05 ނޮވެމްބަރ 2018
ހިޔާ މަޝްރޫއުގެ ދަށުން އިއުލާނުކުރި ފްލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން އެއީ ފްލެޓް ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ކަމަށާއި އެއްވެސް މީހެއްގެ އަތުން ފްލެޓު އަތުލައިފިނަމަ، ކޯޓަށް ދިއުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އިއުލާނުކުރި ފްލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން އެއީ ފްލެޓް ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ކަމަށާއި އެއްވެސް މީހެއްގެ އަތުން ފްލެޓު އަތުލައިފިނަމަ، ކޯޓަށް ދިއުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެ އެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 11،000 މީހަކަށް ވަނީ ފްލެޓު ކަށަވަރުވެފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ 44،000 ރައްޔިތުންގެ ބޯހިޔާވަހިކަމެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކުރާނެތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ ގެޒެޓްގައި ޝާއިއުކުރި ލިސްޓަކީ ރަސްމީ ލިޔުމެއް ކަމަށެވެ. "މިއަށްވުރެ ބޮޑަށް ރަސްމީ ވާނެ އެހެން ގޮތެއް ނޯންނާނެ" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް.
"އެމީހުން އަތަށް ލިޔުމެއް ދިނުމަކީ އިތުރު ކަމެއް. މިއީ (ސަރުކާރުގެ ގެޒެޓަކީ) ރަސްމީ ލިޔުމެއް. މިސާލަކަށް މީހެއްގެ ނަން އަރާފައި އޮއްވައި ދެން އަންނަ ސަރުކާރަކުން ފްލެޓު އެމީހަކަށް ނުދީފިނަމަ، ލިސްޓު އުވާލައިފިނަމަ، އޭނާ އަށް ދެވޭނެ ކޯޓަށް،" ފްލެޓު ލިބުނު ކަމުގެ ލިޔުން ލިބޭނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ފެއްޓެވި މަޝްރޫއުތައް މި މަހުގެ 17 ވަނަ ދުވަހު ފަށާ އާ ސަރުކާރުން ކުރިއަށް ގެންދިއުމަކީ ބޮޑު އެދުމެކެވެ. އެހެންވެ، މަޝްރޫއުތައް އަމާނާތްތެރިކަމާއެކު ކުރިއަށް ގެންގޮސް ދިނުމަށް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
"ގާތްގަނޑަކަށް 44،000 ރައްޔިތުންގެ ބޯހިޔާވަހިކަން މިއީ. މި މީހުންގެ ބޯހިޔާވަހިކަމަށް އަމާނާތްތެރިކަމާއެކު ހިތްތަވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓުތައް ބެހުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިޔައީ ވަރަށް އިހްލާސްތެރިކަމާޢި އަމާނާތްތެރިކަމާއެކީގަ އެވެ. އަދި މިއީ ވަރަށް ބުރަ މަސައްކަތެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވި އެވެ.
ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ފްލެޓް ދިނުމާ ބެހޭ ގޮތުން ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށާއި ވަކި މީހަކަށް ފްލެޓު ދިނުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފްލެޓު ދިނުމުގައި އެމީހަކު ކުރި ސިޔާސީ މަސައްކަތަކަށް ބަލާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އެމީހަކު ވަކި މީހަކަށް ކެމްޕެއިން ކޮށް ދިނުމަކީ ޕޮއިންޓް ލިބޭ ކަމެއް ނޫން. ވަކި މީހަކަށް ކެމްޕެއިން ނުކޮށްދިނުމަކީ އޭނާއަށް ޕޮއިންޓް އުނިވާން ޖެހޭ ސަބަބެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
ފްލެޓް ދިން ގޮތާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން 300 އަށްވުރެ ގިނަ ޝަކުވާ ލިބުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ޝަކުވާތައް ބަލައި، އޭގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭނެ މީހުން ވަނީ ހިމަނައިފަ އެވެ. އަދި މިއީ ދެފުށް ފެން ގޮތަށް ކުރިއަށް ގެންދިޔަ މަސައްކަތަކެއް ކަމަށް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީއަށް ހުށަހެޅި ބައެއް ޝަކުވާތަކުގެ ތަފްސީލް ދެއްވަމުން މުއިއްޒު ވިދާޅުވީ ވަގުތީ ލިސްޓުގައި ހިމެނިފައި ތިބި ބައެއް މީހުންގެ ނަން ދާއިމީ ލިސްޓު އިއުލާން ކުރިއިރު އުނިކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އެއް ސަބަބެއްގެ ގޮތުގައި ހައުސިން މިނިސްޓަރު ވިދާޅުވީ ދެމަފިރިންނަށް ފްލެޓު ލިބިއްޖެ ނަމަ، ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކަށް ފްލެޓު ލިބޭތީ އެވެ.
ފްލެޓު ފޯމު ހުށަހަޅަން މިނިސްޓްރީ ކައިރީގައި އެތައް ބަޔަކު ކިޔޫގައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އަޅުގަނޑުމެން ދާއިމީ ލިސްޓު ހަދާއިރު، ދެމަފިރިން ވަގުތީ ލިސްޓުގައި ހޮވިފައިވާ ނަމަ، އެ މީހަކު އަޅުގަނޑުމެން ވާނީ ކޮންމެވެސް އެއް ލިސްޓެއްގައި ދެ މީހުންގެ ނަން ޖަހައި ހިމަނާފައި،" 700 އަށްވުރެ ގިނަ މީހުން ލިސްޓުން އުނިކޮށްފައިވާކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން، މި ސަރުކާރުގައި އެކި ރަށްރަށުން ފްލެޓު ލިބިފައިވާ މީހެއް ހުރި ނަމަ، އެމީހެއްގެ ނަން ލިސްޓުން އުނި ކުރެވިފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި ފޯމްގައި ހުރި ބައެއް މައުލޫމާތުތައް ތަކުރާރުކޮށް ބެލިއިރު، ސައްހަ ނޫން މައުލޫމާތުތަކެއް ދީފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ. ހާއްސަކޮށް 18 އަހަރާއި 40 އަހަރުގެ ކެޓަގަރީން 46 މީހަކު އުނިކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ކެޓަގަރީގެ ޝަރުތެއްގެ ގޮތުގައި މާލޭގައި ދިރިއުޅޭ މީހަކު ކަމުގައިވުން ހިމަނާފައި އޮތް އިރު، ބައެއް މީހުން ދިރިއުޅެނީ ބައެއް ރަށްތަކުގައި ކަމަށްވާތީވެ، އެމީހުން ލިސްޓުން އުނިކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަމުން އަންނަ 7،000 ފްލެޓު އަންނަ އަހަރު ޖޫން ނުވަތަ ޖުލައި މަހު ނިމޭނެ އެވެ. ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 2،500 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި އޮތް ނަމަވެސް، އެޗްޑީސީން ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
އަލަތު ކައިވެނި ކެޓަގަރީން ފޯމުލި އެންމެންނަށް ފްލެޓް
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާން ކުރަނީ
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ