާ ފްލެޓްތައް: ފްލެޓް ދިން ގޮތުގެ ތަފްސީލް ހާމަނުކުރާ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފައި.

ފްލެޓްތައް ދޭން ކަނޑައެޅި ބައިތައް

- މި މަޝްރޫއުގައި ކެޓަގަރީ އެކަކުން ފްލެޓް ދޫކުރަނީ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ވާ މީހުންނާއި މާލޭގައި ރަށްވެހިވެފައިވާ މީހުންނަށް.

- ދެ ވަނަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް، ތިން ވަނަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ ތެރެއިން އެ ބިންކޮޅު އެއްކޮށް ސަރުކާރަށް ދޭން އެއްބަސްވާ މީހުންނަށް.

- ތިން ކެޓަގަރީގައި ވެސް ޕޮއިންޓް ދިނުމުގައި ބަލާ ގޮތަށް އޮތީ މާލޭގައި ރަށްވެހިވެފައިވާ މުއްދަތަށާއި ބޯހިޔާވަހިކަމުގެ ހާލަތާއި އެ މީހަކު ދިރިއުޅޭ ހާލަތަށް. އޭގެ ތެރޭގައި ދަރިންގެ އަދަދާއި އާއިލާގެ އާމްދަނީ ހިމެނޭ.

އެތައް ބައެއްގެ ހައްގު، ދެ ފުށް ފެންނަން ޖެހޭ

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ދޫކުރަން އިއުލާންކުރި 1،100 ފްލެޓަށް އެތައް ހާސް ބައަކު ކުރިމަތިލީ މިހާރު ދިރިއުޅެމުން އަންނަ ދަތި ހާލަތުން އަރައިގަނެވޭނެ ކަމުގެ އުއްމީދުގަ އެވެ. ތިން ކެޓަގަރީއަކަށް ބަހާލި މި މަޝްރޫއުގައި ދޫކުރަން ނިންމި ފްލެޓްގެ އަދަދު ފަހުން ބަދަލުވީ 704 އަށެވެ. އޭގެ ފަހުން ލިސްޓު އިއުލާންކުރިއިރު، ދޫކުރަން ނިންމާފައި މިއޮތީ 661 ފްލެޓެވެ. މި މަަޝްރޫއަށް ކަނޑައެޅި ޖުމްލަ އަދަދު ދޫނުކުރެވުނީ ކީއްވެކަން ވެސް މިއޮތީ ސާފުކޮށްދޭން ޖެހިފަ އެވެ.

މާލޭގައި ގެދޮރުގެ ދަތިކަން އިންތިހާ އަށް ބޮޑެވެ. ގެދޮރުވެރިކަމުގެ މަޝްރޫއަށް ކުރިމަތިލީ އެންމެންނަށް ފްލެޓެއް ނުދެވޭނެ އެވެ. އެއީ ސަރުކާރަށް މި ވަގުތު ކުޅަދާނަ ކަމެއް ވެސް ނޫނެވެ. އެކަމަކު، އޭގެ ތެރެއިން ފްލެޓް ލިބުނީ އެންމެ ހައްގުވެރިންނަށްތޯ ޔަގީންކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

އެތައް ބައެއްގެ ހައްގުތައް އެކުލެވިގެންވާ މި މައްސަލާގައި އިންތިހާ އަށް ޝަކުވާ ބޮޑުވެފައިވާއިރު ވެސް ހައުސިން މިނިސްޓްރީ ހިމޭނުން އޮތުމަކީ މައްސަލައެކެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށްތޯ ސާފުކޮށްދޭން ޖެހެ އެވެ.

ހައުސިން މިނިސްޓްރީން އެކަން ކުރަން ބޭނުން ނުވާ ނަމަ، ކަމާ ބެހޭ އެހެން އިދާރާތަކުން ވެސް މި މައްސަލަ ބަލަން ޖެހެ އެވެ. ފްލެޓް ދިން އުސޫލު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހެ އެވެ. އެއީ އެތައް ހާސް ބަޔަކާ ގުޅިފައިވާ މައްސަލައަކަށް ވާތީ އެވެ.