Roadha Mihaaru
ފްލެޓް ކުއްޔަށްދޭ ނަމަ ފިޔަވަޅު އަޅާނަން: އަކްރަމް

ފްލެޓް ކުއްޔަށްދޭ ނަމަ ފިޔަވަޅު އަޅާނަން: އަކްރަމް

12 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓް ލިބުމުން އެތަނުގައި ދިރިއުޅުމުގެ ބަދަލުގައި ކުއްޔަށް ދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓް ލިބުމުން އެތަނުގައި ދިރިއުޅުމުގެ ބަދަލުގައި ކުއްޔަށް ދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓު ލިބުނު ބައެެއް މީހުން ފްލެޓް ކުއްޔަށްދޭ މައްސަލާގައި ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އަކްރަމް ވިދާޅުވީ ބޯހިޔާވަހިކަމަށް ޖެހިފައި ތިބުމުން ދިން ފްލެޓްތައް ކުއްޔަށް ދޭ ނަމަ އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފްލެޓް ކުއްޔަށްދޭ ނަމަ އެންމެ ފުރަތަމަ އެގޮތަަށް އަމަލު ނުކުރުމަށް އަންގައި ޖޫރިމަނާ ކުރެވެ އެވެ. އަދި ސޯޝަލް ހައުސިންގެ ދަށުން ލިބޭ ފްލެޓް ކުއްޔަށްދޭ ނަމަ އަތުލުމުގެ ބާރު ވެސް އޮވެ އެވެ.

އެކަމަކު ހުޅުމާލޭ ފޭސް އެކެއްގައި އަޅާފައިވާ ފްލެޓްތައް ލިބުނު މީހުން ވެސް އެތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދަ އެވެ. އެކަމަކު ދުވަހަކު ވެސް މިފަދަ ފްލެޓެއް އަތުލިކަމެއް އެނގިފައެއް ނެތެވެ.

އެހެންވެ ހިޔާ މަޝްރޫއުގެ ދަށުން ލިބުނު ފްލެޓް ކުއްޔަށްދޭ ނަމަ އަތުލާނެތޯ ސުވާލުކުރުމުން އަކްރަމް ވިދާޅުވީ މިހާރު ހުރި ތިން ކޮޓަރީގެ ފްލެޓްތައްް ލިބުނު މީހުންނަށް ކުލި ދައްކަން ދަތި ނަމަ އެއް ކޮޓަރި ކުއްޔަށް ދެވިދާނެ ކަމަށް އުސޫލުގައި އޮންނަ ކަމަށެވެ. ނަމަވެސް ހިޔާ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ކިހިނެއްތޯ ދެ ކޮޓަރިން އެއް ކޮޓަރި ކުއްޔަށް ދީގެން އުޅޭނީ. މި ފްލެޓްތައް މިގޮތަށް ކުއްޔަށް ނުދެވޭނެކަން އޮންނާނީ ކުރިން ވެސް އަންގާފައި،" އަކްރަމް ވިދާޅުވި އެވެ.

ފްލެޓްތައް ލިބުނު ބައެއް މީހުން އެތަންތަން ކުއްޔަށް ދޫކުރިޔަސް އެކަމާ މެދު ފިޔަވަޅެއް އެޅޭނީ ކަމާބެހޭ އިދާރާތަކުގެ ލަފާ ލިބިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ބުނެފަ އެވެ. އެޗްޑީސީން ބުނީ ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން އެތަން އެއްވެސް މީހަކަށް ކުއްޔަށް ދިނުން ނުވަތަ ވިއްކޭނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ތެރެއިން ކަމަށެވެ.

ހިޔާ ފްލެޓަށް، 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އެ ކުލި ބޮޑުވެގެން ޝަކުވާކުރުމަށް ފަހު ދެ ކޮޓަރީގެ މިތަންތަން ކުއްޔަށް ދޫކުރަން އިސްތިހާރުކޮށްފައި ހުރީ އެންމެ ކުޑަކޮށް ވެސް 10،000ރ. އަށެވެ.

ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކުރީ އެމީހުން އުޅޭ ތަންތަނަށް ގޮސް ހާލަތު ބެލުމަށް ފަހު އެވެ. އެކަމަކު ލިބުނު ފްލެޓް ކުއްޔަށް ދޫކުރާތީ ފްލެޓްތައް ލިބުނީ ހަމަ ހައްގުވެރިންނަށްތޯ ބައެއް އާންމުން ސުވާލު އުފައްދަ އެވެ.