Roadha Mihaaru

ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލާގެ ތަހުގީގަށް، މިހާރު މަގާމުން ސަސްޕެންޑް ކޮށްފައި ހުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އަދި ހައްގު ނޫން ގޯތި ލިބުނު އޭނާގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭހެން މި މައްސަލާގައި ތުހުމަތު ކުރެވޭ 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

20 ޑިސެމްބަރ 2024

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލާގެ ތަހުގީގަށް، މިހާރު މަގާމުން ސަސްޕެންޑް ކޮށްފައި ހުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އަދި ހައްގު ނޫން ގޯތި ލިބުނު އޭނާގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭހެން މި މައްސަލާގައި ތުހުމަތު ކުރެވޭ 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ފަޒުލް އާއި ފަޒީލްގެ އިތުރުން ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ ބައެއް ވެރިން ހިމެނެ އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލްގެ ނަން އޮއްވައި އޭނާ އަށް ވަނީ ގޯތީގެ ރަޖިސްޓްރީއެއް ހަދައިފަ އެވެ.

އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ފަޅާއެެރުމާއެކު، އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި، ބޯޑާއި ބައެއް އިސް މުވައްޒަފުން ވަނީ އިއްޔެ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އޭގެ ތެރޭގައި ފަޒުލް ވެސް ހިމެނެ އެވެ.

ގޯތި ލިބުނު ކަމަށް ތުހުމަތު ކުރެވޭ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ކަމުން ފަޒީލް ވެސް އިއްޔެ ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް، ފުލުހުން ވަނީ އެ މައްސަލަ ވެސް ތަހުގީގުކުރަން ފަށައިފަ އެވެ.

މި މައްސަލާގައި ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ބިންތަކުގެ މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގުގައި ހަ މީހަކާ ސުވާލުކޮށްފައިވާ އިރު އޭގެ ތެރޭގައި އެޗްޑީސީގެ އެއްވެސް މުވައްޒަފަކު އަދި ނުހިމެނޭ ކަމަށެވެ.

މި މައްސަލާގައި ސުވާލުކުރި މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނޭ ކަމަށާއި، ނަމަވެސް، ފަޒުލް އަށް އެއްވެސް ތުހުމަތެއް ފުލުހުން އަދި ނުކުރާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުުރަކަށް ފުލުހުންނާއި އޭސީސީން މިހާރު ވަނީ ބިންވެރިޔާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ފަށަން ތައްޔާރުވެފަ އެވެ. އެއީ ދެބައި މީހުން ގުޅިގެން ހިންގާ ތަހުގީގެކެވެ.

ގިނަ ބަަޔަކު ސަސްޕެންޝަންގައި

ހުޅުމާލެ އިން ހައްގު ނޫން ބަޔަކަށް ގޯތިތަކެއް ދޫކުރި މައްސަލަ ފެންމަތިވުމާ އެކު، އެޗްޑީސީގެ އެމްޑީ އާއި ފަޒުލް އާއި އެ ކުންފުނީގެ ބޯޑު މެމްބަރުންގެ އިތުރުން އެހެން ގިނަ ބަޔަކު ވެސް މިހާރު ތިބީ އިއްޔެ އިން ފެށިގެން ސަސްޕެންޝަންގަ އެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ސީނިއާ މެނޭޖުމަންޓުގެ އިސް ބައެއް ބޭފުޅުންނާއި ހައުސިން މިނިސްޓްރީގެ ބައެއް ސިޔާސީ ބޭފުޅުން ހިމެނޭހެން މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެޗްޑީސީން ސަސްޕެންޑް ކުރީ މިހާތަނަށް އެނގިފައިވާ ގޮތުގައި ހަތަރު މީހެކެވެ. އެއީ އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން އެވެ.

މައްސަލަ ޖެހުނު ގޯތިތަކާ ގުޅޭ ސިޓީތަކުގައި ސޮއިކުރައްވާފައިވަނީ އައިމަން އެވެ.

ހައުސިން މިނިސްޓްރީން ސަސްޕެންޑްކުރި 10 މީހުންގެ ތެރޭގައި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންތަކެއް ވެސް ހިމެނެ އެވެ. އެ މީހުން ސަސްޕެންޑް ކުރި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާކަން ނުވަތަ ހިންގިކަން އެނގިވަޑައިގެންފި ނަމަ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނަށް ދެއްވައިފަ އެވެ.