Roadha Mihaaru

ގޯތި މައްސަލާގައި ތުހުމަތުވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ހިފަހައްޓައިފި

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިން މައްސަލާގައި، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

25 ޑިސެމްބަރ 2024

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިން މައްސަލާގައި، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

ފުލުހުން ދެންމެ ބުނީ އެ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މި މައްސަލައާ ގުޅިގެން އެޗްޑީސީން ސަސްޕެންޑްކުރި 15 މުވައްޒަފުންނާއި ހައުސިން މިނިސްޓްރީން ސަސްޕެންޑްކުރި 10 މުވައްޒަފުންނެވެ. ފުލުހުން ކުރާ ތަހުގީގާ ގުޅިގެން އެ އެންމެންގެ ޕާސްޕޯޓު ވެސް މީގެ ކުރިން އޮތީ ހިފަހައްޓައިފަ އެވެ.

މި މައްސަލާގައި އެޗްޑީސީގެ ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންނާއި ބޯޑު މެމްބަރުންގެ ވަޒީފާ މިއަދު ވަނީ އަލުން އިޔާދަ ވެސް ކޮށްފަ އެވެ. އެކަމަކު، އަދިވެސް އެ މީހުން ތިބީ ސަސްޕެންޝަނުގަ އެވެ.

ގޯތި ލިބުނު ކަމުގެ ވަގު ލިޔުން ހެދި ކަމަށް ތުހުމަތުވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ފޯނު ވެސް ފުލުހުން ވަނީ މިއަދު ހިފަހައްޓައިފަ އެވެ. ފަޒީލްއަކީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.

ފަޒުލް އަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ ބޭބެ، ފަަޒީލް އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ.

އެ މައްސަލަ ފެންމަތިވުމުން އެމްޑަބްލިއުއެސްސީ ވަނީ ފަޒީލް ސަސްޕެންޑުކޮށްފަ އެވެ. އަދި އެޗްޑީސީން ފަޒުލް ވެސް ސަސްޕެންޑުކުރި އެވެ. ފަޒުލް ސަސްޕެންޝަންގައި ހުންނަވައި ވަނީ ފުލުހުންނާއި އޭސީސީގެ ތަހުގީގަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ، އެޗްޑީސީގެ އެމްޑީ ކަމުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްތިއުފާ ދެއްވައިފަ އެވެ.

މި މައްސަލާގައި ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.