ގެދޮރުވެރިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ތެރެއިން ބައެއް މީހުން މާލޭގައި 15 އަހަރު ނުވާތީ ޝަރުތު ހަމަނުވާ ކަމަށް އަންގައި ހައުސިން މިނިސްޓްރީން ފޮނުވާ ސިޓީގައި ސައްހަ ނޫން މައުލޫމާތު ހިމެނޭ ކަމަށް، ފަހި ޔޫނިއަން އިން މިއަދު ބުނެފި އެވެ.
10 ޖުލައި 2025
ގެދޮރުވެރިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ތެރެއިން ބައެއް މީހުން މާލޭގައި 15 އަހަރު ނުވާތީ ޝަރުތު ހަމަނުވާ ކަމަށް އަންގައި ހައުސިން މިނިސްޓްރީން ފޮނުވާ ސިޓީގައި ސައްހަ ނޫން މައުލޫމާތު ހިމެނޭ ކަމަށް، ފަހި ޔޫނިއަން އިން މިއަދު ބުނެފި އެވެ.
ކުރީގެ ސަރުކާރުން ހުޅުވާލި ސްކީމުން ފްލެޓް ލިބުނު މީހުންގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ފަހި ޔޫނިއަނުގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ މާލޭގައި 15 އަހަރު ދިރިނޫޅޭތީ ފްލެޓް ނުލިބޭނެ ކަމަށް ބައެއް މީހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ ސިޓީތައް ފޮނުވާފައި މިނިސްޓްރީން މައުލޫމާތުތައް ކަށަވަރު ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި ފްލެޓް ލިބޭނެ ކަން އަންގާފައިވާ މާލޭ ސްކޫލެއްގެ ޓީޗަރަކު ތ. އަތޮޅުގެ ސްކޫލެއްގައި 2012 ވަަނަ އަހަރުން ފެށިގެން 2017 އާ ހަމައަށް މަސައްކަތްކުރި ކަމަށް މިނިސްޓްރީން ވަނީ ސިޓީ ފޮނުވައިފަ އެވެ. އެހެންވެ މާލޭގައި ދިރިއުޅުނު މުއްދަތުގެ ބައިން ޝަރުތު ހަމަނުވާ ކަމަށާއި އެ ސްކޫލުން އެ ޓީޗަރަށް ޕެންޝަން ޖަމާކޮށްފައިވާ ކަމަށް ވެސް ސިޓީގައި ލިއެފައިވާ ކަމަށް ފަހި ޔޫނިއަން އިން ބުންޏެވެ.
"އެކަމަކު އެ ސިޓީ[ ހައުސިން މިނިސްޓްރީ] އިން އެ މީހާއަށް މި އެނގެނީ އެ ނަން ކިޔާ ރަށެއް ވެސް އޮންނަ ކަން. އެއީ އޭނާ ދަންނަ ތަނެއް ވެސް ނޫން،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސިޓީ ސްކޫލަށް ފޮނުވައިގެން ބެލިއިރު، ދުވަހަކު ވެސް އެ ޓީޗަރަކު އެތަނުގައި މަސައްކަތްކޮށްފައި ނުވާ ކަމަށް ސްކޫލުން ޖަވާބުދީފައިވާ ކަމަށެވެ. އަދި ސްކޫލުން ޕެންޝަން ޖަމާނުކުރާ ކަމަށް ޕެންޝަން އޮފީހުން ވެސް ބުނެފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"ތި އައިޑީކާޑުގައި އޮތް މީހަކު ނެތޭ މަސައްކަތްކޮށްފައި [ސްކޫލުގައި]. ޕެންޝަން އޮފީހުން ވެސް އެބަ ބުނޭ ނޫނެކޭ ފައިސާ ދިން ކަމަށް ނުދައްކައޭ. އެކަށީގެންވާ ވަރަށް ނުބަލާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިޓީ ފޮނުވަނީ،" އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ އެކަން ހިނގަމުންދާ ގޮތްބެލިއިރު އެކަމަކީ ހައުސިން މިނިސްޓްރީގައި މިނިސްޓަރާ ދެކޮޅު ބަޔަކު ކުރަމުންދާ ކަމެއްކަން އެނގިފައިވާ ކަމަށެވެ. އެހެންވެ، އެކަން ބަލައި އެ މީހުންނަށް ފިޔަވަޅު އަޅަން އޭނާ ގޮވާލެއްވި އެވެ.
ފްލެޓް ލިބެނީ މާލޭގައި 15 އަހަރު އުޅުނު މީހުންނަށް ކަމަށް ބަޔާންކުރާއިރު މާލޭގައި އުޅޭ މީހަކު މަސައްކަތުގެ ބޭނުމެއްގައި ރަށަކަށް ދިޔަ ނަމަވެސް އެއީ މާލޭގައި އެ މުއްދަތުގައި އުޅުން ކަމަށް ނުބަލާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އެކަމަކު އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ސަބަބަކީ ބައެއް ކަހަލަ މަސައްކަތްކުރާ މީހުންނަކީ ރަށުން ބޭރަށްދާން ޖެހޭ މީހުންނަށް ވުމެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުުހުންނާއި ޕްރިންސިޕަލުންނާއި ސިފައިންނާއި ފުލުހުން ހިމެނޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. މާލޭގައި ރަށްވެހިވެގެން އުޅޭ އެ މީހުން، ރަށުން ބޭރަށް ދިޔަ ނަމަވެސް އަނބިދަރިން މާލޭގައި އުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އެފަދަ ހާލަތެއް ހިއްސާކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ އުމުރުން 13 އަހަރުން ފެށިގެން މާލޭގައި ދިރިއުޅެމުން އަންނަ ނަރުހަކަށް ވެސް މިގޮތަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
މާލޭގައި އޭނާ ދިރިއުޅުނު ގެއިން ކުއްލިއަކަށް ނުކުންނަން ޖެހުމުން ވަގުތީ ގޮތުން ރަށަށް ބަދަލުވެ ސިއްހީ މަރުކަޒުގެ ވަޒީފާއާ ގުޅުނީ އެވެ. އަލީ ހުސެއިން ވިދާޅުވީ އެ މުއްދަތުގައި ވެސް އޭނާގެ ފިރިމީހާ އުޅެމުން އައީ މާލޭގައި ކަމަށާއި އަހަރެއްހާ ދުވަސް ފަހުން މާލެއަށް އަލުން ބަދަލުވި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"އެކަމަކު ހައުސިން މިނިސްޓްރީން މި ބުނަނީ ނޫނެކޭ މިއޮތީ [މާލޭގައި ދިރިއުޅުނު މުއްދަތު] މެދުކެނޑިފައޭ."
އަލީ ހުސެއިން ވިދާޅުވީ ފަސް އަހަރުވަންދެން ވަކި ތަނެއްގައި އުޅެފި ނަމަ، ގާނޫނުތައް ހުރި ގޮތުން އެ މީހަކު އެތަނަށް ރަޖިސްޓްރީ ވެސް ކުރެވޭ ކަމަށެވެ. އެހެންވެ، ވަގުތީ ގޮތުން ބަދަލުވެ، އެތަނުގައި ފަސް އަހަރުނުވާ ނަމަ، އެ މީހަކު އެތަނުގައި އުޅުނު ކަމަށް ގާނޫނީ ގޮތުން ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
މި ޔޫނިއަނުން ބުނަމުން އަންނަނީ ކުރީގެ ސަރުކާރުގެ ލިސްޓަށް އަވަހަށް ފްލެޓް ހަވާލުކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ނޮވެމްބަރު 2023ގެ ލިސްޓާ އެއްގޮތަށް، ޝަރުތު ހަމަވާ އެންމެންނަށް މި މަހުން ފެށިގެން 4،000 ފްލެޓް ހަވާލުކުރުމަށެވެ.
އެކަމަކު، ފްލެޓް ހަވާލުކުރުމުގެ ކުރިން، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޝަރުތު ހަމަނުވާ ނަމަ، އެ މީހަކު ލިސްޓުން އުނިކުރާނެ ކަން ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
ހައްގުވެރިންނަކީ ކުރީގެ 4000 ފްލެޓް ލިސްޓް: އަލީ ހުސެއިން
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި
ފްލެޓް ލިސްޓު ބާތިލެއް ނުކުރަން: މިނިސްޓްރީ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
އޭސީސީގެ އެންގުމާ ހިލާފަށް ފްލެޓްގެ ލިޔުން ދެނީ
"ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގެ ލިޔުން ދޭނެ"
ގެދޮރުވެރިޔާ ފްލެޓްތައް އާންމުންނަށް ދައްކާލަނީ
4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
ފްލެޓްތައް ދޫކުރާ ގޮތާ މެދު ޔޫނިއަންގެ ކަންބޮޑުވުން