Roadha Mihaaru
ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުލި ކުޑަކޮށްފި

ހިޔާ ފްލެޓާއި ވިނަރެސްގެ ކުލި ކުޑަކޮށްފި

05 ޑިސެމްބަރ 2023

ހިޔާ ފްލެޓްގެ ކުލި ހަތް އަހަރުގެ މުއްދަތަށް ކުޑަކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ހިޔާ ފްލެޓްގެ ކުލި ހަތް އަހަރުގެ މުއްދަތަށް ކުޑަކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް، ފްލެޓް ލިބުނު ފަރާތްތަކުން ކުރި ހަރަދުން 200،000ރ. އުނިކުރުމަށް ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމުން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްގެ މަހު ކުއްޔަށް ދައްކަން ޖެހޭނީ 3،900ރ. ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއަދު ސަރުކާރުން ނިންމާފައިވަނީ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަ ކުރުމަށާއި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ އުނިވާ ގޮތަށް ކުޑަކުރާށެވެ.

މީގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި 3،300ރ. އަށް ކުޑަކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ހިޔާ ފްލެޓްތައް ހަދަން ހޭދަކުރި ފައިސާ އަނބުރާ ދިނުމާއި އެހެން ފްލެޓްތަކުގެ އަގު ކުޑަކޮށް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި ހުޅުމާލެ 1 ގަ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުން ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދެއްވާނެ ކަމަށެވެ. އަދި ނުދެއްކި ހުރި ކުލި ބަހާލައިގެން ދެއްކޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، ކުރިން ވެސް ވިދާޅުވެފައިވާ ގޮތަށް، ފްލެޓާއި ގޯތި ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ލިސްޓެއްގައި ނަން އޮވެއްޖެ ނަމަ އެ މީހަކަށް އެ ލިބޭނެ ކަމަށް މިއަދު ވެސް ވިދާޅުވި އެވެ.