Roadha Mihaaru
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ

ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަންނަ ހަފުތާގައި ހުޅުވާލަނީ

01 އޯގަސްޓް 2018

ރައީސް އަބްދުﷲ އިއުލާންކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ އިއުލާންކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މިނިވަން ދުވަސް، ޖުލައި 26 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ވިލިމާލެ 2 ތަރައްގީކުރަން ނިންމާފައި ވަނީ، 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށެވެ. އަމަލީ މަސައްކަތް ނުފަށާ، ހަމައެކަނި އިއުލާން ކުރެއްވި އެ މަޝްރޫއުން ފްލެޓާއި ގޯއްޗަށް އެދެން ބޭނުންވާ މީހުންނަށް އަންނަ ހަފުތާގައި ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ގުޅީފަޅާއި ފުށިދިއްގަރު ފަޅުން 1،000 ހެކްޓަރު ބިން ހިއްކައި، މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އާއި ގުޅީފަޅުގެ އިތުރުން ތިލަފުށި ބްރިޖުތަކުން ގުޅުވާލައިގެންނެވެ.

"އެންމެންނަށް ހިޔާ ކަށަވަރު" މަޝްރޫއުގެ ޚުލާސާ:

- ވިލިމާލެ 2 ތަރައްގީ ކުރަން ނިންމާފައި ވަނީ ގުޅީފަޅުން 230 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ބިން ހިއްކައިގެން.

- މި މަޝްރޫއުގައި، 300،000 މީހުންގެ އާބާދީ އަށް އަމާޒުކޮށް، ޖުމްލަ 80،000، ފްލެޓާއި ބިން ދޫކުރާނެ.

- 1،000 އަކަ ފޫޓުގެ ފްލެޓާއި 1،000 އަކަފޫޓުގެ ބިން ބޭނުންވާ މީހުންނަށް އަންނަ ހަފުތާގައި ފުރުސަތު ހުޅުވާލާނެ.

- މި މަޝްރޫއާއެކު ބްރިޖުން މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އަދި ގުޅީފަޅާއި ތިލަފުއްޓާއި ފުށިދިއްގަރު ފަޅު ގުޅުވާލާނެ.

- ބިން ހިއްކައި ފްލެޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ "އެންމެންނަށް ހިޔާ ކަށަވަރު" ނަމުގައި ފެށި މަޝްރޫއުގައި، ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް އެކަން ޔަގީންވާނެ ކަން އިއުލާން ކޮށްދެއްވަން ރައީސް ޔާމީން މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ. ލަސްތަކެއް ނުވެ އެ މަޝްރޫއު ފަށާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އޮގަސްޓު 7 ވަނަ ދުވަހު ފޯމު ދޫކުރަން ފަށާނެ. މި މަޝްރޫއުގެ ތެރެއިން ބޯހިޔާވަހި ކަމަށް ކުރިމަތިލާން. ވިލިމާލެ 2 މަޝްރޫއުގައި ގާތްގަނޑަކަށް 82،000 ފްލެޓް މި އެޅިގެން ދަނީ، އެއީ ގާތްގަނޑަކަށް 300،000 މީހުންގެ އާބާދީއަށް ބޯހިޔާވަހިކަން،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ

ވިލިމާލެ 2 ތަރައްގީ ކުރަން ނިންމާފައި ވަނީ، ގުޅީފަޅުގެ 230 ހެކްޓަރުގެ ފަޅު ހިއްކައިގެންނެވެ. އެ ބިމުގެ 130 ހެކްޓަރަށް ވުރެ ބޮޑު ބައި ބޭނުން ކުރާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހަމައެކަނި ފްލެޓް އިމާރާތް ކުރުމަށެވެ.

"ކޮންމެ ފްލެޓަކީ 1،000 އަކަފޫޓު، އެއީ ވަރަށް ބޮޑު ސައިޒެއް. އެއީ ގާތްގަނޑަކަށް ތިން ކޮޓަރީގެ އެޕާޓްމެންޓުގެ ސައިޒަށް ހަދާނީ،" މުއިއްޒު ވިދާޅުވި އެވެ.

މި މަޝްރޫއުގައި ގުޅީފަޅުގެ އިތުރުން މާލެ ކައިރީގައި އޮންނަ، ކުރިން ބޭރުގެ ބަޔަކަށް ވިއްކި ނަމަވެސް މިހާރު ސަރުކާރަށް ނަގާފައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން އެތަނުން ގޯތި ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެތަނުން 800 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ ހުޅުވާލާނީ، 1،000 އަކަފޫޓުގެ ފްލެޓެއް ނުވަތަ 1،000 އަކަފޫޓުގެ ބިމަށް ކުރިމަތިލާން،" މުއިއްޒު ވިދާޅުވި އެވެ.

މި މަޝްރޫއުން ފްލެޓަށް ކުރިމަތިލާން އޮތީ އެންމެ ދެ ޝަރުތެވެ. އެއީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި 1،000 އަކަފޫޓުގެ ބިމެއް ނެތުމުވެ.

"އިތުރު އެއްވެސް ޝަރުތެއް ނެތް. އެ މީހާއަކީ މީހަކާ ކައިވެނިކޮށްގެން ހުރި މީހަކަށް ވާކަށް މަޖުބޫރެއް ނޫން. ދަރިއަކު އޮންނާކަށް މަޖުބޫރެއް ނޫން. ވަޒީފާއެއްގައި އުޅޭކަށް ވެސް އަޅުގަނޑުމެން މަޖުބޫރެއް ނުކުރަން. މާލޭގައި އުޅޭ މީހަކަށް ވެސް ވާކަށް ނުޖެހޭ. ކޮންމެ ރަށެއްގައި ކޮންމެ ދިމާލެއްގައި ހުރި މީހަކަށް ވިއަސް ކުރިމަތިލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، މި މަޝްރޫއަށް ކުރިމަތިލާ މީހުންނަކަށް، ހުޅުމާލެ އިން ދޫކުރަން މިހާރު ފުރުސަތު ހުޅުވާލާފައިވާ 7،000 ފްލެޓަށް ކުރިމަތި ނުލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މި މަޝްރޫއަށް ކުރިމަތިލާން ޖެހޭނީ، 7،000 ފްލެޓް މަޝްރޫއަށް ކުރިމަތިލާފައި ވާނަމަ، އެ ފޯމު ނެގުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.