Roadha Mihaaru
ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި

ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި

31 ޑިސެމްބަރ 2023

ސަރުކާރުން އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދެއްކުމުން މިއަދުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މިހާރު މާފުކޮށްދީފައިވާ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

ސަރުކާރުން އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދެއްކުމުން މިއަދުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މިހާރު މާފުކޮށްދީފައިވާ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އެ ޖޫރިމަނާތައް މާފުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމަވާފައިވާ ކަމެކެވެ.

އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ، ޖޫރިމަނާ މާފުކޮށްދިނުމަށް ފަހު، ފްލެޓްތަކަށް ނުދެއްކި ބާކީ ހުރި ފައިސާތައް ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކޮށްގެން ހަމަޖައްސައިދޭ އުސޫލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯ އިން ހަމަޖެއްސި އުސޫލު:

- ފްލެޓްތަކަށް ފައިސާ ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހެއްގައި ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓް ކަމަށް ކަނޑައެޅުން.

- ޖޫރިމަނާ އަށް ކުރިން އަހަރަކަށް 18 ޕަސެންޓް ދައްކަން ޖެހޭއިރު، އާ އުސޫލުގެ މަތިން ކޮންމެ މަހަކު ނަގާ އެއްޕަސެންޓް ޖޫރިމަނާ ސޮދަގާތު ފައުންޑޭޝަން ހަދިޔާކުރުން.

އާބަންކޯ އިން ބުނިގޮތުގައި، ފްލެޓްތަކަށް ފައިސާ ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހެއްގައި ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓް ކަމަށް ހަމަޖެއްސުމުން، ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރެއް ނުވާނެ އެވެ. އެންމެ ބޮޑު އެއްފަސޭހައަކީ ޖޫރިމަނާގެ ގޮތުގައި ނަގާ އަދަދު ދެ ފަރާތަށް ވެސް އެނގެން އޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯ އިން މިހާރު ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމަށް ނުވަތަ ދައްކަން ޖެހި، ނުދެއްކިވާ ފައިސާ ބަހާލައިގެން ދައްކަން ބޭނުންވާ މީހުންނަށް އަންނަ ޖެނުއަރީ 10 ގެ ކުރިން އެ ފުރުސަތަށް އެދި ހުށަހަޅަން ހުޅުވާލައިފަ އެވެ. އެ ކަމަށް އެދެން ޖެހެނީ ހާއްސަ ފޯމެއް ފުރައިގެންނެވެ.