Roadha Mihaaru
ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޯންނާނެ: އަކްރަމް

އަކްރަމް ވިދާޅުވީ މިނިސްޓްރީ އަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށް

07 ނޮވެމްބަރ 2023

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ނުފޫޒެއް ފޯރުވައިގެން ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ނުފޫޒެއް ފޯރުވައިގެން ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ފްލެޓުގެ ދާއިމީ ލިސްޓު އިއުލާންކުރުމާ އެކު، އެއީ އިންސާފުން ބޭރުން އެކުލަވާލައި، އާންމުކޮށްފައި އޮތް ލިސްޓެއް ކަމުގެ ޝަކުވާ ބޮޑުވެ އޭސީސީ އަށް ވަނީ އެ މައްސަލަ ހުށަހަޅައިފަ އެވެ. ފްލެޓަށް ޕޮއިންޓް ދިނުމުގައި ހާމަ ކަމެއް އަދި އިންސާފުވެރި ކަމެއް ނެތް ކަމަށް ބުނެ އާންމުން ހައުސިން މިނިސްޓްރީ ދޮށުގައި އަޑުއުފުލުމުން މިހާރު ވަނީ ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފަ އެވެ.

ޝަރުތު ހަމަނުވާ މީހުން އުސޫލުން ބޭރުން ހިމަނާފައިވާ ނަމަ އެކަމުގައި ޝާމިލްވާ މީހުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ދީފައިވާ އިންޒާރަށް ރައްދު ދެއްވައި އަކްރަމް މިއަދު ވިދާޅުވީ، އިހުމާލުން އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

ފްލެޓު ކޮމިޓީގެ ޗެއާ ކަން ވެސް ކުރައްވާ އަކްރަމް ވިދާޅުވީ، މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އަށް ވަޑައިގެންނެވި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީމާ ހުރިހާ ލިޔެކިޔުމަކާ މައުލޫމާތެއް ހިއްސާ ކޮށްފައިވާނެ ކަމަށާއި އެ ބޭފުޅުން ވެސް ތިއްބެވީ ވަރަށް ހިތްހަމަޖެހިވަޑައިގެން ކަަމަށެވެ.

"ފިޔަވަޅު އެޅޭނެ ކަމެއް ނޯންނާނެ، ފިޔަވަޅެއް ނުވެސް އެޅޭނެ އެގޮތަކަށް،" އަކްރަމް ވިދާޅުވި އެވެ.

އިންތިގާލީ އޮފީހުން މިއަދު ވަނީ ފްލެޓުތައް އަވަސް އަރުވާލައިގެން ހަވާލުނުކޮށް، އާ ސަރުކާރުން އެކަން ކުރުމަށް ދޫކޮށްލުމަށް އެދިފަ އެވެ. ނަމަވެސް، އަކްރަމް ވިދާޅުވީ މި ސަރުކާރު ދެމިއޮތްހާ ދުވަހަކު މި މަސައްކަތް އުސޫލުގެ ތެރެއިން ހުއްޓާނުލާ ކުރިއަށް ގެންދާނެ އެވެ.

ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވެސް ވިދާޅުވީ އަވަސް އަރުވާލައިގެން ފްލެޓުތައް ބަހާލުމުގެ ނިޔަތެއް ނެތް ކަމަށާއި ޝަކުވާ އަށް މުއްދަތެއް ދީގެން ކުރިއަށް ގެންދަނީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ހައްގު ނޫން ބަޔަކަށް ފްލެޓު ދިން ކަމަށް ދައްކަން މަސައްކަތް ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންނެވެ. މިކަމާމެދު ރައްޔިތުން ވެސް އަދި އޭސީސީ ފަދަ މުއައްސަސާތަކުން ވެސް ކަންބޮޑުވެގެން ނޫޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ރައްޔިތުން ކެކިއަރަނީކީ ވެސް ނޫން، ބަޔަކު އިސްވެ ތިބެ އައިސް އަޑުގަދަ ކުރީ. ވަކި ބަޔަކު އައިސް އަޑުގަދަކުރީ، ސޯޝަލް މީޑިއާގައި ވެސް އެހެން،. މިދެން ހަމަ އިންޑިއާ އައުޓް ކަހަލަ ކަމެއް. ވަކި ބަޔަކު އެކަން ކުރަނީ ސަރުކާރުގެ އަގު ވައްޓާލައި މި ކަން ކުރަމުން ދާތީ ރަނގަޅު ނޫން ގޮތަކަށް ދައްކަން،" އަކްރަމް ވިދާޅުވި އެވެ.