28 އެޕްރީލް 2017
މީގެ ދެ އަހަރު ކުރިން އެއީ ބޮޑު ފަޅެކެވެ. އެންމެ އަށް ހަފްތާ ތެރޭގައި ހިއްކާ، ބޮޑެތި އުންމީދުތަކާ ގުޅިފައިވާ ރަށަކަށް ބަދަލުކޮށްލި އެވެ. އެންމެ ސަބަބެކެވެ. ބޮޑު ސިޓީއަކަށް ހުޅުމާލެ ހެދުމެވެ. އުސް އިމާރާތްތަކާ އެކު ގެދޮރުވެރި ކުރުވުމެވެ. މުޅި މަޝްރޫއުގެ އަގު ވެސް ކުޑައެއް ނޫނެވެ. އެޗުޑީސީން ލަފާކުރާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ކަމެއް ނިމޭ އިރު އެއީ 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.
މީގެ ދެ އަހަރު ކުރިން އެއީ ބޮޑު ފަޅެކެވެ. އެންމެ އަށް ހަފްތާ ތެރޭގައި ހިއްކާ، ބޮޑެތި އުންމީދުތަކާ ގުޅިފައިވާ ރަށަކަށް ބަދަލުކޮށްލި އެވެ. އެންމެ ސަބަބެކެވެ. ބޮޑު ސިޓީއަކަށް ހުޅުމާލެ ހެދުމެވެ. އުސް އިމާރާތްތަކާ އެކު ގެދޮރުވެރި ކުރުވުމެވެ. މުޅި މަޝްރޫއުގެ އަގު ވެސް ކުޑައެއް ނޫނެވެ. އެޗުޑީސީން ލަފާކުރާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ކަމެއް ނިމޭ އިރު އެއީ 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި 240 ހެކްޓަރުގެ ބިން ހިމެނޭ ސަރަހައްދަށް ވަދެގެން ދިޔައިރު ފެނުނީ ފުރަތަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ދާ ތަނެވެ. ހިއްކި ސަރަހައްދު ވަށައިގެން ރިވެޓްމަންޓް ވަނީ ޖަހައިފަ އެވެ. ގަސް އިންދައި ހެދެމުން ދަނީ އެވެ. މަގުތަކުގެ މަސައްކަތް ހަލުވި މިނެއްގައި އެބަ ކުރެ އެވެ.
ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް
ހިއްކި ސަރަހައްދުގެ މެދަކާ ހިސާބުގައި ބޮޑު ސައިޓެކެވެ. ވެލިތަކާއި ހިލަތަކާއި މަސައްކަތަށް ބޭނުންވާނެ ބޮޑެތި ވެހިކަލްތަކެވެ. މަސައްކަތުގައި އުޅޭ މީހުން ދިރިއުޅޭ ވަގުތީ ގެތަކެވެ. މިއީ ރާއްޖޭގައި ހަދާ އެންމެ ބޮޑު އޮފީސް އިމާރާތް ހުންނާނެ ސަރަހައްދެވެ. މި އިމާރާތަށް އެކަނި ވެސް 122 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އެޗުޑީސީން ބުނެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ފަށާ 25 ބުރީގެ މި އިމާރާތަކީ މާލޭގައި ފިނޭންސް މިނިސްޓްރީ ހުރި ކޮށީގައި ހަދަން އެންމެ ފުރަތަމަ ޕްލޭންކުރި އިމާރާތެވެ. ފަހުން އެ ޕްލޭން ބަދަލުކޮށް ހުޅުމާލޭގައި އަޅަން ނިންމީ އެވެ. މިއީ މިހާރު މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި އެޗްޑީސީ ގުޅިގެން ހިންގާ މަޝްރޫއެކެވެ. އިމާރާތުގެ މަސައްކަތްތައް ކުރިއަށް ދާނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.
"ވަރަށް ބޮޑަށް ސުވާލު ކުރޭ މި ތަނުގައި މަސައްކަތް ކުރޭހޭ ކިޔައިގެން. މިއަށް ވުރެ ރަނގަޅަށް މަސައްކަތްކޮށްފައި ރަނގަޅު ނަތީޖާ ގެނެސްދޭ ސަރުކާރެއް ނެތޭ ބުނާނީ،" --ސައިމަން
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑަބްލިއުޒެޑްއާރުން މިހާރު ކުރަމުން އަންނަނީ ބިންގަނޑުގެ ޓެސްޓްތައް ހެދުމަށް ފަހު ޑީޕް ޕައިލިންގެ މަސައްކަތް ކަމަށެވެ.
ކުރިން ފިނޭންސް މިނިސްޓްރީން އަޅަން އޮތް 25 ބުރީގެ އޮފީސް އިމާރާތް އެޗުޑީސީން ހަދަން ކަނޑައަޅާފައި އޮތް ސަރަހައްދު
ސައިމަން ވިދާޅުވި ގޮތުގައި އެކި ޓެސްޓްތައް ހެދިއިރު، ދެވަނަ ފިޔަވަހީގެ ބިމުގައި 25 ބުރީގެ އިމާރާތްތައް އެޅޭ ފެންވަރު އެބަ ހުއްޓެވެ. އޮފީސް އިމާރާތް ދެ އަހަރު ތެރޭގައި ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.
ސައިމަން ވިދާޅުވީ އެ އިމާރާތުގެ އޮފީސް ޖާގަތައް ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށާއި ބޭންކުތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އޮފީސް ޖާގަ ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްކަން ވެސް ވަނީ ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ބޭނުންތަކަށް ކުއްޔަށް ދޭނީ. ޕްރައިވެޓް ޕާޓީސްތަކާއި ބޮޑެތި ބޭންކްތަކުން އަންނަ ހިތުން ތިބީ. އެ މީހުންނަށް ދިނުމުގެ ވިސްނުން އަޅުގަނޑުމެންގެ ހުރީ،" ބިއްލޫރި އާއި ދަގަނޑުން ހަދާ އިމާރާތާ ގުޅޭ ގޮތުން ސައިމަން ވިދާޅުވި އެވެ.
"އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އެޕާޓްމަންޓްތަކަށް މީހުން ވަދެވޭ ވަރު ކުރުން،"
ފަންސަވީސް ބުރީގެ އިމާރާތުގެ ދަށުގައި 30،000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވެ އެވެ. އެންމެ ތިރީ ބުރީގައި ހުންނާނީ ލޮބީ އާއި ފިހާރަތަކެވެ. ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި ކާރު ޕާކުކުރަން ހާއްސަކުރާއިރު އޮފީސްތައް ހުންނާނީ ފަސް ވަނަ ބުރިން ފެށިގެން 23 ވަނަ ބުރިއާ ހަމައަށެވެ. އިމާރާތުގެ 25 ވަނަ ބުރީގައި ހަދާނީ 250 މީހުންގެ ޖާގައިގެ ބޮޑު ރެސްޓޯރަންޓެކެވެ. އޭގެ އިތުރުން ރޫފް ޓޮޕްގައި ކޯޕަރޭޓް ލައުންޖެއް ވެސް ހުންނާނެ އެވެ.
މި އޮފީސް އިމާރާތް ހުޅުމާލޭގައި އަޅަން ނިންމީ މާލޭގައި މިފަދަ އިމާރާތެއް ހަދާއިރު ދިމާވާ ދަތިތަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން އޭރު ބުނެފައިވެ އެވެ. ފިނޭންސްގެ އާ އިމާރާތް ހުޅުމާލެ އަށް ބަދަލުކުރަން ނިންމި އިރު، ކުރީގެ ބާ އިމާރާތް ތަޅާލައި ބިން ވެސް ސާފުކުރި އެވެ.
ހުޅުމާލޭގައި 7000 ހައުސިން ޔުނިޓް އަޅާ ސަރަހައްދު. - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ފުރަތަމަ ހިންގާ ހައުސިން މަޝްރޫއުގެ ދަށުން، 7،000 ހައުސިން ޔުނިޓް އަޅަނީ ވެސް ހިއްކި ސަރަހައްދުގެ މެދަކާ ހިސާބުންނެވެ. ހައުސިން ޔުނިޓް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ން ލޯނު ދިނީ އިހަކަށް ދުވަހު އެވެ. އެކަމަކު އެއީ ކިހާ ވަރެއް ކަމެއް އެޗުޑީސީއަކުން ނުބުނެ އެވެ. އެ މަޝްރޫއު ކުރިޔަށް ގެންދާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން މިހާރު އަންނަނީ އަމަލީ ބައެއް މަސައްކަތް ކުރަމުންނެވެ. ސައިޓް ތައްޔާރުކޮށް އިމާރާތަށް ބޭނުންވާ ތަކެތި ޖަމާކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ސައިމަން ވިދާޅުވި ގޮތުގައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ބޭންކުން މަޝްރޫއަށް ފައިނޭސް ހަމަޖައްސައި ދިންއިރު، ޕްރޮޖެކްޓާ މެދު ބޭންކުން ވެސް ހިތްހަމަޖެހެ އެވެ. ގެދޮރު އަޅަން ސަރުކާރުން މިހާތަނަށް ނަގާ އެންމެ ބޮޑު ލޯނު އައިސީބީސީން ދިނީ ހަތަރު ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި 15 އަހަރުން އަނބުރާ ދައްކާ ގޮތަށް ކަމަށް ސައިމަން ވިދާޅުވި އެވެ.
"ބޭންކްތަކުން އެވަރަށް އިތުބާރު ކުރޭ އެބަ، ސާކް ސަރަހައްދުތަކުގައި ހުރި ބޮޑެތި ބޭންކުތަކާ މިހާރު މަޝްވަރާ ކުރަމުން އެބަދޭ އިތުރު ހައުސިން ޔުނިޓްތަކެއް އަޅަން،" --ސައިމަން
އައިސީބީސީން ދިން ލޯނުން ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރާއި އޮފީސް ޓަވަރެއް ހަދަން ނިންމާފައިވެ އެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު ހިންގާ މަޝްރޫއުގެ ދަށުން ހަދާ ކޮންމެ ފްލެޓެއްގައި ދެ ރޫމާއި ދެ ފާހަނާ ހުރެ އެވެ. ފްލެޓެއްގެ ބޮޑުމިނަކީ 550 އަކަފޫޓެވެ.
މިއީ ސޯޝަލް ހައުސިން ނުވަތަ އެންމެ އާދައިގެ މީހުންނަށް އުޅެވޭ ފެންވަރަށް އިމާރާތް ކުރާ ފްލެޓްތަކެކެވެ. އޭގެ އަގު އަދި ކަނޑައަޅާފައި ނުވިޔަސް ސައިމަން ވިދާޅުވީ އާންމުން އަތްފޯރާ އަގެއްގައި ގަންނަން ފުރުސަތު އޮންނާނެ ކަމަށެވެ.
"އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އެޕާޓްމަންޓްތަކަށް މީހުން ވަދެވޭ ވަރު ކުރުން،" މަސައްކަތް ހިނގަމުން އަންނަ ސަރަހައްދުގައި ހުންނަވާ ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލަށް ހިއްކި ސަރަހައްދުގައި 32،000-35،000 ހައުސިން ޔުނިޓް އެޅުމަކީ އަމާޒެކެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެއް ކުންފުންޏަކުން ނުނަގާ ވަރުގެ ލޯންތައް އެޗްޑީސީން ނަގަނީ ލޯނު ދެއްކޭނެ ކަމުގެ ގާބިލްކަން ހުރުމުން ކަމަށް ސައިމަން ވިދާޅުވި އެވެ. އަދި އެކި ބޭންކްތަކުން ތަފާތު ލޯނުތައް ލިބެނީ އެ ތަންތަނުގެ އިތުބާރު އެޗްޑީސީއަށް އޮތީމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޭންކްތަކުން އެވަރަށް އިތުބާރު ކުރޭ އެބަ، ސާކް ސަރަހައްދުތަކުގައި ހުރި ބޮޑެތި ބޭންކުތަކާ މިހާރު ވެސް މަޝްވަރާ ކުރަމުން އެބަ ދޭ އިތުރު ހައުސިން ޔުނިޓްތަކެއް އަޅަން،" ސައިމަން ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ. - ފޮޓޯ: އެޗްޑީސީ
ދެވަނަ ފިޔަވަހީގައި ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ ބިންގަނޑު އެއްވަރުކޮށް، މަގުތައް ހެދުމުގެ ބަ އެވެ. ހަމައެކަނި މަގުތަކުގައި ތާރު އަޅާ ނިންމާލަނީކީ ނޫނެވެ. ސައިމަން ސިފަކުރެއްވި ގޮތުގައި ތާރު އަޅާ ނިމޭއިރު "ޓޯޓަލް އިންފްރާސްޓްރަކްޗާ ސޮލިއުޝަނެއް" އަންނާނެ އެވެ. މިއީ ރާއްޖޭގައި މުޅިން އާ ޑިޒައިނަކަށް ހަދާ މަގުތަކެކެވެ.
މަގުތައް ހެދުމުގެ މަޝްރޫއު އެޗްޑީސީން ހަވާލުކުރީ އިންޑިއާގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓް) އަދި އަޝޯކާ ބިލްޑްކޮން ލިމިޓެޑާ އެވެ. ދޮޅު އަހަރު ދުވަހުން ނިންމަން ޖެހޭ އެ މަޝްރޫއުގެ ޖުމްލަ އަގަކީ 40.3 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އެވެ.
މަޝްރޫއުގައި ޕޭވްމަންޓުތައް ހަދައި މަގުބައްތި ޖެހުމުގެ އިތުރަށް، ޓްރެފިކް ނިޝާންތައް ކުރެހުން ފަދަ ކަންކަން ވެސް ހިމެނެ އެވެ. ސައިމަން ވިދާޅުވި ގޮތުގައި ރޯޑް ޑިވައިޑާއެއް ހިމެނޭ ގޮތަށް ހަދާ މަގުތަކުގެ މެދުގައި ބޮޑެތި ގަސްތައް ޖަހާނެ އެވެ.
މަގުތަކުގެ ތެރެއިން ދާ ހޮޅިތަކާއި ކޭބަލްތައް ވަޅުލަނީ ފަހުން ދިމާވާ މައްސަލަތައް ހައްލުކުރަން މަގު ކޮންނަން ނުޖެހޭ ގޮތަށެވެ. ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ބައެއް ހޮޅިތައް މިހާރު ވެސް ވަނީ ވަޅުލާން ފަށައިފަ އެވެ.
ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގައި ހޮޅި ވަޅުލާފައި
ސައިމަން ވިދާޅުވި ގޮތުގައި މިފަހަރު މަގު ހަދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ލިބުނު ތަޖުރިބާ އަށް ފަހު، ވަރަށް ބޮޑެތި ދިރާސާތަކެއް ކޮށްގެންނެވެ. އަދި މިހާތަނަށް ރަނގަޅު ފެންވަރަކަށް ނުކޮށް ހުރި ކަންކަން އަލުން ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައިމަން ވިދާޅުވި ގޮތުގައި އެޗުޑީސީގައި ގާއިމްކޮށްފައިވާ ކޮލިޓީ އެޝުއަރެންސް ޓީމުން ގެންދަނީ މަޝްރޫއުތައް ހިނގާ ގޮތް ގާތުން ބަލަމުންނެވެ. އެއްވެސް ކަމެއް ގޯހުން ދާ ނަމަ، އެކަމެއް ފާހަގަކޮށް ރަނގަޅު ކުރަން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ސުވާލު ކުރޭ މި ތަނުގައި މަސައްކަތް ކުރޭހޭ ކިޔައިގެން. މިއަށް ވުރެ ރަނގަޅަށް މަސައްކަތްކޮށްފައި، ރަނގަޅު ނަތީޖާ ގެނެސްދޭ ސަރުކާރެއް ނެތޭ ބުނާނީ،" ސައިމަން ވިދާޅުވި އެވެ.
އެޗްޑީސީގެ އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ބޭނުން ކުރެވެން ހުރި ހުރިހާ ބިމެއްގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަސައްކަތް ފެށުމެވެ. އެހެން އެގޮތަށް ވެއްޖެ ނަމަ، ކުރިއަށް އޮތް 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަން ބޮޑު ސިޓީއަކަށް ބަދަލުވުން ކައިރި އެވެ.
ސައިމަން ވިދާޅުވި ގޮތުގައި އެޗުޑީސީގައި މިހާރު އޮތް ޓީމުގެ މަސައްކަތަކީ ދުނިޔޭގެ މަޝްހޫރު ސިޓީތައް މިސާލަކަށް ބަލައިގެން ހުޅުމާލެ ތަރައްގީ ކުރުމެވެ.
މިހާރު ފެންނަން އޮތީ ހުދު ފަސްގަނޑެއް ނަމަވެސް، އެޗްޑީސީން ގަބޫލުކުރާ ގޮތުގައި، އެއީ މުސްތަގުބަލުގެ ރީތި ސިޓީ އެވެ.
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟
ކުންފުނިތަކާއި ޔުނިވާސިޓީގެ މުވައްޒަފުންނަށް ފްލެޓް ދެނީ
ފްލެޓް ލިސްޓުން އެތައް ބަޔަކު ރުޅިގަދަވެފައި!
ސަރުކާރު މުވައްޒަފުންނަށް 400 ފްލެޓް އަޅަން އަމީނަށް
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
އެއް ކޮޓަރި ފްލެޓު ނުދިނުމުގައި ގޯހެއް ހެދިތޯ ބަލަނީ
އެއްބަސްވުމާ ޚިލާފަށް އެޗްޑީސީން ފައިސާ ނަގާ ތުހުމަތެއް