Roadha Mihaaru
"ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގެ ލިޔުން ދޭނެ"

ޝަކުވާތައް ބަލާ ނިންމައި ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގެ ލިޔުން ހަވާލުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދީފި

13 ނޮވެމްބަރ 2023

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ ލިޔުން މި ދައުރު ނިމުމުގެ ކުރިން ހަވާކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ ލިޔުން މި ދައުރު ނިމުމުގެ ކުރިން ހަވާކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން މިއަދު ދީފި އެވެ.

ހައުސިންގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާޕާސަން އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ފްލެޓްތަކުގެ ދާއިމީ ލިސްޓާ ގުޅިގެން ލިބިފައިވާ ޝަކުވާތައް މިހާރު ރިވިއުކުރަމުން އަންނަ ކަމަށެވެ. ދާއިމީ ލިސްޓަށް ކުދިކުދި ބަދަލުތަކެއް އަންނަ ވަރުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުރު ނިމެންވާއިރަށް [ލިޔުން] ހަވާލުކުރެވޭނެ އިރާދަކުރެއްވިއްޔާ: އަކްރަމް

"އެހާ ބޮޑު ތަފާތެއް ނޫން، ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެ. ޝަކުވާތައް ބަލާ ނިމުނީމަ އެއްޗެއް ބުނަން އެނގޭނީ،" އަކްރަމް ވިދާޅުވި އެވެ.

"ދައުރު ނިމެންވާއިރަށް [ލިޔުން] ހަވާލުކުރެވޭނެ އިރާދަކުރެއްވިއްޔާ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ރިޔާސީ ދައުރު ހަމަވަނީ އަންނަ ހުކުރު ދުވަހަށެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި ފްލެޓްތަކުގެ ދާއިމީ ލިސްޓާ ގުޅިގެން 7،000 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވެ އެވެ.

މިނިސްޓްރީން ނެރުނު ފްލެޓްތަކުގެ ދާއިމީ ލިސްޓުގެ މައްސަލަ ބޮޑުވީ، އެ ލިސްޓު އާންމުކުރި އިރު އެއްވެސް މީހަކަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލު ހާމަނުކުރުމުންނެވެ. އެ މައްސަލާގައި އާންމުންގެ ޝަކުވާ ބޮޑުވުމުން، ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު މިދިޔަ ބުދަ ދުވަހުން ފެށިގެން މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެ މައްސަލާގައި ބައެއް މީހުން ވަނީ މިނިސްޓްރީގެ އިދާރާ އަށް އެއްވެ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރަތަމަ ބުރުގައި 20،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 13،000 މީހުންނެވެ.

އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށާއި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ފުރަތަމަ 4،000 ފްލެޓް ދޭނެ މީހުން ކަނޑައެޅުމުގައި ސަރުކާރުން ބޭއިންސާފުން ކަންކަން ކޮށްފައިވާ ކަމަށް ބުނެ އާންމުން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޮނިހިރު ދުވަހު ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަސައްކަތުގެ އެކި މަރުހާލާގައިވާ ޖުމްލަ 7،700 ފްލެޓުގެ މަސައްކަތް މާލެ ސަރަހައްދުގައި އެބަ ކުރިއަށް ގެންދެ އެވެ.