Roadha Mihaaru

އެޗްޑީސީގެ ފްލެޓުތަކަށް ކުލި ނުދައްކާ ނަމަ ލޯނު ލިބުން ދަތިވާ ގޮތް ހަދައިފި

ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި އުޅޭ މީހުން ކުލި ދައްކާ ގޮތުގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަށް އަރާ ގޮތް ހަދައިފި އެވެ.

ކުލި ނުދައްކާ ނަމަ ލޯނު ލިބުން ދަތިވާގޮތް ހަދައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

17 ޖުލައި 2025

ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި އުޅޭ މީހުން ކުލި ދައްކާ ގޮތުގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަށް އަރާ ގޮތް ހަދައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެމްއެމްއޭގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" ގައި މިދިޔަ މާޗު މަހު އެ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އެ މަހުން ފެށިގެން އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންގެ މައުލޫމަތު އެ ސިސްޓަމަށް އަޕްޑޭޓު ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، އެކަން ކުރީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމާއި ކުންފުނީގެ މާލީ ގާބިލުކަން އިތުރު ކުރުމަށާއި އާންމު ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ.

އެމްއެމްއޭގެ ކްރެޑިޓް އިންޕޮމޭޝަން ސިސްޓަމަށް އެ މައުލޫމަތު އަޕްޑޭޓްވާން ފެށުމުން ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންނަށް އެހެން އެއްވެސް މާލީ އިދާރާއަކުން ކްރެޑިޓް ދޫކުރުމުގެ ކުރިން ނުވަތަ ރީސްޓަކްޗާ ކުރުމުގެ ކުރިން ނުވަތަ ލޯނު އެއްބަސްވުން އާ ކުރުމުގެ ކުރިން ނުވަތަ ލޯނުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން ކުލި ނުދެއްކުމުގެ ހިސާބުތައް ވެސް އިވެލުއޭޓު ކުރާނެ އެވެ. އެހެންވެ، އެޗްޑީސީން ދޫކޮށްފައިވާ އެއްވެސް ފްލެޓެއްގެ ކުލި ނުދައްކާ ނަމަ އެ މީހެއްގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ ފުރުސަތު އޮންނާނެ އެވެ.

އެޗްޑީސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ކުންފުންޏަށް ކުލީގެ ގޮތުގައި ނުލިބި 894 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެ ކުންފުނިން މެނޭޖްކުރާ ޕްރޮޖެކްޓްތަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ހިޔާ މަޝްރޫއުއިންނެވެ.

ހަތް ހާސް ފްލެޓް ދޫކުރި އެ މަޝްރޫއުގެ ދަށުން ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ކުލީގެ ގޮތުގައި އެޗްޑީސީ އަށް ނުލިބި ހުރި ފައިސާގެ 70 ޕަސެންޓެވެ. ހުޅުމާލެ 1 ގައި ހުރި ފްލެޓްތަކުން ނުލިބި ހުރީ 230 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ އަދަދުގެ 26 ޕަސެންޓެވެ. ބާކީ 37 މިލިއަން ރުފިޔާ ނުވަތަ ހަތަރު ޕަސެންޓް ނިސްބަތް ވަނީ ވިނަރެސް ފްލެޓްތަކުން ނުލިބޭ ފައިސާއަށެވެ.

އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. މާނައަކީ 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ. އެހެންވެ، ކުލި ނުދައްކާ މީހުންގެ އަދަދު 60 ޕަސެންޓަށް އަރަ އެވެ.

މީގެ ކުރިން 2022 ގައި އެޗްޑީސީގެ ހިސާބުތަކުގައިވާ ގޮތުން ކުލި ނުދައްކާ މީހުންގެ އަދަދު އުޅުނީ 30-40 ޕަސެންޓާ ދެމެދުގެ އަދަދެއްގަ އެވެ. އެހެންވެ، ހަމައެކަނި މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ކުލި ނުދައްކާ ނިސްބަތް ގާތްގަނޑަކަށް ދެ ގުނަ ވެފަ އެވެ.