Roadha Mihaaru
ހުޅުމާލޭގެ ފްލެޓްތަކަށް 12 މީހަކު ކުލި ނުދައްކާ

ހުޅުމާލޭގެ ފްލެޓްތަކަށް އެއްގޮތަކަށް ވެސް ފައިސާ ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައިފި

22 ޖޫން 2021

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ 704 ފްލެޓްގައި ދިރިއުޅޭ މީހުންގެ ތެރެއިން 12 މީހަކު އެއްގޮތަކަށް ވެސް ފައިސާ ނުދައްކާ ކަމަށާއި އެ މީހުންނަށް ނޯޓިސް ފޮނުވަން ފަށާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ 704 ފްލެޓްގައި ދިރިއުޅޭ މީހުންގެ ތެރެއިން 12 މީހަކު އެއްގޮތަކަށް ވެސް ފައިސާ ނުދައްކާ ކަމަށާއި އެ މީހުންނަށް ނޯޓިސް ފޮނުވަން ފަށާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ފްލެޓްތަކަށް ފައިސާ ނުދައްކާ މީހުންގެ ތެރެއިން އެކަކަށް މިނިސްޓްރީން އިއްޔެ ވަނީ ނޯޓިސް ވެސް ފޮނުވައިފައި ކަމަށެވެ. އެ ނޯޓިސްގައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި ފްލެޓަށް ފައިސާ ދައްކަންޖެހެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ބާކީ ތިބި މީހުންނަށް ވެސް ފައިސާ ދެއްކުމުގެ ނޯޓިސް ކުރިއަށް އޮތް ދުވަސްތަކުގައި ފޮނުވާނެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް މިއިން ކޮންމެ މީހަކު ވެސް 235،200ރ. ދައްކަންޖެހެ އެވެ.

އެނގިފައިވާ ގޮތުގައި ނޯޓިސް ދީގެން ވެސް ފައިސާ ނުދައްކައިފި ނަމަ، އެ މީހުން ގޮވައިގެން ކޯޓަށް ދިއުމަށް މިނިސްޓްރީން ތައްޔާރުވާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ހެދި، އާންމުންނަށް ކުރިމަތިވި މާލީ ގޮންޖެހުންތަކާ ގުޅިގެން ވެސް ހައުސިން މިނިސްޓްރީން ވަނީ އެ ފްލެޓްތަކަށް ފައިސާ ދެއްކުން ފަސްކޮށްދީފަ އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން 2014 ވަނަ އަހަރު ހުޅުމާލޭގައި 704 ފްލެޓާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި އަޅަން ފެށި 796 ފްލެޓްތައް ނިންމައި ސަރުކާރާ ހަވާލުކުރީ 2017 ގަ އެވެ.