Roadha Mihaaru
ފްލެޓަށް އެދުން އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

ފްލެޓަށް އެދުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

05 ޖުލައި 2018

ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލި 7،000 ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އޮގަސްޓު މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލި 7،000 ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އޮގަސްޓު މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް 17 ކެޓަގަރީއަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 50،000 ފޯމު ވަނީ ނަގައިފަ އެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފޯމު ހުށަހެޅުމުގެ މުއްދަތު އޮގަސްޓު 31 އާ ހަމައަށް އިތުރުކުރީ، ފޯމު ނަގާފައި ތިބި ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ފުރުސަތު ދޭން ކަމަށެވެ. މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެ މަޝްރޫއުގައި ބައިލައްކަ އަށް ވުރެ ގިނަ މީހުން ފޯމު ނަގާފައިވެ އެވެ.

"ފްލެޓަށް އެދޭ ފޯމު ލުމަށް މިހާރު އިތުރު އެއް މަސް ދުވަސް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

މިނިސްޓަރު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި، ފްލެޓަށް އެދުމާ ގުޅޭ ހުރިހާ ކަމެއް ދަރުބާރުގެ އިން ކުރެވޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ފޯމު ބަލައިގަތުމާއި ދޫކުރުން ވެސް އަންނަ ހަފުތާ އިން ފެށިގެން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގަ އެވެ.

މުއިއްޒު ވިދާޅުވީ އެހެން މަޝްރޫއުތަކާ ޚިލާފަށް، ފްލެޓަށް އެދެން ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން ފްލެޓަށް އެދި ގިނަ ބަޔަކު ފޯމުލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލާފައި.

7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލާފައި.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.

އެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުން ދެއްކި ހައްލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ 80،000 ފްލެޓެވެ. އެ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވައި، ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި މި އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.