Roadha Mihaaru
7،000 ފްލެޓުގެ ޑިޒައިން ބަދަލުނުކުރަން ނިންމައިފި

7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ނުގެންނަން ނިންމައިފި

19 ނޮވެމްބަރ 2019

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ނުގެންނަން ސަރުކާރުން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ނުގެންނަން ސަރުކާރުން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން މި ސަރުކާރުން ވިސްނީ ޑިޒައިނަށް ބަދަލު ގެނެސް ފްލެޓްތަކުގެ އަދަދު މަދުކުރުމަށެވެ. ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެ އެވެ.

މިގޮތަށް ބަދަލުކުރަން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އަދަދު މަދު ނުކުރުމަށެވެ.

ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.

ޓުވިޓާގައި އާއްމުކޮށްފައިވާ، ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓުގެ ވީޑިއޯއެއް.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ޑިޒައިނަށް ބަދަލު ނުގެންނަން ނިންމީ މަޝްވަރާ ކުރަމުން ދިޔައިރު، ލިބުނު ހިޔާލުތަކަށް ވެސް ބެލުމަށް ފަހު ކަމަށެވެ. އަދަދު ވަރަށް ބޮޑުތަނުން މަދުވާން ބައެއް މީހުން ނޭދޭއިރު، މި ވަގުތަށް ބަލާއިރު ފްލެޓްތައް އެގޮތަށް ބަހައްޓަން ހިޔާލު ލިބުނު ކަމަށް ވިދާޅުވި އެވެ.

އެހެން ނޫނަސް، ފާރުތައް ތަޅާލައިގެން ޑިޒައިނަށް ބޮޑު ބަދަލެއް ގެނައުމަކީ ގޮންޖެހުން ބޮޑު، ހަރަދުގެ ގޮތުން ބަލާއިރު ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަން ސުހެއިލް ފާހަގަކުރެއްވި އެވެ.

"އެހެންވެ މަޝްވަރާތަކުން ނިންމީ ޑިޒައިނަށް ބަދަލު ނުގެނެސް ނިންމަން. މިހާރު އުއްމީދުކުރަނީ ތާޑް ކުއާޓަ [އަންނަ އަހަރުގެ ޖުލައި- ސެޕްޓެމްބަރު]ގެ ތެރޭގައި ފްލެޓްތައް ނިމެނޭ ކަމަށް. ސީދާ ވަކި ތާރީހެއް އަދި ދަންނަވަން އުނދަގޫ،" ސުހެއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި އޮތީ ތަށިމުށިޖެހުމާއި ކުލަލުން ފަދަ ފިނިޝިން މަސައްކަތްތައް ނުނިންމައި ފްލެޓް ހަވާލު ކުރުމަށެވެ. އެކަމަކު މިހާރު ވިސްނުމަކީ ހުރިހާ މަސައްކަތެއް ނިންމާފައި ފްލެޓް ހަވާލުކުރުމެވެ.

އެކަމަށް، 40 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ސަރުކާރުން އަންނަނީ ވާހަކަ ދައްކަމުންނެވެ.

ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީން އެ މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް ގޮތެއް ނުނިންމަ އެވެ. އެންމެ ފަހުން ބުނެފައި ވަނީ، ދިރިއުޅުމުގެ ހާލަތު ބަލަން ވަރަށް އަވަހަށް ގޭގެއަށް ޒިޔާރަތްކުރަން ފަށާނެ ކަމަށެވެ.

މި ކޮމިޓީގެ މަސައްކަތް ނިންމަން ރައީސް އޮފީހުން އޮތީ މުއްދަތެއް ދީފަ އެވެ. އެއީ އަންނަ ޑިސެމްބަރު 15، އެވެ.